ޖާބިރު މުސްލިމުންނަށް ބޮޑު ބިރަކަށްވެ ޤުރްއާން ނުބައިކޮށް މާނަކުރާއިރުވެސް ފިޔަވަޅު ނާޅާނަމަ، އެކަމުގެ ޒިންމާ ﷲ ގެ ޙަޟްރަތުގަ ދައުލަތަށް އުފުލަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 46ސ
ޖާބިރު މުސްލިމުންނަށް ބޮޑު ބިރަކަށްވެ ޤުރްއާން ނުބައިކޮށް މާނަކުރާއިރުވެސް ފިޔަވަޅު ނާޅާނަމަ، އެކަމުގެ ޒިންމާ ﷲ ގެ ޙަޟްރަތުގަ ދައުލަތަށް އުފުލަން ޖެހޭނެ!

ކީރިތި ޤުރްއާނުގައި: 

لَكُمْ دِينُكُمْ وَلِيَ دِينِ 

"ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ!" (އަލްކާފިރޫން: 6) 

މި އާޔަތުގެ މުރާދަކީ މުސްލިމުން ކާފިރުވެ އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ އިޚްތިޔާރު ލިބިގެންވާ ވާހަކައެއް ނޫނެވެ. އަދި ކިއެއް! އެ ވަޙީބަސްފުޅުގެ މާނައަކީ ކާފިރުން ބޭނުންނަމަ، އިސްލާމް ދީނަށް ނުވަދެ ކާފިރުންގެ ގޮތުގައި ތިބުމެއް ވެސް ނޫނެވެ. އަދި އެކަމަށް ހިތްވަރު ދިނުމެއް ވެސް ނުމެ ނޫންމެއެވެ. އެހެނެއްކަމަކު މި އާޔަތުގެ މުރާދަކީ މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބުމަށް ބާރު އެޅުމެވެ. ކޮންމެ ފަދަ ހުށަހެޅުމެއް ހުށަހަޅައި މަޖުބޫރު ކުރުވިޔަސް ދީން މަތީގައި ސާބިތުވެ ތިބުމަށެވެ. މިފަދަ އާޔަތްތަކުގެ މުރާދު ރަނގަޅަށް ފަހުމްވެގަތުމަށްޓަކައި އާޔަތްތަކުގެ ސަބަބު ނުޒޫލަށާއި، ޤުރުއާނުގެ ތަފްސީރަށް ރުޖޫޢަވާންޖެހެނީ އެހެން ވެގެންނެވެ. 

ނިކަން ބައްލަވާށެވެ! މި ސޫރަތް ބާވައިލެއްވުނީ މައްކާގައެވެ. އަދި މި ސޫރަތް ބާވައިލެއްވުމުގެ ކުރިންނާއި ފަހުންވެސް ކީރިތި ރަސޫލާ މައްކާގެ މުޝްރިކުން އިސްލާމް ދީނަށް ވަނުމަށް ގޮވާލެއްވިއެވެ. އަދި ކާފިރުންނާ ދެކޮޅަށް ޖިހާދު ކުރެއްވިއެވެ. އެ އާޔަތުން ދޭހަވާ ޙައްޤު މުރާދަކީ ކާފަރުން އެބައިމީހުންގެ ގޮތް ދޫނުކޮށް ކާފަރުންގެ ގޮތުގައި ތިއްބަސް އެކަލޭގެފާނު އެކަލޭގެފާނުގެ ދީން ދޫނުކުރައްވާނެ ކަމެވެ. އެމީހުންނަށް އެ މީހުންގެ ދީނެވެ. އެކަލޭގެފާނު ހުންނަވާނީ އެކަލޭގެފާނުގެ ދީން މަތީގައެވެ. 

އެހެންކަމުން ބައެއް މީހުންނަށް ވިސްނޭގޮތަށް މި އާޔަތަކީ ކާފިރުން ކާފިރުންގެ ގޮތުގައި ތިބުމަށް ހިތްވަރުދީ މުސްލިމުން ދީނުން ބޭރުވުމަށް އޮތް ލައިސަންސްއެއް ނޫނެވެ. އެފަދައިން އެބައިމީހުންނަށް މިފަދަ އާޔަތްތައް ވިސްނެނީ އާޔަތް ބާވައިލެއްވުނު ސަބަބާއި އާޔަތުގެ މުރާދައާމެދު ތަފްސީރުގެ ޢިލްމުވެރިން ވިދާޅުވެފައިވާ އެއްޗެއް ނޭނގުމުގެ ސަބަބުންނެވެ. މުރައްކަބު ޖާހިލަކަށް ވުމުންނެވެ. 

މުސްލިމަކު ދީން ދޫކޮށްލައިފިނަމަ އޮތީ މަސްއޫލުވެރި ފަރާތްތަކުން އޭނާއަށް ނަޞޭޙަތްދީ، ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ފުރުޞަތުދީ ތައުބާ ލައިދިނުމެވެ. އަދި އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމަށްފަހު އިސްލާމް ދީނަށް އެނބުރި ރުޖޫޢަ ނުވެއްޖެނަމަ، އޮތީ މުރުތައްދުންގެ މައްޗަށް ދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދު ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ޤާއިމުކުރުމެވެ. މިނޫން އެއްވެސް ޙުކުމެއް އެކަމަކަށް ނެތެވެ. 

