އެދޭ ކޮންމެ ކަމެއް ﷲ ކޮށްދެއްވަވާނެމަގު ޤުދްސިއްޔަ ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ
އެދޭ ކޮންމެ ކަމެއް ﷲ ކޮށްދެއްވަވާނެމަގު ޤުދްސިއްޔަ ޙަދީޘުން-

އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އެމހަކު އެދޭ ކޮންމެކަމެއް ﷲ ތަޢާލާ މިންވަރުކުރައްވަވައިދެއްވެވުމެވެ. އެމީހާގެ ހުރިހާ ބޭނުންތަކެއް ﷲ ތަޢާލާ ފުއްދަވައިދެއްވެވުމެވެ. އެފަދަ މީހަކަށް ވެވޭނެ މަގު ޤުދްސިއްޔަ ޙަދީޘުފުޅުން ފެންނަން އެބައޮތެވެ.

ޤުދުސިއްޔަ ޙަދީޘްފުޅަކީ އޭގެ މާނަ ﷲގެ ހަޟްރަތުން އައިސްފައިވާ ނަމަވެސް  ޢިބާރާތް ރަސޫލާ صلى الله عليه وسلم ވިދާޅުވެފައިވާ ގޮތަށް ބަޔާންވެވޭ ޙަދީޘްފުޅެވެ. 

އަބަދުވެސް ބުނާފަދައިން އިސްލާމް ދީނުގައި ކުރިއެރުން ލިބުންވަނީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރި ވަރަކުންނެވެ. ﷲ ތަޢާލާ އުފެއްދެވި އެންމެ މަތި މަޚްލޫޤަކީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ  ކަމުގައިވީހިނދުވެސް މަތިވެރިކަން ހޯއްދެވުމަށް ނަބިއްޔާ ﷺ އެވަރަށް ބުރަފުޅުކޮށް މަސައްކަތްކުރެއްވެވީ އެ ސަބަބަށްޓަކައެވެ. 

އަދި ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަދައިގަތުމަށްފަހުގައިވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެބޭކަލުންގެ ދަރަޖަ މަތިވެރިކުރައްވަވަން ޞަޙާބީން އެހައި ބުރަފުޅުކޮށް މަސައްކަތްޕުޅު ކުރެއްވެވީ އެހެންވެގެންނެވެ. 

ވީމާ ތިމާ އެދޭ ކޮންމެ ބޭނުމެއް ޙާޞިލުވާ މީހަކަށް އެދޭމީހާ މި ޙަދީޘްފުޅުގައިވާފަދައިން ޢަމަލުކުރާށެވެ. 

"--އަދި ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުއްތަންވުމަށްޓަކައި ކުރާ ޢަމަލުތަކުގެ ތެރެއިން، ތިމަން އިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އޭނާގެ މައްޗަށް ތިމަން އިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހާ ކުއްތަންވުމުގެ ގޮތުން ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާދެކެ ތިމަންއިލާހު ލޯބިވެވޮޑިގަންނަވަމެވެ.

ފަހެ ތިމަންއިލާހުގެ ލޯބިވެވޮޑިގަތުން އެއަޅާއަށް ލިބިއްޖެނަމަ، އެ އަޅާ އަޑުއަހައި އުޅޭ އިވުން ކަމުގައި، އަދި ބަލާ އުޅޭ ބެލުން ކަމުގައި، އަދި ހިފާ އުޅޭ އަތް ކަމުގައި، އަދި ހިނގައި އުޅޭ ފައި ކަމުގައި ތިމަންއިލާހު ވެވޮޑިގަންނަވާނަމެވެ. (އެބަހީ: އެގުނަވަންތަކުން އެއަޅާކުރާނީ ﷲ ތަޢާލާ ރުވިވޮޑިގަންނަވާ ޢަމަލުތަކެވެ.) އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެ އަޅާ ކަމަކަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް އެކަމެއް ކޮށްދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެއަޅާ ރައްކާތެރިކަމަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް ރައްކާތެރިކަން ދެއްވާހުށީމެވެ."

نْ أَبِي هُرَيرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: ((إِنَّ اللَّهَ تَعَالَى قَالَ: مَنْ عَادَى لِي وَلِيًّا، فَقَدْ آذَنْتُهُ بِالْحَرْبِ. وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ.

وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ. فَإِذَا أَحْبَبْتُهُ؛ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لَأُعِيذَنَّهُ((

"رواه البخاري"

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

"ހަމަކަށަވަރުން ﷲ ތަޢާލާ (ޤުދުސިއްޔަ ޙަދީޘެއްގައި) ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ ވަލީވެރިއަކާ ޢަދާވާތްތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކާ ދެކޮޅަށް ތިމަންއިލާހު ހަނގުރާމަ އިޢުލާނު ކުރައްވާހުށީމެވެ. (ވަލީވެރިންނަކީ އީމާންތެރި ތަޤްވާވެރިމީހުންނެވެ.) އަދި ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުއްތަންވުމަށްޓަކައި ކުރާ ޢަމަލުތަކުގެ ތެރެއިން، ތިމަން އިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އޭނާގެ މައްޗަށް ތިމަން އިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހާ ކުއްތަންވުމުގެ ގޮތުން ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާދެކެ ތިމަންއިލާހު ލޯބިވެވޮޑިގަންނަވަމެވެ. ފަހެ ތިމަންއިލާހުގެ ލޯބިވެވޮޑިގަތުން އެއަޅާއަށް ލިބިއްޖެނަމަ، އެ އަޅާ އަޑުއަހައި އުޅޭ އިވުން ކަމުގައި، އަދި ބަލާ އުޅޭ ބެލުން ކަމުގައި، އަދި ހިފާ އުޅޭ އަތް ކަމުގައި، އަދި ހިނގައި އުޅޭ ފައި ކަމުގައި ތިމަންއިލާހު ވެވޮޑިގަންނަވާނަމެވެ. (އެބަހީ: އެގުނަވަންތަކުން އެއަޅާކުރާނީ ﷲ ތަޢާލާ ރުވިވޮޑިގަންނަވާ ޢަމަލުތަކެވެ.) އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެ އަޅާ ކަމަކަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް އެކަމެއް ކޮށްދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެއަޅާ ރައްކާތެރިކަމަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް ރައްކާތެރިކަން ދެއްވާހުށީމެވެ."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން