އަހަރެމެން އެންމެންވެސް މި މަސައްކަތްކުރަނީ ސުވަރުގެ ޙާޞިލުކުރުމަށެވެ! ސުވަރުގޭގެ އެންމެ މަތީ ދަރަޖައިން ޖާގައެއް ހޯދުމަށެވެ. ރަސޫލް (ޞޢވ) އާއި އެންމެ އަރިއަހުގައިވުމަށެވެ.
މިކަންކަމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ ތިމާގެ ޙަޔާތަށް އިޚްތިޔާރުކުރާ ބައިވެރިއަކީ އެންމެ މާތް މުއްމިން ކަމުގައި ހެދުމެވެ. އެންމެމާތް މުއުމިނަކަށްވުމުގެ ފުރުޞަތު ލިބިގެންދަނީ ދުނިޔޭގައި ހުރި އެންމެ ބޮޑު ޢިލްމުވެރިޔާއަށް ވެވިގެނެއް ނޫނެވެ. އަދި 24 ގަޑިއިރު އަޅުކަމުގައި އިންނަ މީހަކަށްވެގެނެއްވެސް ނޫނެވެ! އެއީ ހަމަ ކޮންމެ މީހަކަށްވެސް ނުހަނު ފަސޭހައިން ޙާޞިލުކުރެވެން އޮތް ފުރުޞަތެކެވެ!
މީސްތަކުންގެ ތެރެއިން އެންމެ މާތް ބައަކީ މުއުމިނުންނެވެ. މުއުމިނުންގެ ތެރެއިން އެންމެ މާތް މީހަކަށްވުމުގެ ފުރުޞަތަކީ އމީހެއްގެ ކިބައިގައި އެކަމަށް ޝައުޤުވެރިކަން ހުރި ހަމަ ކޮންމެ މީހަކަށް ވެސް ޙާޞިލުކުރެވެން އޮތް ފުރުޞަތެކެވެ. އެކަން އެނގެނީ އަންނަނިވި ޙަދީޘްފުޅުންނެވެ.
އެއްދުވަހަކު ރަސޫލް (ޞޢވ) މުސްލިމުންގެ އެންމެ އިސް ބޭކަލުން ހިމެނިވަޑައިގަންނަވާ ގޮތަށް ބައަކާއިއެކު އިންނަވަނިކޮށް ޒުވާނަކު އައިސް ދެންނެވިއެވެ.
ރާސޫލާ (ޞޢވ) އެވެ. އެންމެ މާތް މުއުމިނަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘް ކުރެއްވެވިއެވެ. "އެންމެ މާތް މުއުމިނަކީ އެމީހާގެ ޝަޚްޞިއްޔަތާއި އަޚްލާޤް އެންމެ ރަނގަޅު މީހާއެވެ."
ޙަދީޘްފުޅޫގައި މިގޮތަށް އޮތްއިރު އަހަރެމެންގެ އަމަލުތައް މިއަދު މިހުރި ގޮތާއިމެދުގައި ވިސްނައިލަމާހެއްޔެވެ؟ ފެންނަ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން އެއީ ކޮންކަހަލަ އަޚްލާޤެއްގެ މީހަކު ކަމާއިމެދު އެބަ ސުވާލު އުފެދެއެވެ. އެމީހާކުރާ އަމަލުތަކުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫތައް ފޯރާތީއެވެ. އެހެން މީހުންގެ ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނާތީއެވެ!
ފުރިހަމަ މުއުމިނަކަށްވުމަށްޓަކައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެއްކަމަކީ އެމީހާގެ ރިވެތި އަޚްލާޤެވެ. އެކަން ފެށިގެން އަންނާނީ އެމީހާގެ ބަސްމަގުންނެވެ! ދުލުން ނުބައި ބަސްތައް ބުނެ، ރަޙުމްކުޑަ އަނިޔާވެރި ޢަމަލުތައްކުރާ މީހަކީ ފުރިހަމަ މުއުމިނަކަށް ނުވެވޭނެއެވެ! ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި އެވާފަދަ މީހަކަށް ނުވެވޭނެއެވެ. "އެންމެ މާތް މުއުމިނަކީ އެމީހާގެ ޝަޚްޞިއްޔަތާއި އަޚްލާޤް އެންމެ ރަނގަޅު މީހާއެވެ."
ތިމާއަމިއްލައަށް ފިރިއަކު އިޚްތިޔާރުކުރާނަމަ، ނުވަތަ ދަރިފުޅަށް ފިރިއަކު އިޚްތިޔާރުކުރާނަމަ އެންމެ ދީންވެރި، އެންމެ އަޚްލާޤް ރަނގަޅު މީހުން އިޚްތިޔާރުކުރަން ރަސޫލް (ޞޢވ) ހަދީޘްކުރއްވަވާފައި އެވަނީވެސް ހަމަ މި ސަބަބަށްޓަކައެވެ. އެންމެ ދީންވެރި މީހާ އިޚްތިޔާރުކުރަން ބަޔާން ނުކުރެއްވެވީ ކީއްވެގެން ކަމާއިމެދު ވިސްނާށެވެ. ދީންވެރިކަމާއިއެކު އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ހުންނަން ޖެހޭނެތީއެވެ.
މީގެ އިތުރުން ސުވަރުގޭގެ އެންމެ މަތީދަރަޖައަށް އެންމެ ގިނަ ބައަކު އުފުލިގެންދާނީ އެމީހާގެ ރިވެތި އަޚްލާޤުގެ ސަބަބުންނެވެ. ވީމާ ކައިވެނިކުރާއިއރު ތިމާ ގޮވައިގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ދަތުރުކުރާނެ މީހަކު އިޚްތިޔާރުކުރާށެވެ! ދުނިޔޭގައިވެސް އުފާވެރިކަން ލިބި އާޚިރަތްވެސް އުފާވެރިކުރެވޭނީ އެއިރުންނެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން