ހެޔޮލަފާ އެކުވެރިއެއްނަމަ ތައްރީފްކުރުމަށްވުރެ އިސްކަންދޭންޖެހޭނީ ކުށްދެއްކުމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހެޔޮލަފާ އެކުވެރިއެއްނަމަ ތައްރީފްކުރުމަށްވުރެ އިސްކަންދޭންޖެހޭނީ ކުށްދެއްކުމަށެވެ!

ހެޔޮލަފާ އެކުވެރިންނަށް ޢުމަރުގެފާނު ދެއްވެވި ދަރަޖަ ހާދަހައި މަތިވެރިއެވެ. އޮތީ އެންމެ ސުވާލެކެވެ. މިފަދައެކުވެރިން މިއަދު ލިބިދާނެހެއްޔެވެ؟ އެފަދަ މީހުން މިއަދު ދުނިޔޭގައި އެބަތިބިހެއްޔެވެ؟ މިފަދައިން ސުވާލުކުރާ މީހާއަށް އަހުރެން ބުނަން އޮތީ ފުރަތަމަ ތިމާއަކީ އެފަދަ މީހަކަށްވާށެވެ! 

"އިސްލާމް ކަމަށްފަހު ހެޔޮ ލަފާ އެކުވެރިއަކަށްވުރެ ބޮޑު ނިޢްމަތެއް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ." 

މިއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ހެޔޮލަފާ އެކުވެރިންނަށް ދެއްވެވި ދަރަޖައެވެ. ބަޔާންކުރައްވަވާފައި އެވަނީ އިސްލާމްކަމަށްފަހު މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތަކީ ހެޔޮލަފާއެކުވެރިންކަމެވެ. 

ޢުމަރުގެފާނަށް މުސްލިމުންގެ ޚަލީފާކަން ލިބިވަޑައިގަތުމުން އެކަމަށް ތަޢްރީފްކުރި މީހެއްގެ ގާތު އެކަލޭގެފާނަށް ތަޢްރީފް ނުކުރުމަށް ވިދާޅުވެ އޭނާއަކީ ޢުމަރުގެފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭކަލަކު ކަމުގައިވާނަމަ އެކަލޭގެފާނުގެ ކިބައިގައި ހުންނަ އުނިފަތަކާއި ކުރެއްވޭ ކުށްތައް ބަޔާންކޮށްދެއްވައި އިޞްލާޙްކުރަން އެހީތެރިވެދޭ މީހަކު ކަމުގައިވުމަށް ވިދާޅުވެފައިވެއެވެ.  

ކޮންމެ އިންސާނަކީވެސް އެމީހެއްގެ ކިބައިގައި ކޮންމެވެސް އުނިސިފަތަކެއް ހުންނާނެ މީހެކެވެ. އެމީހެއްގެ ކިބައިގައި އުނިސިފަތައް އެހުންނަނީ އެއީ އުނިސިފައެއްކަން އެމީހަކަށް ޤަބޫލުނުކުރެވޭތީއެވެ. އެކަން ޤަބޫލުކުރެވޭ މީހަކު އެމީހާގެ ކިބައި އުނިސިފަތައް ބަހައްޓާނެހެއްޔެވެ؟ އެމީހެއްގެ ކިބައިގައި އުނިސިފަ ހުރުމަށް ހަމައެކަކުވެސް ނުއެދޭނެއެވެ. 

އެހެންކަމުން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު އެއްކަމަކީ އެމީހެއްގެ އެކުވެރިޔާގެ ކިބައިގައި ހުންނަ އުނިސިފަތައް އެމީހަކަށް ބުނެދީ އެމީހަކު އިޞްލާޙް ކުރުމަށް އެހީތެރިވެދިނުމެވެ.

ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް އެއްވެސް މީހަކަށް ނަޞޭޙަތެއް ދޭނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެގޮތުން މީސްތަކުންގެ ތެރޭގައި ހުއްޓައި އެހެން މީހުންނަށް އެނގޭ ގޮތަށް ނަޞޭޙަތް ދިނުމެއް ނެތެވެ! އެއިރުން އެކަން ވާނީ އެމީހަކު ފަޟީޙަތްކުރުން ކަމަށެވެ. ބަލައިގަތުމުގެ ބަދަލުގައި ކުރެވޭނީ ނަފްރަތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން