އަޅުގަނޑުމެންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަޞްލު ރޫޙަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ޤަދަރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އަނެކާގެ ލެޔާއި، މުދަލާއި ޢަބުރު ފުރިހަމައަށް ރައްކާތެރިކުރާ ބަޔަކަށް ދިވެހިން ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަކު އަނެކަކުގެ ކަރާމާތަށާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސުކުރައްވާފައެވެ.
މީގެއިތުރުން، މީހުންނަށް އިހާނެތިކޮށްހިތުމާއި، މަލާމާތްކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ދަށުދަރަޖައިގެ ކަންކަމުން ދުރުވުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި ޣީބަބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި ޢަމަލުތަކާ ކައިރިނުވުމަށް ޢަޒުމް ކަނޑައެޅުމަށް އެދިވަޑައިގެންނެވިއެވެ.
"އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާ ދޮގު ހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ، އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އިޙްތިރާމް ކުރުމަކީ އިންސާނާ އިންދާ މުޑުވަކެއްގެ ގޮތުގައި ސިފަކުރައްވައި، އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާވަހިކަން މުޅި މުޖުތަމަޢަށް އިންތިހާޔަށް ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގެދޮރާއި ޢާއިލާތަކުގެ އެތެރޭގައްޔާއި، އޮފީސްތަކާއި މަދަރުސާތަކާއި މަސައްކަތުގެ މާޙައުލުތަކުގެ އިތުރުން، ރަޙްމަތްތެރިންނާއި މުޖުތަމަޢުގެ އެކި ފަންތިތަކުގެ މެދުގައިވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރުން ދަމަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، ކާބަފައިންގެ ޝަރަފުވެރި އަދި އަމާން މާޒީގެ އުފާވެރިކަން އަލުން ހޯދައި، ދިވެހިންގެ ވިސްނުން އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުމަށް ގޮވާލައްވާފައެވެ. އަދި އިންސާނީ ކަރާމާތް ނަގަހައްޓައި، ޤައުމީ ތަރިކައާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުސްލިމް މުޖުތަމަޢެއް ބިނާކުރުމަކީ މި މަޝްރޫޢުގެ މައިގަނޑު އަމާޒު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.