ކީރިތި ޤުރާނާއިބެހޭ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަދު ކުރިއަށް ގެންދަން ފަށައިފިއެވެ. އެހެން އަހަރުތަކާއި ޚިލާފަށް 2020 ވަނަ އަހަރު މި މުބާރާތް ކުރިއަށްގެންދަނީ ވާޗުއަލްކޮށެވެ.
މި މުބާރާތް އިފްތިތާޙްކޮށްދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިޞަލް ނަސީމު ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި ރީތިކޮށް ޤުރުއާން ކިޔަވާ ކުދިންތަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ހަމައެހެންމެ މިފަދަ ބަލިމަޑުކަމެއްގެ ދުވަސްވަރުގައިވެސް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިއަށް ގެންގޮސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖެއްސުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ހަމަ އެހެންމެ ޤުރުއާނާއި އެއްގޮތަށް ޢަމަލުކުރުމަށް ނައިބު ރައީސްވަނީ އިލްތިމާސް ކުރައްވަމުން ޤުރުއާނުގެ ޢިލްމު ފަތުރަން މަސައްކަތް ކުރާ ހުރިހައި ފަރާތްތަކަށްވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ޙަފްލާގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ވަނީ މުޚާތަބްކުރައްވާފައެވެ. އެމަނިކުފާނު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި ކީރިތި ޤުރުއާން ކިޔެވުމާއި އެ ޢިލްމު އުނގަންނައިދިނުމަކީ މަތިވެރި އަޅުކަމެއް ކަމަށާއި ދަރުމައާއި ޘަވާބު ހުރިކަމެއް ކަމަށްވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ މި ޙާލަތުގައިވެސް ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސައި އަހުލުވެރިކުރުވުމަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމުގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މިނިސްޓަރ ވަނީ ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ދިގު ރާގަށާއި ކުރު ރާގަށް ކިޔަވާގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަން އާއި ފަައިނަލް ބުރެވެ. އޮޑިޝަން ބުރު ކުރިއަށް ދާނީ 2020 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ 12:00 އިން 2020 ނޮވެމްބަރ 28 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށެވެ. ހަމައެހެންމެ ފައިނަލް ބުރު ކުރިއަށްދާނީ 2020 ޑިސެމްބަރ 13 ވާ އާދިއްތަ ދުވަހުގެ 08:00 އިން 2020 ޑިސެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
8 ޢުމުރުފުރާ އަކަށް ބަހާލައިގެން ގެންދާ މި ވާރޗުއަލް ޤުރުއާން މުބާރާުތުގައި މި ޢުމުރު ފުރާގެ ތެރޭގައި ހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ރަޖިސްޓްރީވުމާއި ވީޑިޔޯ އަޕްލޯޑް ކުރުން ކުރިއަށްދާނީ މި މުބާރާތަށް ޚާއްސަކުރެވިފައިވާ ޕޯޓަލް https://portal.nchq.gov.mv އިންނެވެ. މި މުބާރާތާއި ގުޅޭ އުޞޫލާއި އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް ލިބިލައްވާނެއެވެ.