ދަޢުލަތުގެ ތެރޭގައި ވަކި ދަޢުލަތެއް އުފައްދާ ދަޢުލަތާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރީމަ ދޭނީ މަރުގެ އަދަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ދަޢުލަތުގެ ތެރޭގައި ވަކި ދަޢުލަތެއް އުފައްދާ ދަޢުލަތާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރީމަ ދޭނީ މަރުގެ އަދަބު!

މީގެ 58 އަހަރު ކުރިން ރާއްޖޭގެ ދެކުނުގެ 3 އަތޮޅު އެއްވެގެން ދިވެހި ދައުލަތާ ދެކޮޅަށް ވަކި ދަޢުލަތެއް އުފެއްދިއެވެ. ދިވެހި ސިފައިންނަށް އިސްވެ ހަމަލާދިނެވެ. އެސަރަހައްދަށް ފޮނުވާފަތިބި ދިވެހި ސިފައިން ރަހީނުކޮށް ބޮޑެތި އަނިޔާދިނެވެ. ދިވެހި ދަޢުލަތުގެ ސިފައިގެން ބާރު މި ތިންއަތޮޅުން ކަނޑުވާލިއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ބުނާގޮތުން އެއީ އެންމެ ބޮޑު ޚިޔާނާތެވެ. ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމެވެ. ބައިނަލްއަޤުވާމީ މިންގަނޑުން ބެލިކަމުގައި ވިޔަސް އެއީ އެންމެ ބޮޑު ޚިޔާނާތުގެ ކުށެވެ. މަރުގެ އަދަބު ދެވޭކުށެކެވެ.

1960 ގެ ކުރީކޮޅު ދެކުނުގެ 3 އަތޮޅުން ވަކިދަޢުލަތެއް އިޢުލާން ކުރީ ދަޢުލަތަށް ޓެކްސް ދެއްކުމާ ދެކޮޅު ހެދުމަށް ފަހުއެވެ. އެ 3 އަތޮޅުގެ ތެރޭގައި އޭރު ތިބި ބޮޑުންނާއި ވިޔަފާރިވެރިންގެ އަމިއްލަ ފައިދާއަށެވެ. ދަޢުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ އެ 3 އަތޮޅުގެ ބޮޑުންގެ މިލްކިއްޔާތަށް އެ ސަރަޙައްދު ހެދުމަށްޓަކައެވެ. މިކަމަށް ވާގިވެރިވީ އިނގިރޭސި ދަޢުލަތުންނެވެ.

އައްޑުއަތޮޅު ގަން އޭރު ވަނީ އިނގިރޭސިންނަށް 100 އަހަރަށް ކުއްޔަށް ދީފައެވެ. ޖެހިގެން އޮތް ފޯޅަވަހި ވަނީ އެމެރިކާސިފައިންގެ ވައިގެ މަރުކަޒު ހިންގުމަށްޓަކައި އިނގިރޭސީން އަތުން ދިގުމުއްތަށް އެމެރިކާއިން ކުއްޔަށް ހިފާފައެވެ. އައްޑުއަތޮޅު ގަމުގައި އިނގިރޭސީންގެ ވައިގެ މަރުކަޒު ހިންގައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ދެވަނަ ބޮޑުހަނގުރާމައިގެ ޣަނީމާ މުދާ އޭރު ބަހަނީއެވެ.  ނިކަމެތި ޤައުމަތުގެ ބޯޑަރުތަކުގައި ކުރަހާ އެމީހުން ހިތާވާހާ ގޮތަކަށް ރޮނގު ދަމަނީއެވެ. ކުރިއަރަމުން އަންނަ ޤައުމަތައް ބައިބައި ކުރުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. މިޒަމާނުގައި އެއަށް ކިޔަނީ ޖިއޯޕޮލިޓިސްއެވެ.

ދިވެހި ރާއްޖޭއަކީ މީސްކޮޅުމަދު ކުޑަ ޤައުމެކެވެ. ދުނިޔޭގެ ނުފޫޒާއި ބާރުގަދަ  ބޮޑެތި ދޭދޭ ޤައުމަތުގެ މައްސަލަތަކުގެ ތެރެއަށް ދިވެހީން ވައްދައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ. ފައިދާއެއް ނުވާނެއެވެ. ސިޔާސީ ގޮތުން ލިބޭ އިތުރު ބާރުތަކެއް ނެތެވެ. ދިވެހިންނަށް ލިބޭނީ އަނިޔާއެވެ. ކޮޅުކެއްސެވެ. 

ވަކިދަޢުލަތެއް ހެދުމުގެ ވިސްނުމަކީ އަމިއްލަ އެދުން ބޮޑު ސިޔާސީ މީހުން އަބަދުވެސް ހިންގާ ޖަރީމާއެކެވެ. މިކަމުން ގެއްލުމާއި އަނިޔާ ލިބޭނީ ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށެވެ. ހަނގުރާމަ ކުރާނީ ދިވެހިން ދިވެހިންނާއެވެ. ލާއިންސާނީ އަނިޔާލިބޭނީ ދޭނީ ދިވެހިން ދިވެހިންނަށެވެ. ގެއްލި ހަލާކުވެދާނީ ދިވެހިންގެ މުދަލެވެ. ބިކަވެ ހުވަފެންވެ ނިކަމެތިވާނީ ދިވެހި ދަރިންނެވެ. ބޮޑެތި ބާރުތަކުން ތިބޭނީ ދުރުގައި ކުޅިބަލާށެވެ. ހީ ސަމާސާ ކުރާށެވެ. މައްސަލަ ހައްލުކުރުމުގެ ނަމުގައި ބަލިވާކޮޅުގެ ބޮޑުންނަށް ސިޔާސީ ހިމާޔަތްދީ އެމީހުން ފިލުވާނެއެވެ. މިއީ ހަޤީތެވެ. 

ރާއްޖޭގެ އެންމެ ދެކުނުން 3 އަތޮޅުގައި ވަކިދަޢުލަތެއް ހެދީ ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ. އޭރުވެސް ދިވެހީން އެކަމަށް އެއްބަހެއް ނުވެއެވެ. އެސަރަޙައްދުގައި އެކަން އޭރުކުރީ ދަޢުލަތަށް ޓެކްސްދެއްކުމާ ދެކޮޅުވި ވިޔަފާރިވެރިންނާއި ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުގެ އަމިއްލަ އެދުމަށެވެ. ހުރިހާ އަނިޔާއެއް ލިބުނީ ނިޔަކަމެތި ދިވެހި ރައްޔިތުންނަށެވެ. ގެއްލުނީ ދިވެހިންގެ މުދަލާ ފައިސާއެވެ. ފަލީހަތްވީ ދިވެހި ޤައުމެވެ. 

އަނެއްކާވެސް ދިވެހިންގެ ތެރެއިން ޚާއިނުންގެ ބަޔަކަކު އަޑީގައި ތިބެގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނިވާފަތްގަނޑުގައި އެޕާޓީގެ އެކްޓިވިސްޓުން ލައްވާ ދިވެހި ދަޢުލަތުގެ ބާރުވެރިކަމުގެ ތެރެއިން ދެކުނުގެ 3 އަތޮޅު ވަކިކުރުމަށް މިއަދު އެވަނީ ގޮވާލާފައެވެ. ދިވެހި ދަޢުލަތާ އަނެއްކާވެސް ހަނގުރާމަ އިޢުލާން ކުރީއެވެ.

އެމްޑީޕީ ގެ އެކްޓިވިސްޓް އިޤުބާލު އަޙްމަދުގެ ޓްވީޓަރ އެކައުންޓު IqbaalAhmed20@ އިން މިއަދު އެކުރި 2 ޓްވީޓްއަކީ:-


އެކަން ކުށްވެރިކޮށް އެމްޑީޕީން ހަރުކަށި ބަޔާން ނެރެންޖެހޭ ޓްވީޓްއެކެވެ. ދިވެހި ދަޢުލަތުގެ ތެރޭގައި ވަކިދަޢުލަތެއް އުފައްދާ ދަޢުލަތާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރަން އެއްވެސް ދިވެއްސަކު ނުރުހޭނެއެވެ. މިދަޢުލަތުގެ ތެރެއިން ވަކިދަޢުލަތެއް އުފައްދާ ޤައުމު ބައިބާކުރަން ޖާގަ ނުދޭނެކަން ޔަޤީނެވެ. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިންވެސް އެކަމަށް ޖާގައެއް ނުދެވޭނެއެވެ.

ރައީސް ނަޝީދުއާ ސަރުކާރުގެ އިސްވެރިން ތިއްބަވާ ވައިގްރޫޕް ތަކެއްގަ އިޤްބާލް ޓްވީޓް ޝެއަރ ކުރުމުން މާލޭސިޓީ ގޯތިހޯދުމަށް ހިންގާ ޙަރަކާތުގެ ބައިވެރިއެއް ކަމަށްވާ ކަނޑުވައި އިބްރާހީމް ރަޝީދު އެކަން ކުއްވެރި ކުރަށްވާ އިޤްބާލް އަށް ރައްދު  ދެއްވާފައެވެ. 

އެހެނަސް އެކަމާ ދެކޮޅަށް މި ގްރޫޕް ތަކުގަ ތިއްބެވި އެމް. ޑީ.ޕީގެ އިސްވެރިން ކުރެ އެކަކުވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.   

ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ މީހަކުކަމުގައި ވިޔަސް އަދި ސިޔާސީ ޕާޓީއެއް ވިޔަސް ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގައި އިތުރު ދަޢުލަތެއް އުފެއްދުމުގެ ވާހަކަ ދެއްކުމަކީ އެންމެ ބޮޑު ޚިޔާނާތުގެ ކުށުން ކުށްވެރިވާނެ ކުށެކެވެ. ރާއްޖޭގައި އިތުރު ދަޢުލަތެއް އުފެއްދުމާ ދެކޮޅަށް އަޅުގަނޑު ތެދުވާނަމެވެ

= ފުރަހަނި ޝުޢައިބު ޢަލީ=  6 ޑިސެމްބަރ 2020

 

 

މިއަދު އޮންލައިން