ރައީސް ޑރ. މުޢިއްޒުގެ ޚިދުމަތްތައް ބަލައިގަނެ ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީން މަތީ ޝަރަފެއް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރައީސް ޑރ. މުޢިއްޒުގެ ޚިދުމަތްތައް ބަލައިގަނެ ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީން މަތީ ޝަރަފެއް އަރުވައިފި


ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމީ މަސްލަޙަތު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.

މި ޝަރަފު އެރުވުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އޮތް މި ހަފްލާގައި، އެމަނިކުފާނަށް މި ޝަރަފު ހަވާލުކޮށްދެއްވީ އެ ޔުނިވަރސިޓީގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.

ޔުނިވަރސިޓީން މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އެރުވުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެމަނިކުފާނު ސިޔާސީ ދާއިރާއިން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިކުރެއްވުމަށް ދެއްވާ އަހައްމިއްޔަތުކަން ހިމެނެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މަސްރަޙުގައި ޤައުމުތަކާ އޮންނަ ގުޅުން ހަރުދަނާކުރެއްވުމަށާއި، ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ދައްކަވަމުން ގެންދަވާ ހަރުދަނާ ލީޑަރޝިޕް ފާހަގަކޮށްފައިވެއެވެ.

މިއީ ބޭރުގެ ޝަރަފުވެރި އިސްލާމީ ޔުނިވަރސިޓީއަކުން ރައީސް މުޢިއްޒަށް މިފަދަ މަތީ ޝަރަފެއް އެރުވި ދެވަނަ ފަހަރެވެ. އެގޮތުން، މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އިން ވަނީ އިސްލާމީ ޒައާމަތާއި މަދަނީ ތަރައްޤީގެ ރޮނގުން އެމަނިކުފާނަށް 'އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ' ގެ ޝަރަފު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން ދަތުރުފުޅެކެވެ. އެގޮތުން، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި، މުހިންމު 20 ދާއިރާއަކުން މިއަދު ވަނީ ދޭދޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މިއަދު އޮންލައިން