ސަރުކާރުގެ މިހާރުގެ ދައުރުގެ ބާކީ އޮތް މުއްދަތުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަން ހަދައި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެ ޕާޓީއާއެކު އިއްތިހާދެއްގެ ގޮތުގައި މަސައްކަތްކުރުމަށް އަދާލަތު ޕާޓީން ރަސްމީކޮށް ނިންމައިފިއެވެ.
އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދީނީ ކަންކަން ފުޅާކުރުމާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ އިތުރުން އިޤުތިސާދު ރަނގަޅުކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޕާޓީއަށް ސަރުކާރާއެކު މަސައްކަތްކުރުމުގެ ދައުވަތެއް ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ދެއްވި އެ ދައުވަތު ޕާޓީން އުފަލާއެކު ޤަބޫލުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މި ނިންމުމާއެކު، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އެ ޕާޓީން މަސައްކަތްކުރާނެއެވެ. މީގެއިތުރުން، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފުރިހަމައަށް ތާއީދުކޮށް ކެމްޕޭނުގައި ހަރަކާތްތެރިވާނެ ކަމަށްވެސް އަދާލަތު ޕާޓީން ހާމަކޮށްފައިވެއެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އެ ޕާޓީ އުފެދުނީއްސުރެ ދަމަހައްޓަމުން އަންނަ މައިގަނޑު މަޤުސަދެވެ.
އަދި ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި، ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ޤައުމުގެ އެންމެ މަތީ މަސްލަހަތަށްޓަކައި މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމުގައި ދެކޭ ކަމަށްވެސް އެ ޕާޓީން ވަނީ ބަޔާންކޮށްފައެވެ.
މަޝްވަރާ މަޖިލީހުގެ ޤަރާރު: ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިޙާދުވުމަށް ނިންމުން https://t.co/x9PnZrLGrR
— Adhaalath Party (@AdhaalathOffice) November 14, 2026