ކުރާ ނަމާދު ޤަބޫލުފުޅުކުރައްވަވައި ދުޢާ ޢިޖާބަކުރެއްވެވުންއެދި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކުރާ ނަމާދު ޤަބޫލުފުޅުކުރައްވަވައި ދުޢާ ޢިޖާބަކުރެއްވެވުންއެދި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު!: ބިލާލް އައްސަދު

ކުރާ ނަމާދު ޤަބޫލުފުޅުކުރައްވަވައި ދުޢާ ޢިޖާބަކުރެއްވެވުން އެދޭމީހާ ފުރަތަމަކަމެއްގެ ގޮތުންވެސް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އާއި ކުއްތަންވެވުނު ވަރަކުންނެވެ.

ﷲ ތަޢަލާ އާއި ކުއްތަންވުމަށް އެދޭ މީހާއަށް ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ ނަމާދު ފުރިހަމައަށް އަދާކުރުމެވެ. އެއިގެ މާނައަކީ 5 ނަމާދުކޮށްލުން ކަމުގައި ނުދެކޭށެވެ! ނަމަވެސް އެއީ 5 ނަމާދުވެސް ނަމާދަށްވާނެ ގޮތަށް ކުރުން ކަމުގައި ޤަބޫލުކުރާށެވެ!

ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ތިމާގެ ބެލުންތަކެވެ. ހުއްދަނޫން ކަންކަމަށް ވިސްނައި ފިކުރުކުރެވޭކަމެވެ. ވީމާ ތިމާގެ ބެލުންތަކާއި ޚިޔާލާއި ފިކުރު ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ގޮތުގައި ބަހައްޓަން އެބަޖެހެއެވެ. އެކަމަށް އޮތްމަގަކީ ހިތް ޠޯހިރުކުރުމެވެ. ހިތް ޠޯހިރުކުރެވޭނީ ބެލުންތައް ތިރިކޮށް އަދި ޚިޔާލާއި ފިކުރު ޝައިޠޯނާގެ ވސްވާސްތަކުން ސަލާމަތްކުރެވިގެންނެވެ.

މައްސަލައަކަށްވަނީ ނަމާދެއް ނޫނެވެ. އަދި ކުރާ ދުޢާއެއްވެސް ނޫނެވެ. ނަމާދާއި ދުޢާކުރުމުގެ ކުރިންނާއި އަދި ފަހުން ތިމާއަށް ކުރެވޭ ޢަމަލުތަކެވެ. ވީމާ ފުރަތަމަކަމަކަށް ކުރަންޖެހޭ ކަމަކީ ތިމާކުރާ ޢަމަލުތައް ﷲ ތަޢާލާގެ މަގުގައި ކުރަމުން ގެންދިއުމެވެ. ނަމާދުގެކުރިންވެސް އަދި ފަހުންވެސް އެއްވެސް ފާފައެއް ނުކުރުމެވެ.

ހިތަކީވެސް ފުރިގެންދާ އެއްޗެކެވެ. ހަޑިހުތުރު ޢަމަލުތަކާއި ފާފަތަކުން ހިތްފުރައިލެވިއްޖެނަމަ ރަނގަޅު ކަންކަން ހިތަށް ވައްދާނެ ޖާގައެއް ނުއޮންނާނެއެވެ. ނަމާދަށް ހުންނައިރު ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތް ނުވެވެނީ ހިތުގައި ﷲ ތަޢާލާއަށް ޖާގަނެތުމުންނެވެ. ވީމާ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އެދޭމީހާ ފުރަތަމަކަމަކަށް ހިތުގައިވާ ޝައިޠޯނާގެ ނުބައިވަސްވާސްތަކުން ހިތް ޠޯހިރުކޮށްލާށެވެ! ﷲ ތަޢާލާއިން ހިތް ފުރައިލާށެވެ! އެއިރުން ޚުޝޫޢަތެރިކަމާއިއެކު ނަމާދުކުރެވޭނެއެވެ! އަދި ﷲ ތަޢާލާ ރުހިވޮޑިގަންނަވައި ޤަބޫލުފުޅުކުރައްވަވާނެ ފެންވަރުގައި ދުޢާވެސް ކުރެވޭނެއެވެ! އިން ޝާ ﷲ

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން