ދިވެހިވަންތަކަމުގެ މައި އެއް ތަނބަކީ އަނެކުންނަށް އިޙްތިރާމްކުރުމުގެ މަތިވެރި ސިފަ ކަމަށާއި، އެއީ ދިވެހި އޮޑިއެއްގެ ފަށަނާއި މަޑޫތައް ގުޅިލާމެހިފައިވާ ފަދައިން ދިވެހީންގެ ދިރިއުޅުމުގެ އެންމެހައި ކަންކަމާ ގުޅިފައިވާ ޚާއްސަ މީޒާޖެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި މުޖުތަމަޢުގައި އަޚްލާޤީ ރިވެތި އާދަތައް އަލުން ދިރުވައި އާލާކުރުމުގެ މަޤްސަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ، އިޙްތިރާމް އަދާކުރުމަކީ އިންތިހާއަށް ފުން އަދި ފުޅާ މާނައެއް އެކުލެވޭ ކަމެއް ކަމަށެވެ. އަދި ދިވެހީންގެ ޒަމާންވީ ތާރީޚަށް ބަލާއިރު، ދިވެހިވަންތަކަމުގެ އެންމެ ސާފު އެއް ދަލީލަކީ މީހުންނަށް ކަމޭހިތުމާއި ޤަދަރުކުރުމުގައި ދިވެހީން ދައްކާފައިވާ މަތިވެރި ނަމޫނާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހީންގެ ކިބައިން އޭރު ފެނުނު މަތީ ދަރަޖައަކަށް އިހްތިރާމުކުރުމުގެ މާތް ސިފަޔަކީ، ދިވެހި އޮޑިފަހަރުގެ ފަށަން އެ އޮޑީގެ އެހެން މަޑޫތަކާ ގުޅިފައިވާ ފަދައިން، ދިވެހީންގެ އެންމެހާ ކަންތައްތަކާ ގުޅިފައިވާ، ދިވެހިވަންތަކަމުގެ ހާއްސަ މީޒާއެއް. ހާއްސަ ފާހަގައެއް. ދިވެއްސެއްކަމުގެ ސާފު ދަލީލެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މާޒީގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްމަސްޢޫދީ ރާއްޖެއަކީ ބިންމަތީގެ ސުވަރުގެއެއްގެ ގޮތުގައި ސިފަކުރެއްވީ ހަމައެކަނި ޤުދުރަތީ ރީތިކަމަށް ބައްލަވައިގެން ނޫން ކަމަށާއި، ދިވެހީންގެ ހިތްތަކުގެ ސާފުކަމާއި މަތިވެރި އަޚްލާޤަށްޓަކައި ކަމަށެވެ. މީގެއިތުރުން މަޝްހޫރު ސައްޔާޙު އިބްނު ބަތޫތާގެ ލިޔުންތަކުގައި، ދިވެހީންނަށް މީހަކު ހެޔޮކަމެއް ކޮށްދިނުމުން މޭމަތީގައި އަތްއަޅައި "ދަރުމަހުރި" މިފަދައިން ބުނެ އަދަބުވެރިކަމާއެކު ޝުކުރުވެރިވާ އާދަ ފާހަގަކުރައްވާފައިވާކަން ވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި ދިވެހީންގެ މާތް އިސްލާމީ ސިފަތަކުގެ ސަބަބުން ލިބޭ ﷲގެ ރަޙްމަތާއި ނަޞްރަށްޓަކައި ދުޝްމަނުން ވެސް މި ޤައުމު ދެކެ ބިރުގަންނަކަމަށް އިބްނު ބަތޫތާ ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ.
ރަށްރަށުގެ އިޖުތިމާޢީ ދިރިއުޅުމުގައި އިޙްތިރާމް ކުރުމުގެ އާދަ އަށަގެންފައި އޮތް މިންވަރު ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ކަތީބުންނާއި، މުދިމުންނާއި، ނައިބުބޭކަލުން ފަދަ ޢިއްޒަތްތެރީން މަގުމަތިން ވަޑައިގަންނަވާ ވަގުތު، ކުނިކަހަން ތިބޭ މީހުން ތެދުވެ މަޑުކޮށްލާ ކަމަށާއި، ކިޔަވާ ކުދިން އެބޭކަލުންގެ ކުރިކަނޑައި ނުދާ ކަމަށެވެ. ހަމައެއާއެކު، އާންމު މަސައްކަތްތެރީންނަށް "ކެޔޮބޭބެ"، "މާވަޑިބޭބެ" ނުވަތަ "ބޭކެނބި ދައިތަ" ފަދަ ޤަދަރުވެރި ނަންނަމުން މުޚާޠަބުކުރުމަކީ އިސް މީހުންނަށް އިޙްތިރާމްކުރުމުގެ މަތިވެރި ސަގާފަތެއް ދިވެހީންގެ ކިބައިގައި އޮތްކަމުގެ ހެއްކެކެވެ. މީގެއިތުރުން، ސަރުކާރުގައި 50 އަހަރު ޚިދުމަތްކުރެއްވިއިރު ގަޑިނުޖެހޭ މުވައްޒަފުންގެ މިސާލާއި، އަވަށްޓެރިޔާގެ ގޭގެ ތެލީގައި އުނދުޅި ކާއްތާލާ އަޑު އިވުނަސް ކާއެއްޗެހި ފޮނުވި އެއްބަނޑުއެއްބަފާވަންތަ ގުޅުމަކީ ވަގުތަށާއި އަވަށްޓެރިކަމަށް ދިވެހީން ދިން އިޙްތިރާމް ދައްކުވައިދޭ ކަންކަން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިޤުރާރުވެވަޑައިގެންނެވި ފަދައިން، ރާއްޖެއަށް ދެ ބާވަތެއްގެ ތަރައްޤީ ގެނައުމުގެ ޢަޒުމުގައި ދެމިހުންނެވިކަން ތަކުރާރުކުރައްވާފައެވެ.
"އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން. ދިވެހި ފަސްގަނޑު އިމާރާތް ކުރުމާއި، ދިވެހިންގެ ވިސްނުން ބިނާކުރުން. ދިވެހިންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުން. ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުން. މިގޮތުން ޙަޤީޤީ، މާނަހުރި، ވަށާޖެހޭ ތަރައްޤީ ޙާސިލްކުރުން. މިރޭ މިވަގުތުވެސް އަޅުގަނޑު މި ހުރީ އެ ސިޔާސަތާއެކުގައި،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިރޭ ފެށުނު މި ޤައުމީ މަޝްރޫޢުގެ ދަށުން ދިވެހީންގެ ކިބައިން ފެންނަމުންދިޔަ މާތް އަޚްލާޤީ ސިފަތައް އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، ކޮންމެ ފަރުދަކު ވެސް އެމީހެއްގެ ފެންވަރުގައި މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.