މީހަކަށް ލައްވަވާނެ އެންމެ ބޮޑު ރަޙްމަތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މީހަކަށް ލައްވަވާނެ އެންމެ ބޮޑު ރަޙްމަތް: މުފްތީ މެންކް

މީހަކަށް ﷲ ތަޢާލާ ލައްވަވާނެ އެންމެ ބޮޑު ރަޙްމަތަކީ އެމީހާއަށް ދެއްވަވާ ފައިސާ އާއި ދަރިންނާއި ގެދޮރާއި މުދަލުގެ ތަނަވަސްކަމެއް ނޫނެވެ. ނަމަވެސް ގިނަ މީހުންނަށް މިބުނި ފަދަ ނިޢްމަތްތައް ލިބިއްޖެ ނަމަ ޤަބޫލުކުރެވެނީ އޭނާއަށް އެވަނީ ﷲ ތަޢާލާގެ ރަޙްމަތް އެންމެ ފުރިހަމައަށް ލިބިފައިކަމަށެވެ.

ޙަޤީޤަތަކީ މީހަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ބޮޑު ނިޢްމަތަކީ އެކަލާނގެ ވޮޑިގެންވާކަމާއި ކޮންމެ ވަގުތަކުވެސް އެކަލާނގެ ޙަޟްރަތަށް އެނބުރިދާންޖެހިދާނެކަމާއި ދާންޖެހޭނީ ކުރެވުނުހައި ގިނަ ހެޔޮ ޢަމަލުތަކެއްކޮށް އެ ޢަމަލުތައް ހިފައިގެންކަމަށް ޤަބޫލުކުރެވުމެވެ. އަދި އެ ޢަމަލުތައް ކުރަންޖެހޭނީ ވީހައި ރަނގަޅަށްކަންވެސް ޤަބޫލުކުރެވި ހެޔޮ ޢަމަލުކުރުމުގައި ފަރުވޭތެރިވުމުގެ ވިސްނުން ދެއްވެވުމެވެ.

ވީމާ ނަމާދުކުރުމާއި އަޢުރަ ނުވާކުރުމާއި އެހެންވެސް ހެޔޮ ޢަމަލުތައް ކުރަންޖެހޭނީ އެކަމަށް ސަމާލުކަންދީގެން ކުރާ ހިތުންނެވެ. އެކަންކަން ކުރުމަށް ލޯބިކޮށްގެންނެވެ. އެކަމެއް ކުރަން ތިމާ ލޯބިކުރަންވީ އެކަމަކީ ތިމާ އެކަމެއް ކުރަން އެހައި ބޮޑަށް ޝައުޤުވެރިވާ ކމަކަށްވުމަކުން ނޫނެވެ. މުސްލިމުންނަށް އޮތީ އެކަމެއް ކުރަން ﷲ ތަޢާލާ އއަންގަވާފައިވާ ކޮންމެ ކަމެއް ކުރަންވެސް ޝައުޤުވެރިވުމެވެ. ފަރުވާތެރިވުމެވެ. ވީހައި ލޯބިން އެކަމެއް ކުރުމެވެ.

ﷲ ތަޢާލާ ދެކެ ލޯބިވުމަކީ ﷲ ތަޢާލާގެ އެންމެހައި އެންގެވުންތަކަށް ލޯބިކޮށް ޢަމަލުކުރުން ކަމުގައިވާތީއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބޭނީ އެއިރުން ކަމުގައިވާތީއެވެ. ސުވަރުގެ ލިބުން އޮތީ އެކަމުން ކަމުގައިވާތީއެވެ.

މީހަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ބޮޑު ނިޢްމަތަކީ އެކަލާނގެ ވޮޑިގެންވާކަމާއި ކޮންމެ ވަގުތަކުވެސް އެކަލާނގެ ޙަޟްރަތަށް އެނބުރިދާންޖެހިދާނެކަމާއި ދާންޖެހޭނީ ކުރެވުނުހައި ގިނަ ހެޔޮ ޢަމަލުތަކެއްކޮށް އެ ޢަމަލުތައް ހިފައިގެންކަމަށް ޤަބޫލުކުރެވުން ކަމުގައިވާއިރު އެ ނިޢްމަތް ﷲ ތަޢާލާ ދެއްވަވައިފިނަމަ އޮތީ އިންތިހާއަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ އެ ނިޢްމަތް ބަލައިގަނެ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމަ ގޮތުގައި އަދާކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން