ދުނިޔޭގަ ހިތް ނުފުރިތިބޭ މީހުންނަށް ސުވަރުގެ ލިބުން ފަސޭހައެއް ނުވާނެ!: ޔާސްމީން މުގާހިދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދުނިޔޭގަ ހިތް ނުފުރިތިބޭ މީހުންނަށް ސުވަރުގެ ލިބުން ފަސޭހައެއް ނުވާނެ!: ޔާސްމީން މުގާހިދު

ދުނިޔޭގެ އެދުންތަކަށް ދަހިވެތިވުމަކީ ﷲ އާ ދުރަށް ޖެހެވޭ ސަބަބެކެވެ. އެހެނީ އެފަދަ މީހުންނަކީ ދުވަހަކުވެސް ހިތް ފުރޭނެ ބައެއް ނޫނެވެ. އަބަދުވެސް އުޅޭނީ ތިމާއަށް ލިބިފައިވާ އެތި ކަމު ނުގޮސްގެން އެހެން އެއްޗެއް ހޯދުމަށެވެ. 

މިސާލަކަށް އަތުގައި އޮތް ސްމާޓް ފޯން ކަމު ނުގޮސްގެން އެއަށްވުރެ ފަހުގެ ނުވަތަ އެންމެ ފަހުގެ ފޯނު ހޯދަން ޝައުޤުވެރިވާ ބައަކު އުޅޭނެއެވެ. އަތުގައި އޮތް ކާރު ކަމު ނުގޮސްގެން އެހެން ކާރެއް ހޯދަން ބޭނުންވެގެން އުޅޭ މީހުން އުޅޭނެއެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ކަމު ނުގޮސްގެން އެހެން މީހަކު ހޯދަން މަސައްކަތްކުރާ މީހުން އުޅޭނެއެވެ. އެފަދަ މީހުން އެކަންކަން ނުވެގެން ހަމަ ތެޅިފޮޅޭނީއެވެ. އަބަދުވެސް ތިބޭނީ އެކަންކަން ނުވެގެން ފިކުރު ބޮޑުވެ ނިތްކުރިން އޮއްދާ ހިއްލާފައެވެ. 

މިފަދަ މީހުންނަކީ ދުނިޔޭގެ އެދުންތަކަށް ބޫތުކާފައި ތިބޭ މީހުންނެވެ. އެހާލަތަށް މީހާގެ ކަންކަން ދިއުމުން ﷲ ތަޢާލާ އާއިމެދު ވިސްނައިލާނެ އެއްވެސް ވަގުތެއް ނުވާނެއެވެ. އަޅުކަން ކުރާނެ ވަގުތެއް ނުވާނެއެވެ. އަބަދުވެސް ކޮންމެވެސް ކަމެއް ނުވެގެން ތެޅިފޮޅޭނީއެވެ. 

މިފަދަ މީހުންނަށް ޤަބޫލު ނުކުރެވޭ ކަމަކީ ތިމާ ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް ތިމާއަށް ލިބޭނީ ﷲ ތަޢާލާ މިންވަރު ކުރައްވަވާފައިވާ އެއްޗެއް މިންވަރުކުރައްވަވާފައި ވަރަށް ކަމެވެ. ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް އިތުރު ނުކުރެވޭނެ ކަމެވެ. 

ބުއްދިވެރިންނަކީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ވަރަށް ޝުކުރުކުރުމާއިއެކު ކުރިއެރުން ހޯދަން މަސައްކަތްކުރާ މީހުންނެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާގެ މަތިން ހަނދާންކުރާނެ ވަގުތުވެސް ވާނެއެވެ. އަޅުކަންކޮށް އެހެން ހެޔޮ އަމަލުތައް ކުރާނެ ވަގުތުވެސް ވާނެއެވެ.

އަހަރެމެން ހުރިހާ މުސްލިމުންވެސް ބޭނުންވެގެން މިއުޅެނީ އާޚިރަތް ލިބުމުވެ. ގަދަ އަޅައި މަސައްކަތް މިކުރަނީ އާޚިރަތް ހޯދުމަށެވެ. އާޚިރަތް ލިބޭނީ ﷲ ތަޢަލާ އާއި ކުއްތަންވެވުނު ވަރަކުންނެވެ. ﷲ ތަޢާލާ އާއި ކުއްތަންވެވޭނީ ހެޔޮ އަމަލުކުރުން ގިނަކުރިވަރަކުންނެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަކީ  ހަމައެކަނި ދުލުން ބުނާ ބަސްތަކަކުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. 

ވީމާ އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރަންވީ ވީހައި ގިނައިން ހެޔޮ އަމަލުކުރާ މީހަކަށް ވުމަށެވެ. ދަރުސްތައް އަޑު އެހުމަކުން ނުފުދެއެވެ. ދަރުސެއް އަޑު އަހައިފިނަމަ ކުރަން ބުނާ ކަންކަން ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. ނޫންނަމަ ދަރުސް އަޑުއެހުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

- ޔާސްމީން މުގާހިދުގެ ދަރުސްކުން

މިއަދު އޮންލައިން