މަޖިލީހުގެ ނަމުގަ ރާއްޖޭގައި ހިންގާ ޝައިޠޯނީ ކިއްލާގައި ރާއްޖޭގައި ދީނީ މިނިވަންކަން ދޭން ގޮވާލި މައްސަލަ ބަލައިދިނުން އެދި އަމިއްލަފަރާތަކުން ފުލުހުންނަށް މިއަދު ހުށަހަޅައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުންގެ އިދާރާގައި މިފަދަ ކަންކަން ބެލުމުގެ ބާރު މިހާރު ނެތުމުން އުތެމަ ޖަމާޢަތުގެ ރިޕޯޓާއި ގުޅިގެން ހުށަހެޅި މައްސަލަވެސް އަދިވެސް ބެލިކަން އެނގިފައެއް ނެތެވެ.
މޯލްޑިވްސް ޕޮލިސް ކޮމިޝަނަރަށް،
السلام عليكم ورحمة الله وبركاته،
ނިމިދިޔަ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖްލީހުގެ ތަޅުުމުގައި ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުން ތަމްސީލު ކުރެވުމަށް ހުވައިކޮށްގެން ހުންނެވި އެދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ އިސްލާމް ދީނުގެ އަޞްލުތަކާއި ރާއްޖޭގެ ޤާނޫނޫ އަސާސީއާ ޚިލާފަށް ވާހަކަ ދައްކައި މިރާއްޖޭގައި ޣައިރު ދީންތަކަށް އުޅުމުގެ ފުރުޞަތު ދޭން ގޮވާލާފައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، މިދުނިޔެ މަތީގެ އެއްވެސް ބިމެއްގައި އިސްލާމް ދީން ފެތުރި ޝިރުކާއި ކުފުރެ މަތީގައިވާ އެހެން ދީންތަށް އެބިމަކުން ފޮހެވިގެން ގޮސްފައިވަނިކޮށް، އަލުން އަނބުރާ ބާޠިލު އެދީންތަށް ދިރުވައި އާލާކުރުމަކީ އިސްލާމް ދީން އެއްވެސް ޙާލެއްގައި ހުއްދަކުރާ ކަމެއް ނޫންކަން އެއީ އެއްވެސް ދީނީ ޢިލްމުވެރިން ވެސް، އަދި ޢަދުލުވެރި ހަމަ ބުއްދިން ވިސްނޭ އެއްވެސް މީހަކު ޚިލާފުވާ ކަމެއް ނޫނެވެ. ހަމައެއާއެކު، ޢަބްދުﷲ ޖާބިރު ދެއްކި ޣައިރު ދީނީ ވާހަކައަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އިންކާރު ކުރައްވާފައި ވާކަމާއި، ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުޙައްމަދު ރަޝީދު އިބްރާހިމް ވެސް، ޢަބްދުﷲ ޖާބިރުގެ އެވާހަކަ ކުށްވެރި ކުރައްވާފައިވާކަން މިދަނޑިވަޅުގައި ފާހަގަކުރަމެވެ.
ހަމައެފަދައިން، ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގައި ހިމެނޭ އިސްތިޘްނާ ދީފައިވާ ކަންތައްތަކުގެ ތެރޭގައި، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ވާހަކައެއް ދެއްކުން ނުހިމެނޭ ކަމީ މިމައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއް ކަމުގައި ވެސް ދެކެމެވެ.
ވީމާ، ޢަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖްލީހުގައި ދެއްކެވި ވާހަކައިގައި ޣައިރު ދީންތަކަށް ޖާގަ ދޭން ގޮވާފައިވާތީ، އޭނާ ހައްޔަރު ކޮށްދެއްވައި، އޭނާގެ މި މައްސަލަ ޚާއްޞަ ސަމާލުކަމެއްގެ ދަށުން ތަޙްޤީޤު ކޮށްދެއްވައި އޭނާގެ މައްޗަށް ދަޢުވާ އުފުއްލަވައި ދެއްވުން އެދި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
04 އޮކްޓޯބަރ 2021.