ރައީސް މައުމޫނަށް އުސްތާޛް ޙުސައިން ރަޝީދު: ޤައުމުގެ ޖީލެއް ފަނާކުރެއްވުމަށްފަހު ނަހަލާލު ޖީލެއް އުފެއްދެވުމުގެ ހުވަފެންފުޅެއްބާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 10މ 38ސ
ރައީސް މައުމޫނަށް އުސްތާޛް ޙުސައިން ރަޝީދު: ޤައުމުގެ ޖީލެއް ފަނާކުރެއްވުމަށްފަހު ނަހަލާލު ޖީލެއް އުފެއްދެވުމުގެ ހުވަފެންފުޅެއްބާ!

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

ކޯޓުން އިއްވުނު ޝަރުޢީ ޙުކުމެއް އޮޅުބޮޅުމަކަށް ވެއްޖެ:

މިދޭތެރޭގައި ޒިނޭގެ މައްސަލައެއްގައި ޑީއެންއޭ ހެއްކެއްކަމަށް ބަލައިގެން ޒިނޭގެ ޙައްދު ޤާއިމު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުމުގެ ބަހުސް މީޑިޔާގައި ބޮޑުވަމުންއައިސް މިހާރު މިއޮތީ ޒިނޭގެ ދަރި ޙަލާލުކުރާ ހިސާބަށް ގޮސްފައެވެެ.

ޑީއެންއޭ އަކީ ކުށްސާބިތުކުރުމަށް އޮތް ޤަރީނާއެކެވެ. ދަރިލައްވަން އޮތް ޝަރީޢަތެއް ނޫނެވެ.

ޑީއެންއޭ އަކީ ޒިނޭގެކުށް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ޤަރީނާއެކެވެ. އެއީއަކީ ދަރިލައްވާނެ ޝަރުޢީ ދަލީލެއް ނޫނެވެ. އަޅުގަނޑުވެސް އެއްބަހެވެ. ޑީއެންއޭއަކީ ޤަރީނާއަކަށް ބެލެވޭނެ ހެއްކެކެވެ. މިގޮތުން ޒިނޭގެކުށް ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެއިން ޝަރުޢީ ޙައްދު ޤާއިމު ނުކުރެވޭނެކަން ދަންނަން ޖެހެއެވެ. އެހެންކަމުން އެފަދަ މީހެއްގެ މައްޗަށް ޤާއިމުކުރަން ޖެހޭނީ ޒިނޭއާ ބެހޭގޮތުން ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބެކެވެ. ޒިނޭގެ ޝަރުޢީ ޙުކުމެއް ނޫނެވެ. ހަމަ އެއާއެކު ޑީއެންއޭގެ ޒަރީއާއިން ބައެއް ޙާލަތްތަކުގައި ދަރިވެސް ސާބިތު ކުރެވިދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މިސާލަކަށް ގެއްލިގެން އުޅޭ ކުއްޖެއްގެ ބަފަކަށަވަރު ކުރުމާއި ހޮސްޕިޓަލް ފަދަ ތަނެއްގައި އޮޅިގެން އުޅޭ ކުއްޖެއްގެ ނަސްލު ދެނެގަތުމާއި މިފަދަ ކަންކަމުގައެވެ. މިއީ ޑީއެންއޭގެ ބޭނުން އިންތިހާއަށް ބޭނުންވާ ޙާލަތްތަކެވެ. އަދި މިއީއަކީ ޢިލްމުވެރިންގެ މެދުގައި ދެބަސްވެ ވަޑައިގެންފައިވާ ކަމެއްވެސް ނޫނެވެ. މިވާހަކަ ކުރީދުވަހުގަައި އަޅުގަނޑު ލިއުނު ލިއުމުގައިވެސް ހާމަކޮށްފައި ވާނެއެވެ. ހަމައެހެންމެ އޭގައި އަޅުގަނޑު ދެންނެވި ފަދައިން ނަހަލާލަށް ވިހެއި އަންހެނާގެ އިޢުތިރާފުގެ މައްޗަށް ބުރަވެ، އޭނާ ބުނާ ފިރިހެނެއްގެ ޑީއެންއޭ ޓެސްޓު ކުރުމާއި ވިހެއި ކުއްޖާއާއި އޭނާއާ ގުޅުން ހުރިކަން ސާބިތުވާހިނދު ކުށުގެ ކުޑަަބޮޑުމިނަށް ރިޢާޔަތްކޮށް އޭނާއަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޒިނޭގެ އަދަބު ދިނުމީ ސަލާމަތް ބުއްދި ޤަބޫލު ކުރާ ކަމެކެވެ.

