ކީރިތި ޤުރުޢާނުގައިވާ ސުވަރުގޭގެ ވާހަކަތަކުން ލިބިދޭ ބައެއް ފިލާވަޅުތައް-

ކިޔުމަށް ހޭދަވާނީ 2މ 57ސ
ކީރިތި ޤުރުޢާނުގައިވާ ސުވަރުގޭގެ ވާހަކަތަކުން ލިބިދޭ ބައެއް ފިލާވަޅުތައް-

ފާޠިމަތު ނަޢީޝާ

ކީރިތި ޤުރުޢާނުގައި ސުވަރުގެއާއި ނަރަކައިގެ ވާހަކަ އެތައް ފަހަރަކު އައިސްފައިވެއެވެ. އެއީ އަހަރެމެންނަށްވާ ހަނދާންކޮށްދިނުމެކެވެ. ވިސްނައިފި މީހަކަށް ޢިބުރަތުން ފުރިގެންވާ ވާހަކަތަކެކެވެ. މިލިޔުމުގައި، ކީރިތި ޤުރުޢާނުގައިވާ ސުވަރުގޭގެ ބައެއް ވާހަކަތަކަށް ބަލައިލާނަމެވެ. 

"އަދި އީމާންވެ ޞާލިހު ޢަމަލުތައްކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭނގެފާނު އެއުރެންނަށް ދެއްވާށެވެ! އެސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަ ހިނގައި ހުރެތެވެ. އެސުވަރުގެ ތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު އެއުރެން ބުނާނެތެވެ. މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ ބޭރުފުށުން އެއްވައްތަރުވާ ހާލުގައެވެ. އަދި އެ ސުވަރުގެތަކުގައި އެއުރެންނަށްޓަކައި ޠާހިރުވެގެންވާ އަނބިންތަކެއްވެއެވެ. އަދި، އެއުރެންނީ، އެ ސުވަރުގެތަކުގައި ދެމިތިބޭނެ ބައެކެވެ." (سورة البقرة: 25) 

އެސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުންނަ ކަމުގެ ވާހަކަ ވަރަށް ގިނައިން އައިސްފައިހުރެއެވެ. ހަމައެއާއިއެކު، އެސުވަރުގެތަކުގެ ފެހިކަމާއި ތާޒާކަމުގެ ވާހަކަތައްވެސް އައިސްފައިވެއެވެ. 

"އެއުރެންނަށް ޢަދްނު އޭ ކިޔުނު ސުވަރުގެތައް ހުއްޓެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެއެވެ. އެތާނގައި ރަނުގެ އުޅާތަކުން ގައިގައި ގަހަނާ އަޅުއްވާނެތެވެ. އަދި ފެހިކުލައިގެ ސުންދުސް އާއި ފަލަފަށުއި ފޭރާން ލާނެތެވެ. އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ ހާލުގައެވެ. އެއުރެންނަށް ހުރި ޘަވާބުގެ މޮޅުކަމާއެވެ! އަދި އެއުރެން ދެމިތިބެނިވިތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ!" (سورة الكهف : 31)

މިއާޔަތުން ސުވަރުގޭގެ އަހުލުވެރިންގެ ފޭރާން އެނގިގެންދެއެވެ. އެބައިމީހުންވާނީ އެހާމެ ހިތްހަމަޖެހިގެންކަން ކަށަވަރެވެ. ދާއިމީ ގެއެއްގެ ގޮތުގައި ސުވަރުގެ ނޫން އެހެންތަނެއް ފުރިހަމަހެއްޔެވެ؟ 

"އެއުރެންނަށްޓަކައި އެނގިގެންވާ ރިޒްޤެއްވެއެވެ. އެއީ، މޭވާތަކެވެ. އަދި އެއުރެންނީ މާތްކުރައްވާފައިވާ ބަޔެކެވެ. ނިޢުމަތުގެ ސުވަރުގެތަކުގައެވެ. ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. ހިނގަހިނގާ ހުންނަ އާރުތަކުން ނެގޭ ބުއިމެއްގެ ތަށިތަކައިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. މީރު، ހުދުކުލައިގެ ބުއިމެކެވެ. އެބުއިމުން ބޯއެނބުރުމެއްނެތެވެ. އަދި، އޭގެ ސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އަދި ކަޅިރަވަ ތޫނު، ޢިއްފަތްތެރި ޙޫރުލްޢީނުން އެއުރެންގެ ގާތުގައިވެއެވެ." سورة الصّافّات: 41-48) 

އެތަނުގެ މޭވާތަކާއި ބުއިންތަކަކީވެސް އެތަނުގެ އަހުރުވެރިންނަށްވާ ރިޒްޤެކެވެ. އެތަކެއްޗަކީ މިދުނިޔޭގައި އަހަރެމެން ކައިބުއިހަދާ ތަކެއްޗަށްވުރެ އެތައްގުނައެއް މީރުތަކެއްޗެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅައް ދެނެވޮޑިގެންވާނީ އެކަލާނގެއެވެ. 

"އެދުވަހުން ނިޢުމަތް ލިބިގެންވާ، އުފާވެރި މޫނުތައްވެއެވެ. ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވާހާލުއެވެ. މަތިވެރިވެގެންވާ ސުވަރުގޭގައެވެ. ގެއްލުންދެނިވި ބޭކާރު ވާހަކައެއް އެތާނގައި އެއުރެން ނާހާނެތެވެ." (سورة الغاشية: 8-11) 

ހިތްހަމަޖެހުމާއި އުފާވެރިކަމުން ފުރިގެންވާ ތަނެއްގެ ގޮތުގައި މެނުވީ ސުވަރުގެ ނުވާނެކަން ކަށަވަރެވެ. އެއުފަލަކީ ދާއިމީ އުފަލެކެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ހޯދޭނެ މަގު އަހަރެމެންނަށް ދައްކަވާފައިވާއިރުވެސް މިދުނިޔޭގެ ލައްޛަތާއި އުފާވެރިކަން ފަހަމުން، ޣާފިލް ނިދީގައި އެތައް ބަޔަކު އުޅޭތަން ފެނެއެވެ. އެހެންކަމުން، ޠަޢުބާވުމަށް އަވަސްވެގަންނާށެވެ. އެކަލާނގެ ދެއްކެވި މަގުން ހިނގައިގެން މެނުވީ ފަލާޙާއި ކާމިޔާބެއް ނުލިބޭނެއެވެ. އެއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. 

https://www.whyislam.org/heaven/  

މިއަދު އޮންލައިން