ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރތައް އަވަހަށް ހޯދުމުގައި ކޮރަޕްޝަންގެ ޢަމަލެއް ވޭތޯ ބެލުމަށް އިސްނެގީ ސަރުކާރުންކަމަށް ރައިސް އޮފީހުން ބުނެފިއެވެ.
މިކަމާގުޅިގެއް ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހެލްތުން ހިންގި މުޢާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް" ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާތީ، އެ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް އަންގާފައިވާނެކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ "މި މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން" އިންނެވެ. އެ މުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވާނީ ދީފައެވެ. އަދި އެ ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނު" ކަމަށެވެ.
ދައުލަތުން އުފުލާ ދަޢުވާ ތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަޤިއްލުކަން ޤާނޫނު އަސާސީއިން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތަޢައްޞުބެއް ނެތި މިނިވަންކަމާއި، ޢަދުލުވެރިކަމާއި އެކު ދަޢުވާތައް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުޞޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ޙައްޤުތައް ރައްކައުތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ލާޒިމް ކުރާ ކަމެއްކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ދިވެހި ދައުލަތާ ރައްޔިތުންގެ ޙައްޤުތައް ނަގަހައްޓައި އެ ޙައްޤުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށްވެސް ރައީސް އޮފީހުގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ވެންޓިލޭޓަރު މައްސަލައާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް އަންގާފައިވާތީ ސިޔާސީ ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.