ކަންމިހެން އޮތްއިރު ކީރިތި ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް މާނަކޮށް ދިވެހިރައްޔިތުންނަށް އޮޅުވާލައި، އިސްލާމް ދީން ދޫކުރަން ހިތްވަރުދިނުމަކީ ރާއްޖޭގައި މީހަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާ ކަމަށް ނޫނީ ނުވާނެއެވެ! 

އަޅުގަނޑަށް މިކަމުގަ ބަހެއް ބުނަން މިޖެހުނީ ޖާބިރު އެވާހަކަ ދެއްކީންސުރެ މެދުނުކެނޑި ރައްޔިތުން ގުޅަމުން ގެންދާތީއެވެ! އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރަމުން ގެންދާތީއެވެ. 

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ފާޅުކަންބޮޑުގޮތެއްގައި މިއަދު ގޮވާލާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށްކަން ފާހަގަކޮށް، ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށް މިވަރުގެ ބޮޑު ލާދީނީ ޖަރީމާއެއް ހިންގުމުންވެސް މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކާ ވާހަކަތަކަށް ފިޔަވަޅު ނޭޅޭނެ ގޮތަށް މަޖިލީހުން އަމިއްލައަށް ޤަވާއިދެއް ފާސްކޮށްފައިވާތީ ހަމަ ފިޔަވަޅެއް އެޅޭނެ ގޮތެއް ނޯންނާނެތޯއެވެ؟ މިއީ ވެސް ގިނަބަޔަކު ކުރަމުން ގެންދާ ސުވާލެކެވެ.

މީގެ އިތުރުން މަސްތުގެ ޙާލަތުގައި ހުއްޓައި ފެނުމުން ރައްޔިތު މީހާއާމެދު ފިޔަވަޅު އަޅާއިރު މަސްތުގެ ޙާލަތުގައި ހުއްޓައި ގިނަގިނައިން ފެންނަ އެތައް ބަޔަކާއިމެދު އެއްވެސް ފިޔަވަޅެއް ނާޅާތީވެސް ކަންބޮޑުވެ ގިނަ ބައަކު އެކަމުގެ ސަބަބާމެދު ސުވާލު އުފައްދައެވެ. 

އަޅުގަނޑުގެ ޖަވާބަކީ ވަލިއްޔުލްއަމުރަށް މާފުކުރެވޭނީ ޤާނޫނީ ކުށެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުމުން އަދަބުނުދީ ދޫކޮށްލުމުގެ ބާރު ވަލިއްޔުލްއަމުރަށް ލިބިގެނެއް ނުވެއެވެ. އަދި އެކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ދައުލަތަކުން ކުރާނެ ކަމެއްވެސް ނޫނެވެ. އެއީ އާޚިރަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެކަން ޔަޤީންވާނެތީއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖާބިރު އުޅޭގޮތުން "ތިއަހެން ތިއައުޅުއްވަނީ ހާދަހެނދުނަކާ" ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވިއަޑުވެސް އިވުނެވެ. އެވިދާޅުވީ ކީކޭކަންވެސް އެނގުނެވެ. އެންމެންނަށްވެސް ވިސްނޭނެއެވެ. ސުވާލަކީ އެހައި ހެނދުނާ އެހެން އުޅުއްވާ ސަބަބު ރިޔާސަތަށް އެނގިވަޑައިގަންނަވާއިރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދޫކޮށްލުމުން އެކުރެވެނީ ކޮންކަމެއްތޯއެވެ؟ މަޖިލީހުގެ ރިޔާސަތުން އެކަން އެގޮތަށް ކުރަން ހުއްދަދެނީ ނޫންތޯއެވެ؟ 

ދެން ކެތްނުކުރެވޭ ޙާލަތުގައި މަދުފަހަރެއްގައި މަޖިލީހުގެ ތަޅުމުން މެންބަރަކު ބޭރުކުރުމަކީ ފިޔަވަޅު އެޅުން ކަމަކަށް ނުވާނެއެވެ! އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނުގައި ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. 

ޖާބިރު ވަނީ އެތައް ފަހަރަކު މަޖިލީހުގެ ތަޅުމުގައި އިސްލާމްދީނުގެ ޝިޢާރުތަކަށް ކަނޑައެޅިގެން ފުރައްސާރަކޮށްފައެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖަހައިފައެވެ. އެއިން އެއްވެސް ކަމަކަށް ވެސް އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. 

މިހުރިހާ ކަންކަމުން ވެސް ސާބިތުވަނީ ޖާބިރު ކުރާ ކަންކަމާއި ބުނާ ބަސްތައް ބުނަމުން ގެންދަނީ އެކަމަށް ސަރުކާރުގެ ހިތްވަރުލިބިގެންކަމެވެ. އެއްބާރުލުންވެސް ލިބިގެންކަމެވެ. ނޫންނަމަ ފިޔަވަޅު އަޅައި ހުއްޓުވާނެކަން އެއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ. 

މިބާވަތުގެ އިސްލާމްދީނާ ޚިލާފް ކަންކަން ހުއްޓުވައި އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރަށާއި، ކަމާބެހޭ މުއްސަސާތަކަށް ގޮވާލައި ނަޞޭޙަތްރިވަމެވެ. 

- މިލިޔުމަކީ ދީނީ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު މިއަދުނޫހަށް ދެއްވި މައުލޫމާތާއި ވިދާޅުވެފައިވާ ބަސްފުޅުތައް ހިމަނައިގެން ލިޔެފައިވާ ލިޔުމެކެވެ.

މިއަދު އޮންލައިން