މީހަކު ތިބާގެ ހިތް ނުރުހޭ ގޮތަށް ޢަމަލުކޮށް ބަސްތައް ބުނުމުން ލިބެންވާ ޘަވާބު ލިބިގަނެވޭނެ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މީހަކު ތިބާގެ ހިތް ނުރުހޭ ގޮތަށް ޢަމަލުކޮށް ބަސްތައް ބުނުމުން ލިބެންވާ ޘަވާބު ލިބިގަނެވޭނެ މަގު!

ބައްދަލުވާ ކޮންމެ މީހަކު ތިބާ އާއިމެދު ކަންކަން ކުރާނީ ތިބާ ހިތް އެދޭ ގޮތަށްކަކަމަށް ޤަބޫލުކޮށްނުވާނެއެވެ. އަދި ވާހަކަ ދައްކާނީވެސް ހިތް އެދޭ ގޮތަށް ކަމަށް ވިސްނައިގެންވެސް ނުވާނެއެވެ. 

މީހަކު ކޮންމެ ގޮތަކަށް ޢަމަލުކުރިނަމަވެސް، ކޮންމެ ގޮތަކަށް މުޢާމަލާތުކުރިނަމަވެސް ތިބާ މަސައްކަތްކުރަންވާނީ ﷲ ތަޢާލާ އެންގެވި އިމުގެ ތެރޭގައި ހުރުމަށެވެ. އެއިމުން ބޭރުވެވިއްޖެނަމަ އެކަމުން ލިބޭނީ ގެއްލުމެވެ. 

ވިސްނައިލާށެވެ! މީހަކު ނުބައިކޮށް ޢަމަލުކޮށް ނުބައި ބުނުމުން އެމޭރުމުން ރައްދުނުދީ ހިނިތުންވެލާފައި ތިބާ ވާހަކަ ދެއްކުމުން ތިބާއަށް އެތައް ބައިވަރު ޘަވާބުތަކެއް ލިބިގެން އެބަދެއެވެ. އޭނާ ޢަމަލުކުރިގޮތަށް ތިބާވެސް ޢަމަލުކުރުމުން ލިބޭނެ ގެއްލުމަކީ އޭނާ ޢަމަލުކުރި ގޮތުން ތިބާއަށް ލިބެން އޮތް ޘަވާބު ނުލިބި ގެއްލިގެން ދިއުމެވެ. 

ވީމާ އެންމެ މުހިންމު އެއްކަމަކީ ހިތްހަމަނުޖެހުން ކުރިމަތިވާ ވަގުތުތަކުގައި ކެތްތެރިވެ ޘާބިތުވުމުގެ ތައުފީޤް ދެއްވެވުން އެދި ދުޢާކުރުމެވެ. ދެވަނަ ކަމަކީ ކޮންމެ މީހަކާއި ކޮންމެ ކަމެއްގައި ބައްދަލުކުރަން ޖެހުނު ނަމަވެސް އެމީހާ ތިމާ ހިތް އެދޭގޮތަށް ޢަމަލުނުކޮށްފާނެކަމަށް ވިސްނައިގެން ހުރުމެވެ. 

އަދި ކަމަކަށް އެދިގެން މީހެއްގެ ގާތަށް ދާންވާނީވެސް އެކަން އެމީހާ ކޮށް ނުދީފާނެ ކަމަށްވެސް ވިސްނައިގެންނެވެ. ކަމަކަށް އެދިގެން މީހެއްގެ ގާތަށް ދާންޖެހުނު ނަމަވެސް ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ އެކަން ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުމެވެ! އެދުޢާ ﷲ ތަޢާލާ ޢިޖާބަ ކުރައްވަވައިފިނަމަ ތިބާއަށް އެކަން ހިންމަވައިދެއްވަވާނެތެވެ. 

 

މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްނުކޮށް ﷲ ތަޢާލާގެ ރުހުން ހޯދަން މަސައްކަތްކުރަން ބުނެވެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން