- ޚާރިޖިއްޔާގެ 5 ޑިރެކްޓަރ ޖެނެރަލުން ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރައްވައިފި!
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބެވި 5 ބޭފުޅަކު މިއަދު ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ. މި ބަދަލު ގެންނަވާފައިވަނީ މިދިއަ ހޯމަ ދުވަހުއެވެ.
ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެވުނު ބޭފުންނަކީ ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ، އުސޫލުތަކާ އެއްގޮތަށް މަޤާމުގެ ކުރިއެރުން ހޯއްދަވާފައިވާ ބޭފުޅުންނެވެ. އަދި ކޮންމެ ބޭފުޅަކުވެސް ވަނީ މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ޖޮއިންޓް ސެކްރެޓަރީ ކަމަށް އައްޔަން ކުރެވުނު 5 ބޭފުޅުންގެ ތެރޭގައި ތިއްބެވީ 10 އަހަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި ވަޒީފާ އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އަދި ބައެއް ބޭފުޅުން 20 އަހަރަށްވުރެ ގިނަ ދުވަހު ފޮރިން މިނިސްޓްރީގައި، ސިވިލް ސަރވަންޓުންގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ.
މި 5 ބޭފުޅުންނަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ޖޮއިންޓް ސެކްރެޓަރީންގެ ގޮތުގައި މިއަދު ހަމަޖެހުނު 5 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނެއެވެ. މިއާއެކު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީންގެ 62 އިންސައްތައަކީ އަންހެން ބޭފުޅުންނަށް ވަނީ ވެފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ދަށުން ހިނގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި އިސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މިހާރު އަންހެން ބޭފުޅުންނެވެ.
މަޤާމުގެ ކުރިއެރުން ދީ، ޖޮއިންޓް ސެކްރެޓަރީކަމަށް އެބޭފުޅުން އައްޔަންކުރެއްވުމުން ކުރިން އެބޭފުޅުން ތިއްބެވި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް ވަނީ އުވާލެވިފައއެވެ. ފޮރިން މިނިސްޓްރީގެ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތުން ޑިރެކްޓަރ ޖެނެރަލްއަށްވުރެ މަތީ ރޭންކެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޖޮއިންޓް ސެކްރެޓަރީ ރޭންކްއެވެ. ޖޮއިންޓް ސެކްރެޓަރީގެ މަޤާމަކީ ސިވިލް ސަރވިސްގެ އުސޫލުތަކުގެ ތެރެއިން ލިބޭ އެލަވަންސްތައް (އިތުރު ގަޑީގެ ފައިސާ، ސެޓްފިކެޓް އެލަވަންސް ފަދަ އެހެނިހެން އެލަވަންސްތައް) ލިބޭ މަޤާމަކަށް ނުވާތީ، ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބަވާއިރު، އެބޭފުޅުންނަށް ކޮންމެ މަހެއް ނިމިގެން ގެއަށް ގެންދަވަން ލިބިވަޑައިގެންނެވި މުސާރައަށްވުރެ މިހާރު ލިބިވަޑައިގަންނަވާ އަދަދު މަދުވާނެއެވެ.
--ދިވެހި ޚާރިޖިއްޔާ
މިނިސްޓަރ ކުރެއްވި ޓްވީޓް: https://twitter.com/abdulla_shahid/status/1292795817674203137