ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތައް-

ކިޔުމަށް ހޭދަވާނީ 4މ 26ސ
ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތައް-

ފާޠިމަތު ނައީޝާ ޖާދުﷲ

ޙުޒައިފާ ބިން އުސައިދު ރިވާކުރެއްވިއެވެ. ' ތިމަންމެން ވަރަށް އަވަދިނެތި މަޝްވަރާކުރަންތިއްބައި  ﷲގެ ރަސޫލާ ﷺ ތިމަންމެންގާތަށްއައެވެ. އަދި ތިމަންމެން ތިމަންމެންގެ ގާތަށްވަޑައިގެން މަޝްވަރާކުރަނީ ކޮންކަމަކާތޯ ސުވާލުކުރެއްވެވިއެވެ. 

ދެން ތިމަންމެން ދެނެނެވިމެވެ.. ޤިޔާމަތްދުވަހާއި ގުޅޭގޮތުންނެވެ. ދެން އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށްވެއެވެ.

"10 ކަމެއް މެދުވެރިނުވަނީސް އެދުވަހެއްނާންނާނެތެވެ. އެއީ ދުންގަނޑެއް ފާޅުވުމާއި، ދައްޖާލު ފާޅުވުމާއި، ބިމު ދާއްބައެއް ނުކުތުމާއި، ހުޅަނގު ފަރާތުން އިރު އެރުމާއި، ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބާ ވަޑޑައިގަތުމާއި، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުމާއި އަދި 3 ސަރަހައްދެއްގައި ބިންގަނޑު ދަމައިގަތުމެވެ. އެއީ އިރުމަތީ ފަރާތުންނާއި ހުޅަނގު ފަރާތުންނާއި އަދި އަރަބިއާގައި، ޔަމަންއިންފެށިގެން ރޯވެފައިވާ އަލިފާންގަނޑު ނިމޭ ހިސާބުގައެވެ. އެތަނުން، އެހެންތާކަށް މީހުން އެއްވުމަށްދާނެތެވެ. ' 

• މަހްދީގެފާނު ފާޅުކުރެއްވުން-

އެކަލޭގެފާނު ބިމުގައި ޢަދުލުވެރިކަން ޤާއިމްކުރާނެއެވެ. އަދި އުއްމަތް ހެޔޮމަގަށް އަޅުއްވާނެތެވެ. 

އަބޫ ސަޢީދު އަލް ޚުދްރީ ރިވާކުރެއްވި ޙަދީޘްބަސްފުޅެއްގެ މާނާގައިވެއެވެ. " އެންމެ ފަހުދުވަސްތަކުގައި މަހްދީގެފާނު ފާޅުވާނެތެވެ. އެކަލޭގެފާނަށްޓަކައި މާތްﷲ ވާރޭވެއްސަވާނެތެވެ. އަދި ބިމުގައި ކާބޯތަކެތި އުފެދި އިތުރުވާނެތެވެ. އަދި އެކަލޭގެފާނު ހުރިހާ އެންމެންގެ މެދުގައި ހަމަހަމައަށް ރުފިޔާ ބައްސަވާނެތެވެ. އަދި ކަންބަޅިބަކަރި އިތުރުވާނެތެވެ. އަދި 7 ނުވަތަ 8 އަހަރުވަންދެން އެކަލޭގެފާނު ދެމިހުންނަވާނެތެވެ. "

• ދައްޖާލް ފާޅުވުން-

ބައެއް ސައްޙަ ޙަދީޘްތަކުގައި ދައްޖާލުގެ ސިފަތަށް ބަޔާންކޮށްދީފައިވެއެވެ. 

ޢުމަރު ރަޟިޔަﷲޢަންހު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގައިވެއެވެ. " ތިމަންކަލޭގެފާނު އަވަހާރަފުޅުލައްޕަވަނިކޮށް ހުވަފެނެއް ފެނިވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނު ގެފުޅު ވަށާ ޠަވާފްކުރަނިކޮށެވެ. އަދި ތިމަންކަލޭގެފާނަށް ޢީސާ އިބުނު މަރިޔަމް ފެނިވަޑައިގެންނެވިއެވެ. ދެން ތިމަންކަލޭގެފާނަށް ދައްޖާލް ފެނިވަޑައިގެންނެވިއެވެ.' ދެން އެކަލޭގެފާނު ދައްޖާލް ސިފަކުރެއްވެވިއެވެ. " ހަށިގަނޑުގެ ރޫފަ ރަނގަޅެވެ. ހަންގަނޑު ހުރީ ރަތް ފާޑަކަށެވެ. އަދި ބުޅި އިސްތަށިގަނޑެއްހުރެއެވެ. އޭނާއަށް ލިބިފައިވަނީ އެންމެ ލޮލެކެވެ. އެ ލޯ ހީވަނީ ވައިގެ ތެރޭގައިއިން މޭބިސްކަދުރެއްހެންނެވެ. " ( ސަޙީޙް މުސްލިމް 2.237 )