ރައީސް މައުމޫނުގެ ވާހަކަފުޅު ނިހާޔަތަށް ޚުޠޫރަތްތެރިއެވެ.

ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު މިމައްސަލައާމެދު ތަފާތުޓުވިޓުތައް ކުރަށްވަމުން ގޮސް ޙައިރާން ކުރަނިވި ކަމަކަށް ދަޢުވާ ކުރަށްވަން ފައްޓަވައިފިއެވެ. އޭނާ އިއްޔެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވެއެވެ. "އެހެން ކަމުގައި ވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް. ފިންގަރ ޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަނޭ." މައުމޫނު މިވިދާޅުވަނީ ކީކޭތޯއެވެ؟ މިއީ ހާދަ ބިރުވެރި ވާހަކަފުޅެކެވެ.

ފުރަތަމަ ކަމަކީ މައުމޫނު ޙުއްޖަތާއި ޤަރީނާއާއި ދެވައްތަރުގެ ހެކި އޮޅުވާލެއްވުމެވެ. ޤަރީނާކިޔަނީ ލިބިފައިވާ އިތުރު ހެއްކަށެވެ. އަޞްލު ހެއްކަކަށް ނޫނެވެ. ކޮންމެއަކަސް މިތާގައި ވާހަކަދެކެވެނީ ކުރިމަތި ވެފައިވާ ނަހަލާލު ދަރިއެއްގެ ޑީއެންއޭ ހަދައިގެން ކުށުގެ ބާވަތަށް ބަލައި ޤާނޫނީ ގޮތުން ދޭންޖެހޭ އަދަަބު އެފިރިހެން މީހާއަށް ކަނޑައެޅުމުގެ ވާހަކައެވެ. ދޮގު ހަދައިގެން ނިކަމެތި އަންހެނަކަށް ދިން އަނިޔާގެ ވާހަކައެވެ. ޕީޖީ ޝަމީމުވެސް އަލިއަޅުވާލައްވާފައި ވަނީ އެވާހަކައަށެވެ. އެހެން ނަަމަވެސް ރައީސް މައުމޫނު ހުޅުވާލެއްވީ މިއަދާ ހަމައަށް އެއްވެސް ކަހަލަ މުސްލިމަކު ހުޅުވާފައި ނުވާ ދޮރެކެވެ. މީހަކު ޒިނޭ ކުރުމުން ކައިވެންޏަކާ ނުލައި ލިބޭ ދަރިލެއްވުމުގެ ވާހަކައެވެ. މިއީ ކުޑަ ވާހަކައެއްނޫނެވެ. މިއީ ސަމާވީ އެއްވެސް ދީނެއް އަދި ސަމާވީ ނޫން ދީނެއްވެސް ޤަބޫލު ކުރާ ކަމެއް ނޫނެވެ.

އެމަނިކުފާނު ގެންނެވި މިސާލުތަކަށް އުޞޫލުލް ފިޤުހުގައި ކިޔަނީ ޤިޔާސް މަޢަލްފާރިޣެވެ. އަޅުގަނޑު ދަންނަވާނީ މަނިކުފާނު ތިޔަވިދާޅުވި މިސާލުތަކާ މިކަމާ އެއްވެސް ގުޅުމެއްނެތެވެ. އިރުހިނގާގޮތް ބަލައިގެން ނަމާދު ގަޑި ކަނޑައެޅުމާއި ފިންގަރޕްރިންޓު ފަދަ ސައެންޓިފިކް މިސާލުތަކާ މިކަމާ ހުރީ އުޑާބިމާ ހުރި ތަފާތެކެވެ. ރަސޫލާގެ ޒަމާނުގައިވެސް ނަމާދު ކުރަމުން އައީ ވަގުތަށް ބަލައިގެންނެވެ. މިހާރުވެސް ނަމާދު ކުރަނީ ވަގުތަށް ބަލައިންނެވެ. ތަފާތުވަނީ ވަގުތު ބަލާ ވަސީލަތެވެ. އެއާޚިލާފަށް އިލާހީ ޤާނޫނުގައި ދަރިލައްވަނީ ކައިވެންޏެއްގެ ދެމެދުން ދަރި ލިބިގެންނެވެ. ޙަލާލު ފަންޏެއް މައިމީހާގެ ރަހިމުގައި ގަރުބަގަނެގެންނެވެ. މަނިކުފާނުގެ ބަސްފުޅަށް ބަލާނަމަ ޙަރާމްކުރެއްވި ޒިނޭއިން ދަރިލައްވާނެއެވެ. ކައިވެނި ނުކޮށް ލިބޭ ދަރި ޙަލާލުވާނެއެވެ. ހުޅަނގުގައި އަންހެންވެރިން އުޅޭނެހާ ގޮތަކަށް ފިރިހެނުންނާއެކު އުޅެފައި އެތަކެއް ދަރިން ލިބުމަށްފަހު ކޮންމެވެސް ތާކުން ބައްޕައަކު ހޯދައިގެން ނުވަތަ ގަނެގެން ރަޖިސްޓްރީކުރާ ކުރުމަކީ ކުކުޅު ފާމުތަކުގައިވެސް ކަންކުރާ ގޮތެއްނޫނެެވެ.

ޒިނޭއަކީ ޙަރާމް ކަމެކެވެ. ޝަރުޢީ ކައިވެންޏަކާ ނުލައި ކުރެވޭ ޖިންސީ ގުޅުމަކީ ޒިނޭއެވެ.

ހުޅަނގުގައި ޒިނޭއަކީ އެބައިމީހުންގެ ނަޒަރުގައި ގޯހަކަށް ނުވި ކަމުގައި ވިއަސް އިލާހީ ޤާނޫނުގައި ޒިނޭއަކީ ޙަރާމް ކަމެކެވެ. ޝަރުޢީ ކައިވެންޏަކާ ނުލައި ކުރެވޭ ޖިންސީ ގުޅުމަކީ ޒިނޭއެވެ. މިގުޅުމުގެ ތެރެއިން ލިބޭ ދަރިއަކީ ނަޙަލާލު ދަރިއެކެވެ. އެހެންގޮތަކަށް ބުނާނަމަ ޙަރާން ދަރިއެކެވެ. ކުއްޖާ ވިހެއި މީހާއަކީ އެކުއްޖާގެ މަންމަ ކަމުގައި ވިއަސް އިސްލާމް ދީނުގައި ވެސް އަދި އެހެން ދީނެއްގައިވެސް ކައިވެންޏަކާ ނުލައި ލިބޭދަރިފުޅުގެ ބަފަކަށަވަރު ނުކުރެއެވެ. މިގޮތަށް ކަނޑައަޅުއްވާފައި އޮތީ ދަރިފުޅު ލިބުނު ފިރިހެންމީހާ ނޭގިގެނެއް ނޫނެވެ. ޝަރުޢީ ގޮތުން ކުރިމަތިވާނެ ނޭދެވޭ އެތަކެއް މައްސަލަ ތަކާހުރެ އިސްލާމީ ރިވެތި ނިޒާމުގެ ތެރޭގައި އެކުއްޖާގެ ބައްޕަ ކަށަވަަރު ނުކުރަނީއެވެ. ފިޠުރަތުގެ ނިޒާމަކީ މިއީއެވެ. އެކުއްޖާގެ ބައްޕައެއް ދުނިޔެމަތީ ނުހުންނާނެއެވެ. އެކުއްޖާގެ ބަަލަދުވެރިއަކަށް ވާނީ ސަރުކާރެވެ. މިއީ އެކުއްޖާގެ ކުށެއް އޮވެގެނެންނޫނެވެ. މާތް ﷲ އިންސާނީ ދަރިނަސްލު ފިޠުރަތުގެ ސާފުޠާހިރު ކަންމަތީ ލެހެއްޓެވުމުގެ ގޮތުން ކަނޑައަޅުއްވާފައިވާ ނިޒާމަކަށް ވާތީއެވެ. މިއުޅެނީއަކީ ކުއްޖާގެ ބައްޕަ ނޭގިގެން ޤަރީނާ ހޯދާކަށެއް ނޫނެވެ. ޑީއެންއޭ ނުހެދި ކަމުގައި ވިއަސް އެމީހެއްގެ ސްޕާރމްސް އިން ކުއްޖާ ވުޖޫދަށް އައި ފިރިހެން މީހާ އެއީ އޭނާގެ ދަރިއެއް ކަމުގައި އެއްބަސްވެ އިޢުތިރާފުވި ކަމުގައިވިއަސް އިސްލާމީ ޝަރީޢަތުގައި އެފިރިހެން މީހާއަށްވެސް އަދި އެނޫންފިރިހެނަކަށްވެސް އެކުއްޖާ ނުލައްވާނެއެވެ. މިސާލެއް ދަންނަވާލާނަމެވެ. ފިރިއަކު ތިމާގެ އަނބިމީހާގެ އުޅުން ހުރިގޮތާމެދު ޝައްކުވެ ނުވަތަ އޭނާއަށް ފެނުނު މަންޒަރަކާހުރެ އެކަމަށް ސާބިތުކޮށްދޭ ޝަރުޢީ ހެކި ނެތްހާލަތުގައި އިލާހީ ޤާނޫނުން ވަނީ ކުއްޖާގެ ބައްޕަގެ ހިތުގައި އުފެދޭ ޝައްކު ފިލުވައިލުމުގެ ގޮތުންނާއި އޭނާއަށް އެކަމުގައި ޔަޤީންކަން ދިނުމުގެގޮތުން އެދެމީހުންގެ ދެމެދުގައި ލިޢާނުގެ މަގުކޮށައި ދައްކާފައެވެ. ނޫންނަމަ ކީރިތި ރަސޫލާގެ ޙަދީޘުފުޅުގައި އަންނަ ފަދައިން ދަރިލައްވާނީ ތަންމައްޗަށެވެ. އެބަހީ ފިރިމީހާއަށެވެ. މިހިރީ އިސްލާމް ދީނުގައި އިންސާނީ ދަރިފަސްކޮޅު ސާފުޠާހިރު ކުރުމަށް ބާރުއަޅާފައި އޮތް މިންވަރުގެ ބޮޑުކަމެވެ. އަދި އަންހެނާގެ ޢިއްޒަތާއި އަބުރު ސަލާމަތްކުރުމަށް އިސްލާމް ދީން އަހުމިއްޔަތު ދީފައިވާ މިންވަރުގެ ބޮޑުކަމެވެ.

ރައީސް މައުމޫނު އޮޅިވަޑައިގަތީ ބާއެވެ!

