މާއްދީ ތަރައްޤީއާއެކު އިންސާނީ ވިސްނުން ބިނާކުރަން ޖެހޭ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
މާއްދީ ތަރައްޤީއާއެކު އިންސާނީ ވިސްނުން ބިނާކުރަން ޖެހޭ: ރައީސް

ޤައުމެއް ހަގީގީ މާނައިގައި ކުރިއަރައިދާނީ ހަމައެކަނި ލޮލަށް ފެންނަ އުމްރާނީ ތަރައްޤީއަކުން ނޫން ކަމަށާއި، މާއްދީ ތަރައްޤީއާ އެއްވަރަށް އިންސާނީ ވިސްނުމާއި ފިކުރު ބިނާކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ މާތް ސިފަ އާލާކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" އިފްތިތާހުކުރުމަށް މާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަމުގެ ހުވާކުރެއްވި ދުވަހުގެ ތަޤުރީރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ބިމާއި ފަސްގަނޑު އާރާސްތުކުރުމުގެ އިތުރުން، ދިވެހީންގެ ވިސްނުން އިސްލާމީ ރިވެތި ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް ގެންގޮސްދިނުން ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮތް ރާއްޖޭގެ ދިވެހިވަންތަކަމާއި އިސްލާމްވަންތަކަމުގެ އަސްލަކީ އަބުރު ރައްކާތެރިކުރުމާއި، އެކަކު އަނެކަކަށް ދޭ ޤަދަރާއި އިހުތިރާމް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ޤައުމަކީ، މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމައުއަކަށް ވެގެންދާނެ. އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާ ދޮގު ހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް އިންޝާﷲ ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޖުތަމައުގެ ބަދަހިކަން ނަގާލާ ނޭދެވޭ ކަންކަމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ޣީބަބުނުމާއި ދޮގުހެދުން ފަދަ ނުރައްކާތެރި އާދަތަކުން މުޖުތަމައު ތާހިރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، އިހްތިރާމް ކުރުމަކީ އިންސާނާ ކުރާ "ލޮލަށް ނުފެންނަ މުޑުވައްކުރުމެއް" ގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ، ގޭތެރޭގެ މާހައުލުން ފެށިގެން، މަދަރުސާތަކާއި ވަޒީފާގެ މައިދާނުގައި ވެސް މި ސިފަ އަށަގަންނުވަން ޖެހޭ ކަމަށެވެ. އަދި މިއީ ކާބަފައިންގެ އަމާން، ސުލްހަވެރި މާޒީ އަލުން އިއާދަކޮށް، ޤައުމުގެ ރީތި ނަމާއި ޝަރަފު ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދަކުވެސް ނަފްސަށް ގެންނަންޖެހޭ މުހިންމު އިސްލާހީ ބަދަލެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން