ދިވެހި މުޖުތަމައުން ފަނޑުވަމުންދާ ރިވެތި އަހުލާގާއި އިހްތިރާމްކުރުމުގެ މަތިވެރި ސިފަތައް އަލުން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަޝްރޫއަކީ، ގައުމުގެ ކުރިމަގާއި އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ވެރިއަކު އިންސާނީ ބިނާކުރުމަށް އެޅުއްވި އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިހްތިރާމަކީ އިތުބާރާއި ހިތްފަސޭހަކަން ގެނެސްދޭ މައިގަނޑު އަސާސްކަން ހަނދާންކޮށްދެއްވަމުން ހީނާ ވަނީ، އަޅުގަނޑުމެންނަކީ އަނެކާއަށް އިހްތިރާމްކުރާ ރައްޔިތަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒު ފެއްޓެވި މި ގައުމީ ބޮޑު ކެމްޕޭނު ކާމިޔާބުކޮށް، ގައުމުގެ އަގުތައް ހިމާޔަތްކުރުމަށްޓަކައި ހުރިހާ ދިވެހި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ނުކުތުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
"މިއީ ދިވެހި ވެރިޔަކު ދިވެހި ގައުމުގެ ކުރިއެރުމަށްޓަކައި އިންސާނިއްޔަތު ބިނާކުރުމަށްޓަކައި ފެއްޓެވި އެންމެ ބޮޑު މަސައްކަތްޕުޅު." ހީނާ ވިދާޅުވިއެވެ.
މި މަޝްރޫއާ ބެހޭ ގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގައި ހީނާ ފާހަގަކުރެއްވީ، މާޒީގައި ދިވެހިން ފާހަގަކުރެވިފައިވަނީ މާތްވެގެންވާ އިސްލާމްދީނަށާއި، ބޮޑެތި މީހުންނަށާއި، މުދައްރިސުންނަށް އަދި މެހެމާނުންނަށް ނުހަނު އިހްތިރާމްކުރި ތަހުޒީބީ ރައްޔިތެއްގެ ގޮތުގައި ކަމަށެވެ. މީގެ 700 އަހަރު ކުރިން ރާއްޖެ ވަޑައިގެންނެވި އިބްނި ބަތޫތާ ފަދަ ސައްޔާހުންވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ސަގާފަތަށް ތައުރީފުކުރައްވާފައިވަނީ މި އަގުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޒަމާނީ ބަދަލުތަކާއެކު ދިވެހިވަންތަކަން ފަހަތަށް ގޮސް، އަމިއްލަ އެދުން އިސްވެ، މުޖުތަމައުގެ އިޖުތިމާއީ ފޭރާމަށް ބޮޑެތި ބަލިކަށިކަންތަކެއް އައިސްފައިވާ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން އިސްރަށްވެހިންނަށް ދޭންޖެހޭ ގަދަރު ކުޑަވުމާއި، ނަމާދު ވަގުތުތަކުގައި ކުޅިވަރާއި ކޮފީ މޭޒުތަކުގައި މަސްއޫލުވެ އުޅުމާއި، އިސްލާމީ އަދަބުތަކާ ބީރައްޓެހި ގޮތްގޮތަށް ހެދުން އެޅުމުގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަން ގެއްލި ފުރައްސާރަކުރުން އިތުރުވުމަކީ މުޖުތަމައުގެ ތަހުޒީބު ސިފަތައް ކެނޑިގެންދާ ކަންކަން ކަމުގައި ވިދާޅުވިއެވެ.