ކޮރޯނާ ޖެހުނު މީހުންގެ ޢަދަދު ހަސަތޭކަ މިލިއަނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކޮރޯނާ ޖެހުނު މީހުންގެ ޢަދަދު ހަސަތޭކަ މިލިއަނަށް!

ކޮރޯނާ ވައިރަސްއަކީ އެއްވެސް ބާރެއް ލިބިގެންވާ މަޚްލޫޤެއް ނޫނެވެ. މީހަކު ބަލިކުރުމުގެ ބާރުވެސް ލިބިގެން ނުވެއެވެ. އެކަން އެނގެނީވެސް ހަމަ ޑޮކްޓަރުންނާއި ސައިންސްވެރިންގެ ދިރާސާތަކުންނެވެ. 

މިސާލަކަށް ބަލައިފިނަމަ މިއަދާއި ހަމައަށް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދަކީ 59,630,837އެވެ. 60 މިލިއަނާއި އަރައިހަމަކުރަނީއެވެ. ޑޮކްޓަރުން އެބުނަނީ ބަލިޖެހުނުކަން ނުވެސް އެނގި ރަނގަޅުވީ އިތުރު 10 އިންސައްތަ މީހުން ތިބޭނެކަމަށެވެ. އެއިގެ މާނައަކީ 600 މިލިއަން މީހުންނަށް ބަލިޖެހި އެއިގެތެރެއިން 540 މިލިއަން މީހުންނަށް ބަލި ޖެހުނުކަން ނުވެސް އެނގި ރަނގަޅުވެފައިވާ ކަމެވެ. ކޮރޯނާ ވައިރަސްއަކީ އެއިގެ އަމިއްލަ ޒާތުގައި އެއްވެސް ބާރެއް ލިބިގެންވާ އެއްޗެއްނަމަ ވައިރަސް އެރި އެންމެން ބަލިނުވީ ކީއްވެގެން ހެއްޔެވެ؟ ފަރުވާކުރަން ނުޖެހުނީ ކީއްވެގެންހެއްޔެވެ؟ 

އަޅުގަނޑުމެންނަށް އޮތީ ރަސޫލް ﷺ ދަސްފުކޮށްދެއްވެވި ގޮތަށް ނަމާދުގައި ސަފުހަދައި ނަމާދުކުރުމެވެ. ސަފުން ކޮންމެ މީހަކަށްވެސް ލިބިގެންވާ ޖާގައިގެ ފުޅައުމިނަކީ އެމީހާގެ ހަށިގަނޑުގެ ފުޅައުމިނެވެ. އެޖާގައަށްވުރެ ދެގުނަ ފުޅައު މުސައްލަތައް ހިފައިގެން މިސްކިތަށް އަރައި ނަމާދުގެ ސަފުތައް ހަލާކުކުރުމެއް ނެތެވެ! މިކަންކަން ﷲ ތަޢާލާއަށް ބިރުވެތިވާ ދީނީ ޢިލްމުވެރިން އެގެންދަވަނީ ހާމަކުރައްވަމުންނެވެ. ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އަކީ އެއިގެތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 

މާރިޗްމަހުން ފެށިގެން މިއަދާއި ހަމައަށްވެސް ސުންނަތުގައި ވާފަދައިން ސަފުހަދައިގެން ނަމާދުކުރާ މިސްކިތްތައްވެސް އެބަހުއްޓެވެ. އެމިސްކިތްތަކުގައި ނަމާދުކުރާ މީހަކު ޕޮޒިޓިވްވެ އަދި ގެވެސް ކަރަންޓީނުކުރަން ޖެހުނުކަން އެނގިފައެއް ނުވެއެވެ.

 އެހެނަސް ކޮންމެ މީހަކީވެސް ހަމަ ބަލިވާނެ މީހެކެވެ. އެއީ ޤުދްރަތުގެ ޤާނޫނެވެ. ކޮރޯނާއިން ސަލާމަތްވުމަށް ކުރަން އޮތްކަމަކީ ރަސޫލް ގެ ސުންނަތަށް ޢަމަލުކޮށް، އެމަގުން ސަފުހަދައި ނަމާދުފުރިހަމަކޮށް ދުޢާކުރުމެވެ. ޢާންމު ދިރިއުޅުމުގައި ޑޮކްޓަރުން ދެމުން ގެންދާ އިރުޝާދުތަކަށް ޢަމަލުކޮށް ސަބަބުގައި ހިފެހެއްޓުމެވެ. 

ގަދަބަސްބުނާ ބައަކު ގަދަބަސް ބުނެބުނެ ތިއްބައި، ގޮށްމުށް ކަވަމުންދާއިރުވެސް އިއްޔެއަކީ ބަލިޖެހުނު މީހުންގެ ޢަދަދު 150 އަށް އެރި ރެކޯޑް ދުވަހެކެވެ! "ކޮރޯނާ ހުއްޓުވާނީ އަހަރެން" ކަމަށް ބުނާ މީހުންނަށް ކުރެވުނީ ކޮންކަމެއްތޯއެވެ؟

މިއަދު އޮންލައިން