ދައްޖާލުގެ ފިތުނަވެރިކަމަކީ އަހަރެމެން އިންސާނުންނަށް އަންނާނެ އެންމެ ނުބައި ފިތުނަވެރިކަމެވެ. އެއީ މީހުން ހައިރާންކޮށް އެމީހުންނަށް އޮޅުވާލެވޭފަދަ އެތައްކަމެއް ކުރުމުގެ ބާރު މާތްﷲ ދައްޖާލަށް ދެއްވާފައިވާތީއެވެ. ފެންއާރުތަކާއި ޕާނުންފުރިފައިވާ ފަރުބަދަތަށް ދައްޖާލު އަތުގައިވާނެތެވެ. އަދި ވާރޭ ވެހުމަށް އުޑަށް އަމުރުކުރުމުން ވާރޭ ވެހޭނެތެވެ. އަދި ބާރު ދުވެލީގައި މުޅި ދުނިޔޭގައި އޭނާ ދަތުރުކުރާނެތެވެ.

އަބުލް ދަރްދާޢު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގައިވެއެވެ. " ކަހަފް ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުންދަސްކޮށްފިމީހާ ދައްޖާލުގެ ކިބައިން ސަލާމަތްވާނެތެވެ. "  ( ސަޙީޙް މުސްލިމް 6/92 ) 

• ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބާވަޑައިގަތުން-

ދައްޖާލު ދުނިޔޭގައި ފިތުނަ ފަސާދަ ފެތުރުމުން، މާތްﷲ، ޢީސާ ޢަލައިހިއްސަލާމް ފޮނުއްވަވާނެތެވެ. އަދި އެކަލޭގެފާނު، އެދައްޖާލު ނެތިކޮށްލައްވާނެތެވެ. 

• ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުން-

" ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާންދެނެވެ. އަދި ޙައްޤު ތެދު ވަޢުދު ( އެބަހީ : ޤިޔާމަތްވުމުގެ ވަގުތު ) ގާތްވެއްޖެއެވެ. ފަހެ، އެހާރުން ކާފިރުވިމީހުން ބިރުން ލޯތައްބޮޑުވެފައިވާނެތެވެ. އަދި ބުނާނެތެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ ! ހަމަކަށަވަރުން، ތިމަންމެން ތިބީ މިކަންތައްތަކާމެދު ޣާފިލް ކަމެއްގައެވެ. އަސި ކިއެއްތަ! ތިމަންމެންވީ، އަނިޔާވެރި ބަޔެއްކަމުގައެވެ. "  سورة الأنبياء : 96 ، 97

• ބިންގަނޑު ގަބައިގަތުން 

• ދުންގަނޑު 

" ފަހެ ފާޅުވެގެންވާ ދުމަކައިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރުކުރާށެވެ ! އެ ދުން މީސްތަކުން ފޮރުވާލާނެތެވެ. އަދި އެއުރެން ބުނާނެތެވެ. މިއީ ވޭންދެނިވި ޢަޛާބެކެވެ، " سورة الدّخان : 10 ، 11

• ހުޅަނގު ފަރާތުން އިރުއެރުން

އަބްދުﷲ އިބުނު އަމްރު އިބުނު އަލް ޢާސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. " ޤިޔާމަތްދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން އެެންމެ ފުރަތަމަ ޢަލާމާތަކީ ހުޅަނގު ފަރާތުން އިރު އެރުމެވެ. " ( މުސްލިމް 18/78 )

• ބިމު ދާއްބައެއް ފާޅުވުން

" އެއުރެންގެ މައްޗަށް ޢަޛާބުގެ ބަސްފުޅު ރައްދުވާހިނދު، ތިމަންރަސްކަލާމގެ އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާއި ވާހަކަ ދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންނުވާ ބަޔަކުކަމުގައި މީސްތަކުންވިއެވެ. " سورة النّمل : 82

• ހުރިހާ އެންމެން އެއްވުމަށް މެދުވެރިވާ އަލިފާންގަނޑެއްރޯވުން

އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. " އެންމެ ފުރަތަމަ ޢަލާމަތެއްގެ ގޮތުގައިވާނީ އިރުމަތިފަރާތުން ހުޅަނގަށް މީހުން ދިޔުމަށް މެދުވެރިވާ އަލިފާންގަނޑެކެވެ. " ( ބުޚާރީ 3/362 )

ޤިޔާމަތްދުވަހުގެ ޢަލާމާތްތަށް ޤަބޫލުކުރުމަކީ އަހަރެމެންގެ އީމާންތެރިކަން ފުރިހަމަކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. އެކަންތައްތައް ހިމެނޭނީ ޣައިބަށް އީމާންވުމުގެ ތެރޭގައެވެ. އަދި ޣައިބަށް އީމާންވުމާއިނުލާ އަހަރެމެންގެ އީމާންތެރިކަން ފުރިހަމައެއްނުވާނެއެވެ. 

- މަސްދރު: އިސްލާމީ ހިދާޔަތް

މިއަދު އޮންލައިން