އަހަރެމެންގެ ތެރެއިން ގިނަބައަކަށް މިއަދު ވަރަށް ބޮޑަށް މިވަނީ ބައެއްކަންކަން އޮޅިފައެވެ. އެއިގެ ތެރެއިން އެންމެ ބޮޑަށް އޮޅިފައިވާ އެއްކަމަކީ އެމީހާ ކުރަން ބޭނުންވާ ކަންކަން އަމިއްލައަށް ނުކުރެވޭނެކަމެވެ. ގައިގައި އާރާއި ބާރުހުރިނމަވެސް ނުކުރެވޭނެކަމެވެ. އެންމެކުޑަމިނުން އަޅުކަންވެސް ނުކުރެވޭނެކަމެވެ. ކޮންމެ ކަމެއްވެސް ކުރެވޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުންކަމެވެ.
ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އަލްޙަމްދުކިޔަމުއެވެ. ﷲ ތަޢާލާއަށް މިދަންނަވަނީ "އަޅަމެން އަޅުކަން ކުރަނީވެސް އަދި ވާގިއެދެނީ އިނބަ ﷲ ގެ ޙަޟްރަތުން" ކަމަށެވެ. އަދި ނަމާދު ނިމުމުން ﷲ ތަޢާލާއަށް ޝުކުރުވެރިވެ އަޅުކަންކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދި ދުޢާކުރަމުއެވެ. އެދުޢާ ނުކޮށް ދޫކޮށް ނުލުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ހަމައެކަނި އަޅުކަންކުރުމުގައެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ ކމެއްގެ ގޮތުން ﷲ ތަޢާލާގެ ޙަޟްރަތުން ވާހިއެދޭށެވެ! ﷲ ތަޢާލާ އެކަމެއް އިރާދަކުރެއްވެވުމުން މެނުވީ ޙާޞިލުކުރެޭނެ އެއްވެސް ކަމެއް ނެތެވެ.
އަމިއްލައަށް ކުރިއަރައިދެވިދާނެކަމަށް ހީކޮށް ބައެއް މީހުން ﷲ ތަޢާލާ ނަހީކުރެއްވެވި އަމަލުތައް ކުރެއެވެ. ތިމާއަށް ކުރިއެރުން ލިބިދާނެކަމުގެ އުންމީދުގައި އެހެންމީހުންނަށް ގެއްލުންދެއެވެ. އެހެންމީހުންނަށް ގެއްލުންދީފައި ތިމާ ކުރިއަރައިގެންދާން މަސައްކަތްކުރެއެވެ.
މިބާވަތުގެ އަމަލުތައް ކުރާމީހުންނަށް ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއްވެސް ލިބޭފަދަ ގޮތްތަކެއްވެސް މެދުވެރިކުރައްވަވައިފާނެއެވެ. ނަމަވެސް އެފަދަ ކަންކަން އެއީ ޙަޤީޤަތެއްގެ ގޮތުގައި ފެންނަން މާގިނަ ދުވަހަކަށް ނުހުންނާނެއެވެ. ލިބޭ އުފާވެރިކަން ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޮންނާނީ ފުން ހިތާމައަކަށް ބަދަލުވެފައެވެ.
ވީމާ އަޅުކަމެއް ކުރަން ފަށާއިރުވެސް އެކަން ފުރިހަމަ ގޮތުގައި ކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދި ދުޢާކުރާށެވެ! އަދި ދިއުޅުމުގެ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް ހަމައެފަދައިން ދުޢާކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިލިބިގެން ކުރަން މަސައްކަތްކުރާ ކަމަކުން މެނުވީ އެއްވެސް ފައިދާއެއް ނުކުރާނެއެވެ!
މިކަންކަން ހާމަކުރަން މިޖެހެނީ މިހާރަކަށް އައިސް އަތުގައި ފައިސާ އާއި ވަސީލަތް ހުރިނަމަ، މަތީ މަޤާމާއި ބާރާއި ނުފޫޒު ލިބިފައިވާނަމަ، ތިމާއަމިއްލައަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް ޤަބޫލުކުރާ މީހުން ވަރަށް ގިނަކަމުންނެވެ. އެފަދައިން ޤަބޫލުކުރާ މީހުންނަށް އެވިސްނެނީ ރަނގަޅު ވިސްނުމެއް ނޫނެވެ. ވަރަށް ނުަބައި ޝައިޠޯނީ ވިސްނުމެކެވެ. އެފަދަ ވިސްނުންތަކާއި ކައިރިވެސްނުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން