ދައުލަތަށް 29 މިލިއަން ޑޮލަރު ދައްކުމަށް ޔޮޓް ޓުއާސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް، އެ ކުންފުނިން ހައިކޯޓަށް ހިނގައްޖެއެވެ.
މި މައްސަލަ ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ ރަޖިސްޓާރކޮށްފައި ވަނީ މިމަހު ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރަށް ނަވާވީސް މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް މިއަހަރުގެ ޖޫން މަހު ސިވިލް ކޯޓުން ހުކުމް ކުރީ އެކުންފުނިން ހިންގާ އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފައި ވާތީއެވެ.
މައުލޫމާތު ލިބޭ ގޮތުން އެ ކުންފުނީގެ އެކައުންޓުތައް ވެސް މިހަރު ވަނީ ފްރީޒްކޮށްފައެވެ
ނަވާވީސް މިލިއަން ޑޮލަރަކީ ދިވެހި ފައިސާއިން ނަމަ 440 މިލިއަން ރުފިޔާއެވެ.