އަޅުގަނޑަށް ހީވަނީ މިއީ ރައީސް މައުމޫނަށް އޮޅިވަޑައިގެން ވިދާޅުވެވުނު ބަސްފުޅެއް ކަމަށެވެ. ފަހަރެއްގައި އެވިދާޅުވަނީ ޑީއެންއޭއިން ފާޙިޝު ޢަމަލު ސާބިތު ކުރެވިދާނެ ވާހަކަ ކަމަަަަަަށް ވެދާނެއެވެ. ނަމަވެސް ޓުވީޓެއްގެ ފުލުން ޓުވީޓެއް ފޮނުއްވަން ފެއްޓެވުމުން އަދި "ދަރިލެއްވުމުގެ" ވާހަކަ ސާފު ބަސްފުޅުން ވިދާޅުވުމުން އެމަނިކުފާނު އޮޅިވަޑައިގެން ވިދާޅުވެވުނު ބަސްފުޅެއް ނޫންކަން ހާމަވެއެވެ. އެމަނިކުފާނުންގެ މިބަސްފުޅު ފެނުމުން އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ. އަޅުގަނޑު ހަމަ އަންތަރީސްވެ ކޮސް ވިއެވެ. ރައީސް މައުމޫނު ފަދަ ވިސްނުންފުޅު ތޫނު އިސްލާމީ، ޢިލްމީ ބޭފުޅަކު މިކަހަލަ ނާތަހުޒީބު ވާހަކަފުޅެއް ދެއްކެވީތީއެވެ.

އެމަނިކުފާނު އެވިދާޅުވި ބަސްފުޅަކީ އެމަނިކުފާނު ޢަމުދުން ވިދާޅުވި ބަސްފުޅެއް ކަމުގައިވާނަމަ، އަޅުގަނޑު ދަންނަވާލާ ހިތްވަނީ ދިވެހި ތާރީޚުގައި މަނިކުފާނުގެ ޞަފުޙާވަނީ ވަރަށް ކަޅުކޮށް ކަމެވެ. އެޞަފްޙާ އިތުރަށް އަނދިރިކުރަށްވަން ނޫޅުއްވާށެވެ. މަނިކުފާނު ތިހުންނެވީ މިކުޑަކުޑަ ދިވެހި އުއްމަތުގައި 30 އަހަރުވަންދެން އަނިޔާވެރި މުސްތަބައްދު ވެރިކަމެއް ކުރަށްވާފައެވެ.

އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލެއް:

