މަންމަގެ އުމުރަކީ 74 އަހަރެވެ. 61 އަހަރުގެ ޒަވާޖެއް ޙަޔާން ނިމުމަކަށް އައީ 13 އަހަރުގައި ކައިވެނިކުރި ފިރިމީހާ ޢުމުރުން 80 އަހަރުގައި ނިޔާވުމުންނެވެ. 11 ދަރިން ލިބިފައިވާއިރު އެއިގެ ތެރެއިން 7 ކުދިންނަކީ އަންހެންކުދިންނެވެ.
5 ދަރިން ތިބީ ފުރަތަމަ ކައިވެނިމަތީގައެވެ. 2 ކުއްޖަކު ވަނީ ކައިވެނި ރޫޅި ދެވަނަ ކައިވެނިކޮށްފައެވެ. ނަމަވެސް މަންމަ ޢާއި 7 ދަރިންވެސް އެމީހުންގެ ޢިއްފަތްތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ތިބީ ހުވާކުރަން ތައްޔާރަށެވެ.
ދޮށީ އަންހެން ދަރިފުޅު ބުނާގޮތުން މަންމަ އާއި ބައްޕަ ދުވަހަކުވެސް އެއްވެސް ކަމެއްގައި ދެބަސްވެ ޒުވާބުކުރާ އަޑު އިވިފައެއް ނުވެއެވެ. އަދި ދެ މީހުންނަކީ މިޒާޖުގެ ގޮތުން ވަރަށް ތަފާތު ދެ މީހުންނެވެ. "ބައްޕައަކީ ތަންކޮޅެއް ހަރުކަށި، ބަސްމަދު މިޒާޖުގެ ބޭކަލެއް! މަންމައަކީ ވަރަށް ސާދާ މިޒާޖެއްގެ ބަސް މަދު ބޭކަނބަލެއް!"
"އަޅުގަނޑުގެ ފުރަތަމަ ކައިވެނީގެ ކަންތައްތައް ދިއަގޮތުން ކައިވެނި ރޫޅުނު! މިހާރު މިދިރިއުޅެނީ 2 ވަނަ ފިރިމީހާ އާއިއެކު. އަލަތު ފިރިމީހާ އާއި ވެސް އިތުރު މީހަކު ނެތި ބައްދަލުކޮށްފައިވާނީވެސް ކައިވެންޏަށްފަހު. ދެވަނަ ފިރިމީހާ ޢާއިމެދުވެސް ކަންތައް ކުރީ ހަމަ އެގޮތަށް. އަދި އަޅުގަނޑުގެ ހަގަށް ތިބި ކޮއްކޮމެންވެސް ކަންތައްކޮށްފައިވާނީ ހަމަ އެގޮތަށް! ކައިވެންޏަށްފަހު އިތުރު ފިރިހެނަކާ އެންމެ ކޫޑަމިނުން ލޯބީގެ ވާހަކަ ދެއްކުމަކީ ވެސް އަޅުގަނޑުމެން އެކަކުވެސް ކުރަން ދަންނަވެސް ކަމެއް ނޫން! އެކަމެއް އަޅުގަނޑުމެން ނުކުރަން!"
"މަންމަ އާއި ބައްޕަ ބޭނުންވި ގޮތް އެއީ. އަބަދުވެސް ބުނާނެ އަހަރެމެންވެސް އެކަނި ބައްދަލުކުރީ ކައިވެންޏަށްފަހުގައޭ! އަދި ބުނާނެ ރަނގަޅު ފިރިހެނަކު ނަމަ ކައިވެނީގެ ކުރިން އެކަނި ބައްދަލުކުރަން ބޭނުމެއް ނުވާނެއޭ!" އޭނާ ކިޔައިދިނެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އަޅުގަނޑުމެންގެ އަންހެން ދަރިންވެސް ހަމަ އެގޮތަށް ތަރުބިއްޔަތުކުރެވޭތޯ! އަޅުގަނޑާ އަދި ހަގު ކޮއްކޮއެއްގެ ދޮށީ އަންހެން ދަރިން މިހާރުވަނީ ކައިވެނިކޮށްފަ! އަޅުގަނޑުމެން ވަރަށް ޔަޤީންކުރަން އެކުދިން ވެސް ކައިވެނި ކުރީ ހަމަ އެގޮތަށް ކަމަށް! މިކަން ދަމަހައްޓަން އަޅުގަނޑުމެންނަށް ކުރެވުނުހައި މަސައްކަތެއް ކުރާނަން!" ކަމަށްވެސް ބުނެފައިވެއެވެ.
މިއީ ވެސް ހަމަ މި ދިވެހިރާއްޖެއަށް ނިޞްބަތްވާ ދިވެހި ޢާއިލާއެއްގެ ވާހަކައެވެ. އެމީހުންގެ ދިރިއުޅުން އަމިއްލައަށް އިޚްތިޔާރުކޮށްފައިވާ ގޮތެވެ. މާތަނަވަސް ޢާއިލާއެއްވެސް ނޫނެވެ. ހަމަ އެންމެ އާދައިގެ ފެންވަރުގެ ޢާއިލާއެކެވެ. ގެދޮރަށާއި އެހެން ކަންކަމަށްވެސް ހަމަ ބޭނުންވެސްވާ ޢާއިލާއެކެވެ. ދިރިއުޅުމަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް ނުފުދި ތިބެ ދިރިއުޅެމުން ގެންދާ ޢާއިލާއެއްގެ ވާހަކައެވެ.
މިއަދުނޫހުގެ ކުޔުންތެރިއަކު މެދުވެރިވެގެން ހޯދައިދިން މި މައުލޫމާތު ކިޔުންތެރިންނާއި ޙިއްޞާ މިކުރީ މި މަންމަ އާއި 7 ދަރިންނަކީ މިއަދުގެ ޙާލަތުގައި އެބައެއްގެ ބޮލުގައި ރަނުގެ ތާޖް ބަހައްޓައިދޭން ޖެހޭ ބައެއް ކަމަށް ޤަބޫލުކުރެވޭތީ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރަން ބޭނުންވާ މީހުންނަށް ޢިބްރަތެއްގެ ގޮތުންނެވެ.