ޢާދުބާގައިގެ މީހުންގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 2މ 2ސ
ޢާދުބާގައިގެ މީހުންގެ ވާހަކަ

ފާޠިމަތު ނަޢީޝާ ޖާދުﷲ 

އާދު ބާގައިގެ މީހުންނަކީ، ސައުދީ އަރަބިއްޔާގެ ' އިރަމް ' ކިޔާ ރަށެއްގައި ދިރިއުޅުނު ބައެކެވެ. އެމީހުންނަކީ، އެމީހުންގެ ބިޔަކަމާއި އަދި ވަރުގަދަކަމަށް މަޝްހޫރުކަން ލިބިފައިވާ ބައެކެވެ. އެމީހުންގެ ޖާނުންބިޔަކަމާއި ވަރުގަދަކަމުން، އެމީޙުންގެ ގެތައް ހަދާ އުޅުނީ ހިލައިންނެވެ. އަދި ވަރުގަދަ ހިލަތަށް ބޭނުންކޮށް އުސް ތަނބުތަކާއި ފަށްޅިތައް ބިނާކޮށްއުޅުނެވެ. އެކަމުގައިވެސް، ޢާދު ބާގައިގެ މީހުންނަކީ އަރާހުރިބައެކެވެ. 

އެމީހުންނަށް އާރާއި ބާރުގެ ސަބަބުން ބޮޑާވެ، ﷲ ޞުބުޙާނަހޫ ވަޠަޢާލާ މަތިން ހަނދާންނެތޭ ހިސާބަށް ދިޔައެވެ. އަދި އެމީހުންނަށް ލިބިފައިވާ މުދަލާއި ފައިސާ އަދި އާރާއި ބަރުގެ ސަބަބުން ﷲ ގެ މަދަދުވެރިކަމެއް އަދި އެއްވެސް އެހީއެއް ބޭނުންނުވާނެކަމަށް ޤަބޫލުކުރިއެވެ. އަދި ފޭރުމާއި މީހުން މެރުން ފަދަ ނުބައި ޢަމަލުތައް އެމީހުންކޮށްއުޅުނެވެ. ދެން އެމީހުންނަށް ތެދުމަގުދެއްކެވުމަށް މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ޙޫދު ޢަލައިހިއްސަލާމް ފޮނުއްވެވިއެވެ. އެހެންނަމަވެސް، އެމީހުން، އެކަލޭގެފާނަށް މަލާމާތްކޮށްހެދިއެވެ.

"އެއުރެން ދެންނެވޫއެވެ. އޭ ހޫދުގެފާނެވެ! ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެގާތަކަށް ކަލޭގެފާނުނުގެންނަވަމުއެވެ. އަދި ހަމައެކަނި ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށްލާނޭ ބަޔަކުކަމުގައި ތިމަންމެންނުވަމުއެވެ. އަދި ކަލޭގެފާނަށް އީމާންވާ ބަޔަކުކަމުގައި ތިމަންމެން ނުވާހުށީމެވެ." سورة هود : 53

ދެން، ﷲގެ އަމުރުފުޅަށް ހޫދުގެފާނު، އެކަލޭގެފާނަށް ތަބަޢަވި މަދުބަޔަކާއިއެކު އެތާކައިރިވާ ހޮހޮޅައަކަށްގޮސް ރައްކާތެރިކަން ލިބިގަތެވެ. އެއަށްފަހު، ﷲ ޞުބުޙާނަހޫ ވަޠަޢާލާ، ޢާދު ބާގައިގެ މީހުން ނެތިކުރެއްވެވީ، 8 ދުވަހާއި 7 ރެޔަށް ދިގުދެމިގެންދިޔަ ތޫފާނެއްފޮނުއްވަވާފައެވެ. 

"ފަހެ އެއުރެންގެ ވާދީތަކާއި ދިމާއަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެޢަޒާބު ފެނުނުހިނދު އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ވާރޭ ވެއްސައިދޭނެ ވިލާގަނޑެކެވެ. އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި ޢަޒާބު އޭގައި ހިމެނިގެންވާ ގަދަފަދަވަޔެކެވެ. އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެ އެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތް ބަޔަކުކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. " سورة الأحقاف : 24،25

ވިސްނައިފިމީހަކަށް މެނުވީ މިއީ އިބުރަތެއްކަމުގައި މެނުވީނުވެއެވެ.

- މަސްދަރު: އިސްލާމީ ހިދާޔަތް

މިއަދު އޮންލައިން