މަނިކުފާނުގެ އަރިހު ސުވާލެއް ދަންނަވާލާ ހިތްވެއެވެ. 1978 ވަނަ އަހަރު މަނިކުފާނު ދިވެހި ދައުލަތުގެ ހުރިހާ ބާރަކާ ޙަވާލުވެ ވަޑައިގެންނެވި އިރު ދިވެހި ރާއްޖޭގައި މަސްތުވާތަކެތި ވިއްކައި ބޭނުންކޮށް އުޅޭ ބަޔަކު އުޅުނުތޯއެވެ. ކަޓަރު އަޅައި މީހުން މަރަމުންދާ ޒުވާނުންތަކެއް ތިބިތޯއެވެ؟ އެހެނަސް 30 އަހަރު ފަހުން ދިވެހި ރައްޔިތުން މަނިކުފާނުގެ އަތްޕުޅުން ވެރިކަން އަތުލައިގަތް އިރު މިޤައުމުގެ ޒުވާނުންގެ ބޮޑުބައި އޮތީ ހަލާކުވެފައެވެ. ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތި އޮތީ ޢާއްމުވެފައެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ ހަތަރު އަނގޮޅިތަކުގައި ބިއްޖެހިގެން ފުނިފުންޏަށް ވެއްޓިފައި ތިބޭ ޒުވާނުންނަކީ މަސްވެރިން ބާނައިގެން ގެންނަ ގޮދާތަކެއް ނޫނެވެ. ދަންނަވަންތޯއެެވެ؟ އެއީ މަނިކުފާނުންގެ ދައުރުގައި ވިހެއި ބޮޑުވި މިޤައުމުގެ އަގުހުރި ދަރިންނެވެ. މިއީ މަނިކުފާނުންގެ މިންނެތް މަސައްކަތްޕުޅުގެ ނަތީޖާ ނޫން ދެން ކޮން އެއްޗެއްތޯއެވެ؟ އެކުދިން ފުލުފުލުން މީހުން ކޮށަމުން ފޮތިފޮތި ޖަހަމުން ދާއިރު ތިބެނީ ހޭވެރިކަމެއްނެތިއެވެ. މަނިކުފާނު މިޤައުމަށް ދޫކުރެއްވި ރައުސްމާލަކީ މިއީއެވެ. މައިންބަފައިންތަކަކަށް ލިބިފައިތިބި އެބައިމީހުންގެ ދެލޯފަދަ ލޮބުވެތި ދަރިންތަކަކަށް މަނިކުނުފާނުގެ އިހުމާލުން ވެގެންދިޔަ ގޮތެވެ. މިއީ މަނިކުފާނުންގެ ކިބައިގައި އިޚްލާޞްތެރި ކަމެއް ނެތްކަމުގެ ސާދާ ނަމޫނާއެކެވެ. މިހާރު ތިޔަ ވިދާޅުވަނީ ކައިވެންޏަކާ ނުލައި ޒިނޭކުރި ފިރިހެނަކަށް އެޒިނޭއިން އުފަންވި ދަރި ލައްވާނެ ވަހަކަނޫންތޯއެވެ؟ ތިޔަ ވިދާޅުވަނީ ތަޞައްރަފު ފުދިފައިވާ މުސްލިމެއްގެ ދުލުން ބޭރުކުރަން ހެއުވާ ވަރުގެ ވާހަކައެއް ނޫންކަން މަނިކުފާނަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް ބައެއްގެ ސަޕޯޓު ހޯއްދެވުމުގެ ގޮތުން ސިޔާސީ އުކުޅަކަށްޓަކައި ޤައުމާއި ދީނާއި ތިމާގެ ޟަމީރު ނުއަގުގައި ނީލަން ކިއުއްވަނީތާއެވެ!  

ޤައުމުގެ ރައުސްމާލުގެ ބާކީއޮތްބައި ނަހަލާލު ދަރިންތަކަކަށް:

މިހާރު ތިޔަ އުޅުއްވަނީ މުޅި ދިވެހި އުއްމަތުގައި ޒިނޭ ފަތުރުއްވަވަންތޯއެވެ؟ ނަހަލާލު ދަރިން އެކުދިން ލިބުނު ނަހަލާލު ފިރިހެނުންނީ ޝަރުޢީ ބަފައިން ކަމުގައި ހަދަންތޯއެވެ؟ ތިޔަ ވިދާޅުވަނީ ފާޙިޝު ޢަމަލު ހިންގައި ޒިނޭކުރާ ފިރިހެނުންނަށް "ދަރިލެއްވުމުގެ" ވާހަކައެވެ. އެއިން ދޭހަވަނީ މަނިކުފާނުގެ ބޭނުންފުޅަކީ ޤައުމުގެ ތާހިރު ނަސުލު ނައްތާލައި ފިޠުރަތުން ލައްވާފައިވާ ހަސަބާއި ނަސަބު މުޑުދާރުކޮށް ފާޙިޝު ޢަމަލު ފެތުރުއްވެވުމަށް ތޯއެވެ؟ މިނޫން މަޤްޞަދެއް އޮތިއްޔާ ވިދާޅުވެ ބައްލަވާށެވެ.

