ޤައުމީ ޤުރްއާން މުބާރާތުން އެއްވަނަ މުހައްމަދު ސާއީ މުބާރަކް ހޯދައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޤައުމީ ޤުރްއާން މުބާރާތުން އެއްވަނަ މުހައްމަދު ސާއީ މުބާރަކް ހޯދައިފި

 ވާޗުއަލް ކޮށް ބޭއްވި ޤައުމީ ޤުރްއާން މުބާރާތް 2020"ގެ އެއްވަނައަށް މުހައްމަދު ސާއީ މުބާރަކް ހޯދައިފިއެވެ. 

16 އަހަރުން ދަށުގެ އުމުރުފުރާއިން މުބާރާތުގައި ބައިވެރިވެފައިވާ ސާއީ ވަނީ އެކެޓަގަރީގެ ފިރިހެން ބައިވެރިންގެ ތެރެއިން މުޖައްވަދުކޮށް (ދިގުރާގު) ކިޔެވުމުގެ ބައިން ވެސް އެއްވަހޯދާފައެވެ. އަދި މުބާރާތުގައި ބައިވެރިވި ފިރިހެން ބައިވެރިންގެ ތެރެއިން މުޅި މުބާރާތުން މުޖައްވަދުކޮށް ކިޔެވުމުގެ ބައިން އެއް ވަނަ ވެސް ވަނީ ހޯދާފައެވެ. 

މި މުބާރާތުން ދެވަނަ ހޯދާފައިވަނީ އަކްމަލް އަޖުވަދު އަލީއެވެ. ތިންވަަނަ ހޯދާފައިވަނީ އާއިޝަތު އިނާން ރަމްޒީއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމްއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައިސް ވަނީ މި އަހަރު ކޯވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އައު އަހަރާއެކު އައު އަޒުމެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި، މި ކަމުގައި ހުރިހާ ބެލެނިވެރިން ވެސް، ދަރިވަރުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި އަހަރުގެ މުބާރާތް ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމުގެ ކަންކަން އިންތިޒާމުކޮށް، މުބާރާތުގެ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށެވެ. މިއީ، މި ގޮތަށް މިފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަދި ދެވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި، ޤުރުއާން ހިތުދަސްކުރި ފަސް ޙާފިޡުންނަށް ވެސް އެ މަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.

 

މިއަދު އޮންލައިން