ތ.ގުރައިދޫ އާއި މ.ވޭވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނެފައިވަނީ ގުރައިދޫ އާއި ވޭވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް އެބަދާކަމާއި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައްކަމަށެވެ.
ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 7،952 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 10،134 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫޢެއް. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 19 އޯގަސްޓް 2020 ގައެވެ.
މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 56،925 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 5،992 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.