އަޅުގަނޑުގެ ނަޞީޙަތަކީ މަނިކުފާނުގެ ތިޔަ ބަސްފުޅުންނާއި ވިސްނުންފުޅުން ނިކަން އަވަހަށް ރުޖޫޢަވެ ވަޑައިގަތުމެވެ. މަނިކުފާނު ނަޙަލާލު ދަރިންގެ ބަފަކަށަވަރު ކުރުމުގެ މަޝްރޫޢު ހިންގަވަން ބޭނުންފުޅުވި ކަމުގައި ވިއަސް މިފަހަރަކު މިދީބުގެ ދިވެހި ދަރިންނެއް ތިޔަ މަޝްރޫޢު ހިންގެވިޔަ ނުދޭނެއެވެ. ޤައުމުގެ ޖިންސުއް ލަޠީފުންގެ އަބުރާއި ކަރާމާތް ބާޒާރަށް ލައްވަވައި ނީލަން ކިއުއްވަންތޯއެވެ؟ މިމުސްލިމު ދަރިން ޒިނޭ ހުއްދަ ނުކުރާނެއެވެ. އެމުޑުދާރު ޢަމަލުން ލިބޭ ދަރިންގެ ބަފަކަށަވަރު ކުރުމަކަށް ދިވެހި ރައްޔިތުން އެއްބަހެއް ނުވާނެއެވެ. އެކަމަކީ މިކާއިނާތުގައި ﷲ ލައްވާފައިވާ އިލާހީ ނިޒާމަށް ގޮންޖެހުން ކަމަށް ވާތީއެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ ހަޑިހުތުރު ޒިނޭއަށް މަގުފަހިކޮށްދިނުމުގެ ބަދަލުގައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމެވެ. ލޮބުވެތި އަންހެން ދަރިންގެ ޙައްޤު ހޯދައިދީ ފާޙިޝުނުބައި، ފިރިހެނުން ޖަހަމުންދާ މަޅިފަތިތަކުން އެކަނބަލުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމެވެ.

މިވާހަކަ ކޮޅު ނިންމާލުމުގެ ކުރިން އަދިވެސް އެކައްޗެއް ދަންނަވާލާނަމެވެ. މަނިކުފާނާއި އަޅުގަނޑާ ދެމީހުން ޢުމުރުގެ ގޮތުން ވަރަށް ތަފާތެވެ. އެހެނަސް އަޅުގަނޑުވެސް މިހިރީ ޢުމުރުގެ ފަހުކޮޅަށް އައިސްފައެވެ. އެހެންކަމުން އަޅުގަނޑުމެން މިދުނިޔެ ދޫކޮށް ކާއިނާތު ހައްދަވައި ގެންގުޅުއްވާ އިލާހުގެ ޙަޟުރަތަށް މޫނު ދައްކަން ޖެހުމުގެ ކުރިން، ދުނިޔެ ފަސާދަ ކުރުމުގެ ބަދަލުގައި ﷲ ރުހިވޮޑިގަންނަވާ ކަމެއް ކުރެވޭތޯ ބަލަމާ ހިނގާށެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި މަނިކުފާނަށް ހެޔޮ އެދިގެން ދަންނަވާ ދެންނެވުމެކެވެ.

މާތް ﷲ އަޅަމެންގެ ދިވެހި ދީބުގެ ދަރިންނަށް ހިދާޔަތާއި ތެދުމަގު ދައްކަވާނދޭވެ. އިސްލާމީ ރިވެތި އުސޫލު އެއުރެންނަށް ދައްކަވާނދޭވެ! އިފްރާޠާއި ތަފްރީޠުގެ ނުބައި ދެމަގުން ދިވެހި ޒުވާނުން މިންޖު ކުރަށްވައި ފިތުނަފަސާދައާއި ލާއިންސާނިއްޔަތުން އަޅަމެން އެންމެން ސަލާމަތް ކުރަށްވާނދޭވެ. އާމީން!

وَمَا عَلَيْنَا إِلاَّ الْبَلاَغُ وَعَلَيْهِ التُّكْلاَنُ

 

- ޙުސައިން ރަޝީދު އަޙްމަދު

 

މިއަދު އޮންލައިން