ރީތި އަންތބެއް ނުވަތަ ގިނަ އަނބިންނާއި ދަރިންނާއި ފައިސާ އާއި ތަނަވަސްކަން ދެއްވެވެވުމުން ބައެއް މީހުންނަށް ހީކުރެވެނީ އެއީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނީ ކަމަށެވެ. އެކަން އެގޮތަށް ޔަޤީންކޮށް އަޅުކަމާއި ދުރުހެލިވެއެވެ. ތަޤްވާވެރިކަމާއި ދުރަށް ޖެހެއެވެ. ހަރުކަށިވުމާއި އަނިޔާވެރިވުމާއި ދަހިވެތިކަން އިސްކުރެއެވެ.
ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އެކަން އޮތްގޮތެއް ނޫނެވެ. ދުނިޔޭގައި ނިޞްބަތުން މިލިއަނަރުން އެންމެ ގިނައީ ޔަހޫދީންގެތެރޭގައިކަމަށް ބުނެވެއެވެ. އެމީހުންނަށް ނިޢްމަތްތައް ލިބިފައި އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހުންނަށް ލިބިގެންކަމަށް ހީކުރެވެނީ ހެއްޔެވެ؟
ތިބާ އެންމެ ލޯބިވާ، ތިބާއެދުނު ބައިވެރިޔާ ތިބާއަށް ލިބިއްޖެނަމަ އޮތީ ބޭވަފާތެރިކަމާ އަނިޔާވެރިކަމާ ހަރުކަށިކަން އިސްކުރުމެއް ނޫނެވެ. އޮތީ ލޯތްބާއިވަފާތެރިކަން އިސްކުރުމެވެ. ތަްްވާވެރިކަން އިތުރުކުރުމެވެ. އެހެނީ ތިބާ ބޭނުންވި ގޮތަށް ކަންކަން މެދުވެރިވީ ތިބާގެ މޮޅުކަމަކުން ނޫނެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. އަދި މިންވަރު ކުރެއްވެވީ ތިބާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَيَحْسَبُونَ أَنَّمَا نُمِدُّهُمْ بِهِ مِنْ مَالٍ وَبَنِينَ [55] نُسَارِعُ لَهُمْ فِي الْخَيْرَاتِ بَلْ لَا يَشْعُرُونَ [56]﴾ [المؤمنون: 55، 56]
މާނައީ: "މުދަލާއި، ދަރިންގެ ތެރެއިން ތިމަންއިލާހު އެބައިމީހުންނަށް ދެއްވާ ދެއްވުން އެއީ، ތިމަންއިލާހު އެބައިމީހުންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެބައިމީހުން ހީކުރަނީ ހެއްޔެވެ! އަދި ކިއެއްހެއްޔެވެ! އެބައިމީހުންނަށް (އެކަމުގެ ޙަޤީޤަތް) ނޭނގެނީއެވެ."
ވީމާ ނިޢްމަތެއް ދެއްވަވައިފިނަމަ ތަޤްވާވެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ހިތްތިރިކުރާށެވެ! ރަޙުމާއި ލޯތްބާއި ކުލުނު އިސްކުރާށެވެ! އިމްތިޙާނުން ފާސްވެ އުފާވެރިކަމާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އެއިރުންނެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން