ޢާޝޫރާ ދުވަހު ރޯދަ ހިފައިގެން އަހަރުދުވަހުގެ ފާފަ ފޮހެލެވޭތޯ ބަލަމާ - އަންނަ ހޮނިހިރު ދުވަހު ޢާޝޫރާ ރޯދަ ނުހިފޭނެކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 34މ 15ސ
ޢާޝޫރާ ދުވަހު ރޯދަ ހިފައިގެން އަހަރުދުވަހުގެ ފާފަ ފޮހެލެވޭތޯ ބަލަމާ - އަންނަ ހޮނިހިރު ދުވަހު ޢާޝޫރާ ރޯދަ ނުހިފޭނެކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެއް!

ޙުސައިން ރަޝީދު އަޙްމަދު

حَمْدًا لِمَنْ عَلَّمَ بِالْقَلَمِ عَلَّمَ الإِنْسَانَ مَا لَمْ يَعْلَمْ صَلاَةً وَسَلاَمًا دَائِمًا عَلَى مَنْ لاَ نَبِيَّ بَعْدَهْ 

މުޙައްރަމް މަހު ރޯދަ ހިފުމުގެ މާތްކަން: 

މާތް ﷲ މާތް ކުރަށްވައި ޙުރުމަތްތެރި ކުރެއްވި މައްސަރުތަކުގެ ތެރެއިން އެއް މައްސަރަކީ މުޙައްރަމް މަހެވެ. އެހެންކަމުން ރޯދަ މަސް ފިޔަވައި ރޯދަ ހިފުމާއި އަޅުކަން ކުރުމަށް އެންމެ މާތް މައްސަރަކީ މުޙައްރަމް މަހެވެ. މިއީ އިމާމު މުސްލިމާއި ތިރްމިޛީގެ ރިވާޔަތެެއްގައި ވެއެވެ. رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ މާނައީ: ރޯދަމަސް ފިޔަވައި ރޯދަހިފުމަށް އެންމެ މާތް ދުވަސްވަރަކީ މާތް ﷲ ޙުރުމަތްތެރި ކުރަށްވާފައިވާ މުޙައްރަމް މަހުގެ ރޯދައެވެ. މުޙައްރަމް މަހު ރޯދަ ހިފުމުގައި ފުރަތަމަ ދިހަ އައުލާވެގެންވާ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. 

ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ މާތްކަން:   

ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ. އެދުވަހުގެ ރޯދަ ހިފުމަކީ ސުއްނަތެކެވެ. މިރޯދައަކީ ފަރުޟު ރޯދައެއްގެ ގޮތުގައި މައްކާގައިވެސް އަދި މަދީނާގައިވެސް رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސަލަމަ އާއި އަޞްޙާބު ބޭކަލުން ހިއްޕަވަމުން ގެންދެވި ރޯދައެކެވެ. މިރޯދައާ ބެހޭގޮތުން އިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ލޮބުވެތި رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. 

صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ މާނައީ: ޢާޝޫރާ ދުވަހު ރޯދައަކީ ތިމަން ރަސޫލާ ﷲގެ ޙަޟުރަތުން އުއްމީދު ކުރަށްވާ ގޮތުގައި އޭގެ ސަބަބުން ރޯދަ ހިފާމީހާގެ ވޭތުވެދިޔަ އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެ ކަމެކެވެ. 

މުސްލިމުންނަށް އެންމެ ފުރަތަމަ ފަރުޟުވީ ޢާޝޫރާ ރޯދައެވެ. 

މިދުވަހަކީ ޔަހޫދީންގެ މާތް ދުވަހެކެވެ. ބުނެވޭގޮތުން ފިރުޢައުނުގެ ކިބައިން ބަނީ އިސްރާއީލް ބާގައިގެ މީހުން ސަލާމަތް ކުރެއްވި ދުވަސް ކަމުގައިވާތީ ﷲ އަށް ޝުކުރު އަދާކުރުމުގެ ގޮތުން މޫސާގެފާނު ރޯދަ ހިއްޕަވަން ފެއްޓެވީއެވެ. އަދި އެހެނިހެން ނަބީ ބޭކަލުންވެސް މިރޯދަ ހިއްޕަވަތެވެ. މިދުވަހަކީ ޔަހޫދީން މާތްކޮށް ހިތަމުން އަންނަ އެބައިމީހުން ޢީދު ދުވަހެއްކަމުގައި ދެކޭ ދުވަހެކެވެ. ޖާހިލިއްޔަ ޒަމާނުގައި މައްކާގެ މީހުންވެސް މިރޯދަ ހިފައެވެ. ކީރިތި ރަސޫލާވެސް ކޮންމެ އަހަރަކު ހިއްޕަވަތެވެ. އަދި މުސްލިމުންނަށް ހިފުމަށް އަންގަވަތެވެ. ފަރުޟެއްގެ ގޮތުގައެވެ. ދެޝައިޚުންގެ އިއްތިފާޤުން މާތް ﷲ ރުއްސުންލެއްވި އަބޫ މޫސަލް އަޝްޢަރީގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. 

دَخَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وَإِذَا أُنَاسٌ مِنَ الْيَهُودِ يُعَظِّمُونَ عَاشُورَاءَ وَيَصُومُونَهُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَحْنُ أَحَقُّ بِصَوْمِهِ فَأَمَرَ بِصَوْمِهِ މާނައީ: رَسُولُ اللَّهِ H މަދީނާއަށް ވަޑައިގެންނެވި އިރު ޢާޝޫރާ ދުވަހަކީ ޔަހޫދީން މާތްކޮށް ހިތާ ދުވަހެކެވެ. އަދި އެދުވަހުގައި ރޯދަ ހިފައެވެ. އެހިނދު ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. އެދުވަހު ރޯދަހިފުން އެންމެ ޙައްޤުވެރީ ތިމަންމެންނެވެ. ދެން މަދީނާގެ މުސްލިމުންނަށްވެސް ރޯދަހިފުމަށް އެންގެވިއެވެ. އެހެންނަމަވެސް މިރޯދަ ހިފުން އޮތީ ރޯދަ މަސް ފަރުޟު ވަންދެެނެވެ. ރޯދަމަހުގެ ރޯދަ ފަރުޟު ވުމާއެކު ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ފަރުޟުކަން މުސްލިމުންގެ މަތިން ކެނޑިގެން ގޮސް ބޭނުންމީހަކު ރޯދަ ހިފުމާއި ނުހިފުމުގެ އިޚްތިޔާރު ކީރިތި ރަސޫލާ ދެއްވިއެވެ. އިމާމު ޝާފިޢީއާއި އަޙްމަދާއި ޞައްޙަ ހަފޮތުގެ އިމާމުން ރިވާކުރެއްވި ޙަދީޘެއް ސިއްތުނާ ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. 

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَتْ قُرَيْشٌ تَصُومُ عَاشُورَاءَ فِي الْجَاهِلِيَّةِ وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُهُ فَلَمَّا هَاجَرَ إِلَى الْمَدِينَةِ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ شَهْرُ رَمَضَانَ قَالَ مَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ މާނައީ: ސިއްތުނާ ޢާއިޝާ ވިދާޅުވެފައި ވެއެވެ. ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުންގެ މީހުން ޢާޝޫރާ ދުވަހު ރޯދަ ހިފައި އުޅެތެވެ. އަދި رَسُولُ اللَّهِ H ވެސް އެދުވަހު ރޯދަފުޅަށް ހުންނަވަތެވެ. ދެން މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހުވެސް އެދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އެންގެވިއެވެ. ދެންފަހެ ރަމަޟާން މަހުގެ ރޯދަ ފަޟުރުވުމުން ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ބޭނުން މީހަކު ޢާޝޫރާ ރޯދަ ހިފަންވީއެވެ. ބޭނުން މީހަކު ނުހިފިޔަސް މައްސަލައެއް ނެތެވެ. 

ޢިލްމުވެރިންގެ އަރިހުން އަންނަ ގޮތުގައި ޢާޝޫރާ ރޯދަ ހިފުމުގައި ހަތަރު ދަރަޖައެއް އޮވެއެވެ. ބައެއް ޢިލްމުވެރިން ތިން ދަރަޖައޭ ވެސް ވިދާޅުވެއެވެ. އެއީ (ހ) އެކަނި ޢާޝޫރާ (ދިހަވަނަ) ދުވަހު ރޯދަ ހިފުމެވެ. (ށ) ނުވައަކާ ގުޅުވައިގެން ދިހައެއްގައި ރޯދަ ހިފުމެވެ. (ނ) އެގާރައާއި ގުޅުވައިގެން ދިހައެއްގައި ރޯދަ ހިފުމެވެ. (ރ) ނުވައަކާ ގުޅުވައިގެން ދިހައެއްގައި ރޯދަ ހިފުމާއެކު އެގާރަވަނަ ދުވަސްވެސް އިތުރު ކުރުމެވެ. މީގެ ތެރެއިން އެމީހަކު ބޭނުން ގޮތަކަށް ހިފިދާނެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެންމެ އައުލާ ގޮތަކީ ނުވައަކާއި ދިހައެއްގައި ހިފުން ކަމަށެވެ. ނަވެސް އުޞޫލީ ގޮތުން އައުލާވާނީ ތިން ދުވަހު ރޯދަ ހިފުމެވެ. އެއީ މަތީގައި ބަޔާންވެދިޔަ މުޙައްރަމް މަހު ރޯދަ ހިފުމުގެ މާތްކަން ބަޔާންވެގެންވާ ޙަދީޘުގެ އަލީގައެވެ. ކީރިތި ރަސޫލާ މުޅިންވެސް ހިއްޕަވާފައި ވަނީ ދިހައެއްގައި އެކަންޏެވެ. އިމާމު ޝާފިޢީއާއި އަޙްމަދާއި ނަސާއީ ފިޔަވައި ފަސް އިމާމުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. އެއްފަހަރަކު رَسُولُ اللَّهِ H ގެ އަރިހު އަޞްޙާބު ބޭކަލުންތަކެއް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ޢާޝޫރާ ދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މާތްކޮށް ހިތައި ރޯދަ ހިފައިއުޅޭ ދުވަހެކެވެ. (ތިމަންމެންވެސް ރޯދަ ހިފަންވީތޯއެވެ؟) އެހިނދު ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. 

فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަންނަ އަހަރު ދިރިތިބިއްޔާ ﷲގެ އިރާދަފުޅުން ތިމަންމެން ނުވައެއްގައިވެސް ރޯދަ ހިފާހުށީމެވެ. އެހެނަސް އަނެއް އަހަރުގެ މުޙައްރަމް މަސް ނާންނަނީސް ކީރިތި ރަސޫލާ އެއަހަރު ސުވަރުގެ ވަޑައިގެންފިއެވެ.   

ތިން ދުވަހު ރޯދަ ހިފުން: 

ކުރިން ބުނިފަދައިން ހަތަރު ދަރަޖައި އެއްދަރަޖާގައި ރޯދަ ހިިފިދާނެއެވެ. ދީނުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ މިތާ ދިހަވަނަ ދުވަހަށް އިތުރު ދުވަހެއް ގެންނަން ޖެހެނީ ޔަހޫދީންނާއި ނަޞާރާއިންނާ ތަފާތު ކުރުމަށް ކީރިތި ރަސޫލާ ބޭނުންފުޅުވާތީއެވެ. އެހެންކަމުން ދިހައަކާ އެކު ނުވައެއް ނުވަތަ އެގާރަ ވަނަ ދުވަހު ހިފުމުން އެކަން ފުދޭނެއެެވެ. މިއީ އިމާމު ޠާއޫސާއި އެނޫންވެސް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތެވެ. އަދި އެބޭކަލުން ވިދާޅުވަނީ މިގޮތަށް މިތިންދުވަހު ހިފުމުން ކޮންމެ މަހެއްގައި ހިފަން އޮންނަ ސުއްނަތް ތިން ދުވަހު ރޯދަ ނުހިފިޔަސް ފުދޭނެ ކަމަށެވެ. އިމާމު މުސްލިމު ނެރުއްވާފައިވާ ޙަދީޘެއްގައި ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައި ވެއެވެ. }أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْحَرَامِ{  މާނައީ: ރޯދަ މަހަށް ފަހު އެންމެ މާތްވެގެންވާ ރޯދައަކީ މުޙައްރަމް މަހު ހިފާ ރޯދައެވެ. 

ހުކުރު ހޮނިހިރު ދެދުވަހު ރޯދަ ހިފުން މަކްރޫހަވާނެބާ! 

ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހު ރޯދަ ހިފުމަކީ މަކްރޫހަ ކަމެކެވެ. އަނެއްބައި ޢިލްމުވެރިން އެކަމާ އިންކާރު ކުރަށްވައެވެ. އެބޭކަލުން ވިދާޅުވަނީ ޢާއްމު ދުވަސްތަކޭ އެއްފަދައިން ހުކުރު ދުވަހުގައި ވެސް ވަކި ޝަރުޠެއް ނެތި ރޯދަ ހިފޭނެ ކަމަށެވެ. އެހެނަސް ދަލީލުގެ ގޮތުން ގަދަކަމަށް ތަޙްޤީޤު ކުރެއްވި އިމާމުން ވިދާޅުވަނީ ހުކުރު ދުވަހު ރޯދަހިފުން މަކްރޫހަ ވާނޭ ކަމަށެވެ. އިމާމު ޝާފިޢީއާއި ދާރިމީއާއި ޞައްޙަ ހަފޮތުގެ އިމާމުން ރިވާކުރަށްވާފައި ވެއެވެ. މީހަކު ޖާބިރުގެފާނުން އަރިހުގައި ސުވާލު ދެންނެވިއެވެ. أَنَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صِيَامِ يَوْمِ الْجُمُعَةِ فَقَالَ نَعَمْ وَرَبِّ هَذَا الْبَيْتِ  ތެދެއްތޯއެވެ؟ رَسُولُ اللَّهِ H ހުކުރު ދުވަހު ރޯދަހިފުން މަނާ ކުރެއްވިތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. މިކަޢުބާގެވެރި އިލާހުގެ ޙައްޤުގައި ވިދާޅުވަމެވެ. އާނއެކެވެ! ތިޔައީ އިތުރު އެކަލޭގެފާނު މަނާކުރަށްވާފައި އޮތް ކަމެކެވެ. 

ހުކުރު ދުވަހު ރޯދަ ހިފުން މަކްރޫ ކަމެއްނެތި ހުއްދަވާ ގޮތް: 

މިތާގައި ނަހީގެ މާނައަކީ ޙަރާމްވުމެއް ނޫނެވެ. މަކްރޫހަ ވުމެވެ. މިހެނީ ހުކުރު ދުވަހު ރޯދަ ހިފުން މަނާކުރެއްވީ އެދުވަހުގެ މާތްކަމާހުރެ އެމާތްކަން ލިބިގަތުމުގެ ނިޔަތުގައި ރޯދަ ހިފާނަމައެވެ. އެހެންކަމުން އެނޫން ގޮތަކަށް ހުކުރު ދުވަހު ރޯދަ ހިފާނަމަ އެއީ މައްސަލައެއް ނޫނެވެ. އެއްގޮތަކީ ހުކުރު ދުވަހާއެކު ބުރާސްފަތި ދުވަހު ނުވަތަ ހޮނިހިރު ދުވަހު ރޯދަ ހިފުމެވެ. ދެޝައިޚުންގެ އިއްތިފާޤުން ނެރުއްވާފައި ވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ يَصُمْ أَحَدُكُمْ يَوْمَ الْجُمُعَةِ إِلاَّ أَنْ يَصُومَ قَبْلَهُ أَوْ يَصُومَ بَعْدَهُ މާނައީ: رَسُولُ اللَّهِ H ޙަދީޘު ކުރެއްވިއެވެ. ތިޔައިން އެކަކުވެސް ހުކުރު ދުވަހުގެ ކުރިން ނުވަތަ ފަހަތުން ދުވަހެއް ގުޅުވުމަކާ ނުލައި، އެކަނި ހުކުރު ދުވަހު ރޯދަ ނުހިފާހުށި ކަމެވެ. 

ހުކުރު ދުވަހަށް ރޯދަ ހިފުން ޚާއްޞަކުރުން: 

މިޙަދީޘުތަކުން ސާބިތުވާ ފަދައިން ހުކުރު ދުވަހު ޚާއްޞަ ކޮށްގެން ރޯދަ ހިފުމާއި، ހުކުރު ވިލޭރޭ ޚާއްޞަ ނަމާދެއް ކުރުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. އިމާމު މާލިކު ވިދާޅުވާ ގޮތުން އެއީ މަކްރޫހަ ކަމެއް ނޫނެވެ. އެހެނަސް އެކަލޭގެފާނުންގެ މައްޗަށް މިޙަދީޘުތަކުން ޙުއްޖަތް ލިބެއެވެ. ޢިލްމުވެރިން ވިދާޅުވެފައި ވަނީ އެކަލޭގެފާނަށް މިޙަދީޘުތައް ލިބިވަޑައި ނުގަންނަވަނީ ކަމަށެވެ. 

އިމާމު ޝާފިޢީ ވިދާޅުވެފައިވަނީ ހުކުރު ދުވަހު ސަބަބަކާ ލައިގެން، ނުވަތަ އެހެން ދުވަހަކާ ގުޅުވައިގެން ރޯދަ ހިފުމަކުން މައްސަލައެއް ނެތްކަމަށެވެ. މިސާލަކަށް މީހަކު އޭނާގެ ބަލިން ޝިފާ ލިބޭ ދުވަހު، އަބަދަށް ރޯދަ ހިފަން ނަދުރު ބުނުމެވެ. ނުވަތަ ދާއޫދުގެފާނުންގެ ރޯދަ ހިފުމެވެ. ނުވަތަ އެނޫންވެސް މިފަދަ ޙާލަތެކެވެ. 

ހުކުރު ދުވަސް ޗުއްޓީ ދުވަހަށް ބަލައިގެން ޤަޟާ ކުރުން: 

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން، ހުކުރު ދުވަހަކީ ޗުއްޓީ ދުވަހަށް ވާތީ، ފަސޭހައަކަށްޓަކައި، އެދުވަހުގެ މާތްކަމުގެ ނިޔަތެއް ތިމާގެ ހިތުގައި ނެތި، ރޯދަ ހިފިދާނެތޯ އެބަ ސުވާލު އުފައްދައެވެ. ޖަވާބުގައި ދެންނެވޭނީ ހުކުރު ދުވަހުގެ މާތްކަން ހިތުގައި ނެތި ޗުއްޓީ ދުވަހަކަށްވާތީ އެދުވަހު ޤަޟާ ރޯދަ ހިފުމަކީ މަކްރޫހަ ކަމެއްނެތި ހުއްދަވެގެންވާނޭ ކަމެކެވެ. އަދި މިތާގައި ބަޔާންވެގެންވާ ނަހީއަކީ އެފަދަ ރޯދައާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. އޭރުން އެރޯދަ ވަނީ އެހެން ދުވަހަކާ ގުޅުވައިގެން ހިފޭ ރޯދަ ފަދަ ރޯދައަކަށެވެ. މިޙާލަތުގައިވެސް ބޮޑަށް ރަނގަޅީ ޝައްކުން ސަލާމަތްވުމުގެ ގޮތުން އަނެއް ދުވަހާ ގުޅުވައިގެން ހިފުމެވެ. 

ކުރީއްސުރެން ހިފަމުން އަންނަ ރޯދަ:

ހުކުރު ދުވަހު ރޯދަ ހިފުން މަކްރޫހަ ކަމެއްނެތި ދެން އޮންނަ ގޮތަކީ ކުރީއްސުރެން ހިފަމުން އަންނަ ރޯދައެވެ. މިސާލަކަށް ދެދުވަހުން އެއްދުވަހުގެ ސުއްނަތް ރޯދައެވެ. ނުވަތަ މެދުފޮއި ރޯދައެެވެ. ނުވަތަ އެނޫންވެސް ސުއްނަތް ރޯދައެއް ހުކުރު ދުވަހަކާ ދިމާވުމެވެ. ނުވަތަ ތިމަންނާ ބަލިން ފަސޭހަވާ ދުވަހު ރޯދަ ހިފުމަށް ގަތް ނަދުރު ރޯދައާއި މިފަދަ ރޯދައެވެ. ނުވަތަ ފިދުޔަ ރޯދައެވެ. މިފަދަ ރޯދަ ހުކުރު ދުވަހު ހިފުމަކީ މިމައުޟޫޢުގެ ދަށުގައި ހިމެނޭކަމެއް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އިމާމު މުސްލިމު ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. رَسُولُ اللَّهِ H ޙަދީޘުކުރެއްވިއެވެ. لاَ تَخُصُّوا يَوْمَ الْجُمُعَةِ بِصِيَامٍ مِنْ بَيْنِ اْلأَيَّامِ إِلاَّ أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ މާނައީ: ތިޔަބައިމީހުން ހަފްތާގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ރޯދަ ހިފުމަށް ހުކުރު ދުވަސް ޚާއްޞަ ނުކުރާށެވެ. ތިޔައިން މީހަކު ކުރީއްސުރެން ހިފަމުން އަންނަ ރޯދައެއް މެނުވީއެވެ.

ބަޔާންވެދިޔަ ޙަދީޘުތަކުގެ އަލީގައި މިއަންނަ ޢާޝޫރާއާއި ތާސޫޢާއާއި ދެދުވަސް ހުކުރު ހޮނިހިރަށް ވާހިނދު ހުކުރު ދުވަހުގައިވެސް އަދި ހޮނިހިރު ދުވަހުގައިވެސް ރޯދަ ހިފުމަކީ މަކްރޫހަވާނޭ ކަމެއްނޫނެވެ. ޚުދް ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައި އެވަނީ إِلاَّ أَنْ يَصُومَ قَبْلَهُ أَوْ يَصُومَ بَعْدَهُ އެބަހީ ހުކުރު ދުވަހުގެ ކުރިން ނުވަތަ އެދުވަހުގެ ފަހަތުން ދުވަހެއް ގުޅުވުމަކާ ނުލައި، އެކަނި ހުކުރު ދުވަހު ރޯދަ ނުހިފުމަށެވެ. 

ހޮނިހިރު ދުވަހު ރޯދަ ހިފުން: 

ހޮނިހިރު ދުވަހު ރޯދަ ހިފުމާމެދު ޙަދީޘެއް އައިސްފައި ވެއެވެ. އެއީ އިމާމު ތިރްމިޛީއާއި އަބޫ ދާއޫދާއި އެނޫންވެސް ބޭކަލުން ނެރުއްވާފައިވާ ޙަދީޘެކެވެ. އެއީ މާތް ﷲ ރުއްސުންލެއްވި ބުސްރުގެ ކިބައިން އައިސްފައިވާ ރިވާޔަތެކެވެ. މިނޫން ދެވަނަ ޙަދީޘެއް ނެތެވެ. ތިރްމިޛީގެ ރިވާޔަތުގައި އަންނަނީ، عَنْ عَبْدِ اللَّهِ بْنِ بُسْرٍ عَنْ أُخْتِهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتَرَضَ اللَّهُ عَلَيْكُمْ فَإِنْ لَمْ يَجِدْ أَحَدُكُمْ إِلاَّ لِحَاءَ عِنَبَةٍ أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ މާނައީ: ޢަބްދު ﷲ އިބްނި ބުސްރު އެކަލޭގެފާނުންގެ ދައްތަގެ ކިބައިން ރިވާކުރެއްވި ކަމަށެވެ. رَسُولُ اللَّهِ H ޙަދީޘު ކުރެއްވިއެވެ. މާތް ﷲ ތިޔަަބައިމީހުންނަށް ފަރުޟު ކުރެއްވި ރޯދަނޫން ރޯދައެއް ހޮނިހިރު ދުވަހު ނުހިފާށެވެ. ތިޔައިން މީހަކަށް ކާނެ އެއްޗެއް ނުލިބިއްޖެނަމަ މޭބިސްކަދުރު ތޮށިކޮޅެއް ވިއަސް ނުވަތަ ގަހެއްގެ ޅަގޮފިކޮޅެއްގެ ތޮށިކޮޅެއް ވިއަސް ހަފާލައިގެން ހުންނާށެވެ. 

ހޮނިހިރު ދުވަހު ރޯދަ ހިފުމުގެ ޙުކުމް:

ދީނުގެ ޢިލްމުވެރިންގެ ތެރެއިން ޙަނަފީ މަޛްހަބުގެ ބައެއް ބޭކަލުންނާއި ޝާފިޢީގެ މަޛްހަބުގެ ބައެއް ބޭކަލުންނާއި ޙަންބަލީ މަޛްހަބުގައި އަންނަނީ ހުކުރުދުވަސް ފަދައިން ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ކަމަށެވެ. މާލިކީ މަޛްހަބާއި ޙަނަފީ މަޛްހަބުގެ ބައެއް ބޭކަލުންނާއި ޝާފިޢީ މަޛްހަބުގެ ބައެއް ބޭކަލުންވިދާޅުވަނީ އެއީ މަކްރޫހަކަމެއް ނޫންކަމަށެވެ. އެންމެހައި ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވަނީ އެހެން ދުވަހަކާ ގުޅުވައިގެން ހިފާނަމަ ނުވަތަ ރޯދަ ހިފުން ސުއްނަތް ދުވަހަކާ ދިމާވާނަމަ ހުކުރު ދުވަސް ފަދައިން ހޮނިހިރު ދުވަހު ހިފުމުގައި މައްސަލައެއް ނެތް ކަމަށެވެ. އިމާމު އައްޠީބީގެ ކިބައިން އަލްފަތުޙާއި އަލްޢައުނާއި ތުޙްފަތުލް އަޙްވަޛީގައި ނަގުލު ވެގެންވަނީ: وَاتَّفَقَ الْجُمْهُورُ عَلَى أَنَّ هَذَا النَّهْيَ وَالنَّهْيَ عَنْ إِفْرَادِ الْجُمُعَةِ نَهْيُ تَنْزِيهٍ لاَ تَحْرِيمٍ މާނައީ: ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޙަދީޘުގައި މިއޮތް ނަހީއަކީ ހުކުރު ދުވަސް ފަދައިން އެހެން ދުވަހަކާ ނުލައި ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުމާމެދު އައިސްފައިވާ ނަހީއެއް ކަމަށެވެ. އަދި މިތާގައި ނަހީގެ މުރާދަކީ މަކްރޫހަ ތަޙްރީއެއް ނޫންކަމަށާއި އޭގެ މުރާދަކީ މަކްރޫހަ ތަންޒީހެއް ކަމަށެވެ. 

މިމައްސަލައިގެ ޙުކުމް ބަޔާން ކުރަށްވަމުން އިމާމު ނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވެފައި ވެއެވެ. ހޮނިހިރު ދުވަހު އެކަނި ރޯދަ ހިފުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. އެހެނަސް އޭގެ ކުރީދުވަހާއެކު ނުވަަތަ ފަހު ދުވަހާއެކު ރޯދަ ހިފުމަކުން އެރޯދަ މަކްރޫހައެއް ނުވާނެއެވެ. މިއީ އަހަރެމެންގެ މަޛްހަބުގެ އިމާމުންގެ ތެރެއިން އިމާމު ދާރިމީއާއި ބަޣަވީއާއި ރާފިޢީއާއި އެނޫން ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތެވެ. އިމާމު އިބްނި ޚުޒައިމާ އެކަލޭގެފާނުންގެ ޞަޙީޙުގައި ވިދާޅުވެފައިވަނީ މިދުވަހަކީ ތިމަންމެންގެ ހުކުރު ދުވަސް ފަދައިން ޔަހޫދިން ހަފްތާގެ ޢީދު ދުވަސްކަމަށް ބަލައިގެން މާތްކޮށް ހިތާ ދުވަހަކަށްވާތީ މަކްރޫހަ ވެގެންވަނީ އެކަނި ހޮނިހިރު ދުވަހުގައި ރޯދަ ހިފުން ކަމަށެވެ. 

މިޙަދީޘުގެ މައްޗަށް ކުރެވޭ ދިރާސާއެއް:

(1) ޙަސަން ޙަދީޘެއް:

އިމާމު ތިރްމިޛީ ވިދާޅުވެފައި ވަނީ މިއީ ޙަސަން ޙަދީޘެއް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ  މިތާގައި މަކްރޫހަ ވެގެންވަނީ ހޮނިހިރު ދުވަހަކީ ޔަހޫދީން މާތްކޮށް ހިތާ ދުވަހަކަށް ވާތީ މުސްލިމުންނަށް މިދުވަސް ޚާއްޞަކޮށްގެން އެކަހެރިކޮށް ރޯދަ ހިފުމެވެ.

(2) ޙަދީޘުގެ ސަނަދު ޞައްޙަ:

އިމާމު ޙާކިމު މިޙަދީޘު ނެރުއްވާފައި ވިދާޅުވެފައި ވަނީ، މިއީ ބުޚާރީގެ ޝައުޠާ އެއްގޮތް ޞައްޙަ ޙަދީޘެއް ކަމަށެވެ. އެކަމަކު ދެޝައިޚުން ކުރެން ބޭކަލަކު މިޙަދީޘު ނެރުއްވާފައި ނުވާ ކަމަށެވެ. އަދި ބުޚާރީއާއި މުސްލިމު މިޙަދީޘާ ފުށުއަރާ ދެޙަދީޘެއް ރިވާކުރަށްވާފައިވާ ކަމަށެވެ. އެއީ ޖުވައިރިއްޔާގެ ޙަދީޘާއި އުއްމު ސަލަމާގެ ޙަދީޘެވެ. ޖުވައިރިއްޔާގެ ރިވާޔަތުގައި އަންނަނީ ހުކުރު ދުވަހެއްގައި ކީތިރި ރަސޫލާ އެކަމަނާގެ ގަނޑުވަަރަށް ވަޑައިގަތް ހިނދު އެކަމަނާ ހުންނެވީ ރޯދަފުޅަށެވެ. އެހިނދު ރަސޫލާ އެއްސެވިއެވެ. އިއްޔެ ކަމަނާ ހުންނެވީ ރޯދައަށްތޯއެވެ؟ އެކަމަނާ ނޫނެކޭ، ދެންނެވުމުން މާދަމާ ރޯދައަށް ހުންނަވާނަންތޯ އިތުރު އެކަލޭގެފާނު އެއްސެވިއެވެ. ޖަވާބުގައި އެކަމަނާ ނޫނެކޭ ދެންނެވިއެވެ. އެހިނދު ޙަދީޘު ކުރެއްވިއެވެ. އެހެންވިއްޔާ ރޯދަ ވީއްލާލައްވާށެވެ.

(3) ދޮގު ޙަދީޘެއް:

އިމާމު މާލިކު ވިދާޅުވެފައި ވަނީ މިއީ ދޮގު ޙަދީޘެއް ކަމަށެވެ. قَالَ أَبُو دَاوُد قَالَ مَالِكٌ هَذَا كَذِبٌ

މާނައީ: އިމާމު އަބޫ ދާއޫދު ވިދާޅުވެފައި ވަނީ އިމާމު މާލިކު މިއީ ދޮގު ޙަދީޘެއް ކަމުގައި ވިދާޅުވި ކަަމަށެވެ. އަދިވެސް އަބޫދާއޫދު ވިދާޅުވެފައި ވެއެވެ. އިމާމު އިބްނި ޝިހާބު އައްޒުހްރީގެ އަރިހުގައި މިޙަދީޘުގެ ވާހަކަ ދެކެވިއްޖެނަމަ އެކަލޭގެފާނު ވިދާޅުވާކަމަށް ވަނީ ތިޔައީ ޙިމްޞު މީހުންގެ ޙަދީޘެއް ކަމަށެވެ. އެބަހީ އެޙަދީޡުގެ އަޞްލެއް ނެތެވެ. އިމާމު އަލްއައުޒާޢީގެ ކިބައިން އަބޫ ދާއޫދު ގެންނަވާފައި ވަނީ އެކަލޭގެފާނު މިފަދައިން ވިދާޅުވި ކަމަށެވެ. ތިމަންކަލޭގެފާނުން ހުންނެވީ ތިޔަ ޙަދީޘު ރިވާ ނުކުރާށެވެ. އެންމެފަހުން ފެނުނީ މީސްތަކުންގެ މެދުގައި ޙަދީޘު ފެތުރިގެން އައިތަނެވެ. މިތާގައި އިމާމު ޒުހުރީ އެވިދާޅުވާ ޙިމްޞު މީހުންގެ މުރާދަކީ ޘައުރު އިބްނި ޔަޒީދާއި ޚާލިދު އިބްނި މަޢުދާންއެވެ. މިޙަދީޘު ޞަޙާބީންގެ ކިބައިން ރިވާކުރެއްވި ކަމަށްވަނީ މިދެބޭކަލުންނެވެ.

(4) މިއީ މަންސޫޚު ޙަދީޘެކެވެ.

އިމާމު އަބޫ ދާއޫދު މިޙަދީޘު ރިވާކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ وَهَذَا حَدِيثٌ مَنْسُوخٌ މިއީ މަންސޫޚު ޙަދީޘެއް ކަމަށެވެ. އެބަހީ އެއަށް ޢަމަލު ކުރުން ހެއުނުވާނެއެވެ.

(5) މުރްސަލް ޙަދީޘެއް:

މިޙަދީޘާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވަނީ މިއީ މުރްސަލް ޙަދީޘެއް ކަމަށެވެ. އެބަހީ މެދުތެރޭގެ ރާވީން ނުވަތަ ރާވީއަކު ވައްޓާލާފައި ސީދާ އަމިއްލައަށް ރިވާކުރެއްވުމެވެ. މިއީ އެންމެ ރިވާޔަތަކަށް ވީއިރުގައި ރިވާކުރަށްވާފައިވަނީ ބައެއް ފަހަރު ޢަބްދު ﷲ އިބްނި ބުސްރެވެ. އަނެއްބައިފަހަރު ބުސްރުއެވެ. އަނެއްބައިފަހަރު ބުސްރުގެ ދައްތަ އައްޞައްމާއެވެ. ބައެއް ރިވާޔަތުގައި ޢާއިޝާގެ ކިބައިންވެސް ރިވާވެގެންވާ ކަމަށް ބުސްރުގެ ކިބައިން އައިސްފައި އެބައެވެ. މިހަތަރު ބޭކަލުންނަނީ ހަތަރު ޞަޙާބީންނެވެ. އިމާމު ނަވަވީވެސް މިއީ މުރްސަލް ރިވާޔަތެއް ކަމުގައި ވިދާޅުވުމަށްފަހު ވިދާޅުވެފައިވަނީ އެހެނަސް ދަންނަބޭކަލުންގެ އަރިހުން މަޝްހޫރު ވެފައިވަނީ މުރްސަލް ޞަޙާބީގެ ޙުކުމަކީ މުއްތަޞިލް ރިވާޔަތުގެ ޙުކުމް ކަމަށާއި ޖުމްހޫރު ދަންނަބޭކަލުންގެ މަޛްހަބަކީ އެއިން ޙުއްޖަތް ލިބިގަނެވޭނެ ކަމަށެވެ. އެހެންނަމަވެސް ތިމަންމެންގެ އިމާމުންގެ ތެރެއިން އިމާމު އަބޫ އިސްޙާޤު އަލްއިސްފަރާޔިނީ ފަދަ ބޭކަލުން މިފަދަ ޙަދީޘުން ޙުއްޖަތް ނުގެނޭކަމަށް ވިދާޅުވަތެވެ. ވުމާއެކު ބުނެވޭނީ މިއީ ޚިލާފު ހުރި މައްސަލައެއް ކަމަށެވެ.

(6) ޙަދީޘުގެ މަތަނުގެ ބައެއް ލަފުޒާމެދު ވިސްނާލަންޖެހުން:

މިޙަދީޘުގައި ވާގޮތުގައި ރޯދަ ވީއްލުމަށްޓަކައި ނުވަތަ ރޯދަ ނުހިފައި ހުރުމުގެ ގޮތުން އޭނާއަށް އެންމެ ކުޑަމިނުން މޭބިސްކަދުރު ތޮށިކޮޅެއް ނުވަތަ ޅައޮފީގެ ތޮށިކޮޅެއް އަނގަޔަށް ލައިގެންނަމަވެސް ރޯދަ ނުހިފާ ހުންނަން ޖެހެއެވެ. މިޙަދީޘުގެ މިބަސްފުޅު ކީރިތި ރަސޫލާގެ ޢާއްމު ޙަދީޘުތަކާ ފުށުއެބަ އަރައެވެ. އެއީ އިތުރު އެކަލޭގެފާނު އަންގަވާފައިވަނީ ރޯދަ ވީއްލާނެ އެއްޗެއް ނުލިބޭމީހާ ކަދުރު އޮށަކުން ނުވަތަ އެވެސް ނުލިބިއްޖެ މީހާ ފެންފޮދަކުން ނަމަވެސް އަވަހަށް ރޯދަވީއްލުމަށެވެ. މިހުރިހާ ކަމަކާހުރެ އިމާމު ނަސާއީ ވިދާޅުވެފައި ވަނީ قَالَ النَّسَائِيُّ هَذَا حَدِيثٌ مُضْطَرِبٌ މިއީ ގަޑުބަޑު ވެފައިވާ ޙަދީޘެއް ކަމަށެވެ.  

(7) މިޙަދީޘާ ފުށުއަރާ ޞައްޙަ ދެޙަދީޘު:

ދިރާސާތަކުން ސާބިތުވާ ގޮތުގައި މިޙަދީޘު ބުޚާރީއާއި މުސްލިމާއި އެނޫންވެސް ބޭކަލުން ރިވާކުރަށްވާފައިވާ ޞައްޙަ ދެޙަދީޘަކާ ފުށުއަރައެވެ. މިވާހަކަ އިމާމު ޙާކިމާއި ނަސާއީއާއި އެނޫންވެސް ބޭކަލުން ވިދާޅުވެފައި ވެއެވެ. އެއް ޙަދީޘަކީ ޖުވައިރިއްޔާގެ ޙަދީޘެވެ. އެޙަދީޘު އިމާމު ޙާކިމުގެ ބަސްފުޅުން (ށ) ގައި ބަޔާންވެ ހިނގައްޖެއެވެ. އަނެއް ޙަދީޘަކީ އުއްމު ސަލަމާގެ ޙަދީޘެކެވެ. އެއީ އިމާމު ޙާކިމާއި ބައިހަޤީއާއި ނަސާއީއާއި ނަވަވީ ރިވާކުރަށްވާފައިވާ ދިގު ޙަދީޘެކެވެ. ކުރުގޮތަކަށް ދަންނަވާނަމަ އޭގައިވަނީ އިބްނި ޢައްބާސާއި ޖަމާޢަތެއްގެ ބޭކަލުން އުއްމު ސަލަމާގެ އަރިހަށް ވަޑައިގެން ކީރިތި ރަސޫލާ އެންމެ ގިނައިން ރޯދަފުޅަށް ހުންނަވާ ދުވަސްތަކަކީ ކޮބައިތޯ ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ. فَقَالَتْ صَدَقَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكْثَرَ مَا كَانَ يَصُومُ مِنَ اْلأَيَّامِ يَوْمَ السَّبْتِ وَيَوْمَ اْلأَحَدِ وَكَانَ يَقُولُ إنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُرِيدُ أَنْ أُخَالِفَهُمْ މާނައީ: ކުރިން އައިމީހާ ބުނީ ތެދެކެވެ. ތިމަން ކަމަނާ ވިދާޅުވީ رَسُولُ اللَّهِ H އެންމެ ގިނައިން ރޯދަފުޅަށް ހުންނަވާ ދުވަސްތަކަކީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހެވެ. އަދި އިތުރު އެކަލޭގެފާނު ޙަދީޘު ކުރަށްވަތެވެ. މިދެދުވަހަކީ މުޝްރިކުން ޢީދު ދުވަސްކަމަށް ދެކޭ ދެދުވަހަށްވާތީ ތިމަން ރަސޫލާ ބޭނުންފުޅުވަނީ އެމީހުންނާ ޚިލާފަށް ޢަމަލު ކުރެއްވުމަށެވެ.

މިޙަދީޘަށް ތާއީދުލިބޭ އެހެން ޙަދީޘެއް ސިއްތުނާ ޢާއިޝާގެ ކިބައިން އިމާމު ތިރްމިޛީއާއި ޙާކިމާއި އެނޫން ބޭކަލުން ރިވާކުރަށްވާފައި ވެއެވެ. وَعَنْ عَائِشَةُ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ مِنَ الشَّهْرِ السَّبْتَ وَاْلأَحَدَ وَاْلاثْنَيْنَ وَمِنَ الشَّهْرِ اْلآخَرِ الثُّلاَثَاءَ وَاْلأَرْبِعَاءَ وَالْخَمِيسَ  މާނައީ: ކީރިތި ރަސޫލާ ރޯދަ ހިއްޕަވާއިރު ބައެއް މައްސަރުގައި ހޮނިހިރު އާދީއްތަ ހޯމަ މިތިން ދުވަހުންކުރެ ދުވަހެއްގައި ހިއްޕަވަތެވެ. އަނެއް މައްސަރެއްގައި އަންގާރަ ބުދަ ބުރާސްފަތި މިތިން ދުވަހުން ކުރެ ދުވަހެއްގައި ހިއްޕަވަތެވެ.

(8) އިބްނި ޙަޖަރުގެ ތަޙްޤީޤުގެ ޚުލާޞާ:

އިމާމު އިބްނި ޙަޖަރު އަލްފަތުޙުގައްޔާއި އަލްތަލްޚީޞުގައި މިމައްސަލައަށް ބަޙުޘު ކުރަށްވައި ނެރުއްވާފައިވާ ޚުލާޞާ ދަންނަވާލާނަމެވެ. ވިދާޅުވެފައި ވެއެވެ. ތިމަން ކަލޭގެފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި ހޮނިހިރު ދުވަހު ރޯދަ ހިފުމާމެދު އައިސްފައިވާ ނަހީގެ ޙަދީޘްވަނީ ތަފާތު މަގުތަކުން އައިސްފައެވެ. ނަސާއީގައި ބަޔާންވެގެން ވެއެވެ. އިމާމު އަބޫ ދާއޫދު ވަރަށް ޞަރީޙަކޮށް ވިދާޅުވެފައި ވަނީ މިއީ މަންސޫޚު ޙަދީޘެއް ކަމަށާއި އެޙަދީޘު މަންސޫޚު ކުރާ ޙަދީޘަކީ (ޅ- ގައި ބަޔާންވެދިޔަ) އުއްމު ސަލަމާގެ ޙަދީޘު ކަމަށެވެ. އޭގައި ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައި ވަނީ އެދެދުވަހަކީ ކާފަރުން ޢީދުކަމަށް ދެކޭ ދެދުވަސް ކަމާއި ތިމަން ކަލޭގެފާނު ބޭނުންފުޅުވަނީ އެމީހުންނާއި ޚިލާފު ކުރެއްވުމަށް ކަމެވެ. އަދި ނަސާއީގެ އެހެން ރިވާޔަތެއްގައި އަންނަނީ مَا مَاتَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى كَانَ أَكْثَرُ صِيَامِهِ السَّبْتَ وَاْلأَحَدَ މާނައީ: ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަންނަވަންދެން އެންމެ ގިނައިން އެކަލޭގެފާނު ރޯދަފުޅަށް ހުންނަވަނީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގައި ކަމަށެވެ. އެބަހީ ޔަހޫދީންގެ ޢީދު ދުވަހާއި ނަޞާރާއިންގެ ޢީދު ދުވަހެވެ. ދެން ޢީދު ދުވަހަކީ ރޯދަ ހިފުން ނޯންނަ ދުވަހެކެވެ. ދެން މިޙަދީޘުގެ ދަށުން ޝާފިޢީ މަޛްހަބުގެ ބައެއް ބޭކަލުން ވިދާޅުވާ ބަސްފުޅަކީ އެންމެ ރަނގަޅު ބަސްފުޅެއް ކަމުގައި އަހުރެން ނުދެކެމެވެ. އެއީ ހުކުރު ދުވަހާއި އެއްފަދައިން އެކަހެރިކޮށް ހޮނިހިރުގައިވެސް އަަދި އާދީއްތާގައިވެސް ރޯދަ ހިފުން މަކްރޫހަވާނޭ ކަމަށެވެ. އަހުރެން ބުނާނީ ތިމަންމެން ބަލަންވާނީ ޞައްޙަ އެތަކެއް ޙަދީޘުގައި ބަޔާންވެގެންވާ ފަދައިން ތިމަންމެންގެ ޢީދު ދުވަސް ކަމުގައިވާ ހުކުރު ދުވަހަށް ރައްކައުތެރިވުމެވެ. އެހެންކަމުން ކީރިތި ރަސޫލާގެ ޢަމަލުފުޅާއި ބަސްފުޅަށް ރިޢާޔަތްކޮށް ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހާއި ދެދުވަހުގައި އެކީގައްޔާއި ވަކިވަކިންވެސް ރޯދަ ހިފޭނެއެވެ. (އައްތަލްޚީޞު:2/413)

(9) މިޙަދީޘު މަންސޫޚު ވުމުގެ މުރާދު:

މީގެއިތުރުން އިމާމު އަބޫ އަބޫ ދާއޫދު މިޙަދީޘު މަންސޫޚު ކުރެއްވި ސަބަބު ވެސް އިމާމު އިބްނި ޙަޖަރު ބަޔާންކޮށް ދެއްވާފައި ވެއެވެ. އެއީ އިމާމު ނަވަވީފަދަ ބައެއް ބޭކަލުން އެކަމަށް އިޢުތިރާޟު ކުރަށްވާފައި އެކަމުގެ ޢިއްލަތަކާއި ސަބަބެއް އަބޫދާއޫދު ބަޔާން ކުރަށްވާފައި ނުވާތީ އެކަމަށް އިޢުތިރާޟު ކުރަށްވާ ޙާލުގައެވެ. އަބޫދާއޫދު ވިދާޅުވާގޮތުގައި މިޙަދީޘަކީ މަންސޫޚު ޙަދީޘެކެވެ. އެހެންނަމަވެސް ސަބަބެއް އެކަލޭގެފާނު ބަޔާން ކުރަށްވާފައި ނުވެއެވެ. އަހުރެން ދެކޭ ގޮތުގައި ކުރީކޮޅުގައި رَسُولُ اللَّهِ H އަހުލު ކިތާބީންގެ ގޮތަށް ތާއީދު ކުރަށްވައި ރޯދަ ހިފުން މަނާކުރެއްވީއެވެ. ދެން ފަހުން އެބައިމީހުންނާ ޚިލާފަށް ކަންތައް ކުރަށްވައި ރޯދަ ހިއްޕަވަން ފެއްޓެވީއެވެ. އެހެންކަމުން ނަހީ އައިސްފައިވަނީ ފުރަަތަމަ ޙާލަތަށެވެ. ރޯދަ ހިއްޕެވީ ދެވަނަ ޙާލަތާ އެއްގޮަތަށެވެ. މިއީ ޙުކުމެއް މަންސޫޚު ވުމުގެ އެއް ގޮތެވެ. وَاللَّهُ أَعْلَمُ.

(10) މިޙަދީޘާ ފުށުއަރާ އިތުރު އެހެން ޙަދީޘުތައް:

މިޙަދީޘުގައި ރޯދަ ހިފަން މަނާކުރެއްވިރު ޙަދީޘުތަކުގައި ރޯދަހިފުން ސުއްނަތް ވެގެންވާ ދުވަސްތަކެއް އެބައާދެއެވެ. މިސާލަކަށް މެދުފޮއި ރޯދައާއި ޢާޝޫރާއާއި ތާސޫޢާ ރޯދައާއި ޢަރަފާތް ދުވަހުގެ ރޯދައެވެ. ހަމައެހެންމެ މުޙައްރަމު މަހުގެ ރޯދައާއި ޙައްޖު މަހުގެ ފުރަތަމަ ދިހައިގެ ރޯދައާއި ޝައްވާލު މަހުގެ ހަދުވަހު ރޯދައެވެ. މިއިން އެއްވެސް ތަނެއްގައި ހޮނިހިރު އިސްތިސްނާ ކުރަށްވާފައި ނުވެއެވެ.

(11) ޚުލާޞާ:

ބަހުސުގެ ޚުލާޞާއެއްގެ ގޮތުގައި ދަންނަވާލަން އޮތީ:

(ހ) ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ހުކުރު ދުވަސް ފަދައިން ހޮނިހިރު ދުވަހު ދެކޮޅުން ކުރެ ކޮޅެއްގެ ދުވަހަކާއި ގުޅުވައިގެން ރޯދަ ހިފުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ މަކްރޫހަ ކަމެއްނެތި ހުއްދަވެގެންވާ ކަމެކެވެ.

(ށ) ދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެކަނި ހޮނަހިރު ދުވަހު ރޯދަ ހިފުމަކީ މަކްރޫހަ ތަންޒީހީއެއް ކަމަށެވެ. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ މަކްރޫހަ ކަމެއްނެތް ހުއްދަ ކަމެއް ކަމަށެވެ.

(ނ) ތަޙްޤީޤުން ސާބިތުވާ ގޮގައި ހޮނިހިރު ދުވަހު ރޯދަ ހިފުން މަނާވެގެންވާ ޙަދީޘަކީ މަންސޫޚު ޙަދީޘެކެވެ. އަދި އެއީ އޭގެ ސަނަދާއި މަތަނުގައި ގަޑުބަޑު އުފެދިފައިވާ ޙަދީޘެކެވެ. ސަނަދުގައި އިރްސާލު އޮތުމުގެ އިތުރުން އިމާމު ޒުހްރީ އިޝާރަތް ކުރަށްވާ ޙިމްޞުގެ ރާވީންނަކީ ބައެއް މުޙައްދިޘުންގެ އަރިހުގައި ޟަޢީފު ރާވީންނެވެ. އެއީ ޘައުރު އިބްނި ޔަޒީދާއި ޚާލިދު އިބްނި މަޢްދާނެވެ. ޘައުރަކީ ޤަދްރީއެއް ކަމުގައި ޝައްކު ކުރެވެއެވެ. އަދި ޢަލީގެފާނަށް ބަދުބަސްބުނާ މީހުންގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެން އިންނަވާ ކަމަށްވެސް ބުނެވެއެވެ.

(ރ) ހޮނިހިރު ދުވަހަކީ އާދީއްތަ ދުވަސްފަދަ އަދި ހޯމަ ދުވަސް ފަދަ ދުވަހެކެވެ. އެދުވަހު އެކަހެރިކޮށް ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ މަކްރޫހަ ކަމެއްވެސް ނޫނެވެ.

(ބ) އަންނަ ހޮނިހިރު ދުވަހަކީ މިއަހަރު މުޙައްރަމް މަހުގެ ދިހަ ވަނަ ދުވަހެވެ. ޢާޝޫރަތް ދުވަހެވެ. އެދުވަހު އެކަނި ރޯދަ ހިފުމަކުން މައްސަލައެއް ނެތެވެ. ހުކުރު ދުވަހާއި ގުޅުވައިގެން ވެސް ހިފިދާނެއެވެ. އަދި ހުކުރު ހޮނިހިރު އާދީއްތަ ތިން ދުވަހުގައި ހިފިދާނެއެވެ. އަދި ކިއެއްތޯއެވެ؟ ބުރާސްފަތި ދުވަހަކީ ރޯދަ ހިފުން ސުއްނަތް ދުވަހަކަށްވާތީ އެސުއްނަތް އަދާކުރުމުގެ ގޮތުން ބުރާސްފަތި ހުކުރު ހޮނިހިރު އާދީއްތަ ހަތަރު ދުވަހު ރޯދަ ހިފުމަކީވެސް ބޭނުން ބޭފުޅަކަށް ކުރެވިދާނެ ކަމެކެވެ. 

- އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު

މިއަދު އޮންލައިން