ބިރުހުރި ކަމެއް!: ފަހުން ނަމާދުކުރަން ފަށަން ހުއްޓާ މަރުވެއްޖެނަމަ ދޫކުރި ނަމާދުތަކުން ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބިރުހުރި ކަމެއް!: ފަހުން ނަމާދުކުރަން ފަށަން ހުއްޓާ މަރުވެއްޖެނަމަ ދޫކުރި ނަމާދުތަކުން ސަލާމަތެއް ނުވެވޭނެ!

ބައެއް މީހުން ނަމާދު ކުރަންޖެހޭ ގޮތަށް ނަމާދުކުރަން ފަށަން ބޭނުންވަނީ ޢުމުރުން ވަކި ހިސާބަކަށް ދިއުމުންނެވެ! އެއިގެ ކުރިން އެކަންކުރަނީ ނަމެއްގައެވެ. ދުވާލަކަށް 2، 3 ނަމާދެވެ! އެއީ ﷲ އެކަން ކުރަން އަންގަވާފައިވާ ގޮތެއް ނޫނެވެ! ﷲ ފަރުޟުކުރައްވަވާފައިވަނީ ދުވާލަކު 5 ނަމާދެވެ. އެއިން މަދުކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ! 

ވަކިއުމުރަކަށް ދިއުމުން ނަމާދުކުރަން ފަށަން ހުއްޓައި ކުރިމަތިވާ އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ޖެހޭ ބައްޔެއްގެ ސަބަބުން ރުކޫޢު، ސުޖޫދު ނުކުރެވޭ ގޮތް އެބަ މެދުވެރިއެވެ! އެފަދަ ޙާލަތެއް މެދުވެރިކުރައްވަވައިފިނަމަ ކުރަންޖެހޭނެ ހިތާމަ ނިކަން ދެކިބަލާށެވެ! އެކަމުގެ ސަބަބުން ލިބޭ ހިތްދަތިކަން އެނގޭނީ ހަމަ އެފަދަ ކަމެއް މެދުވެރިވުމުންނެވެ! 

ޒުވާން ޢުމުރު ހޭދަކުރި ގޮތުގެ ސުވާލަކީ އެސުވާލެއް ކުރެއްވެވުމުގެ ކުރިން ޤިޔާމަތް ދުވަހު ތިމާ ހުރިތަނުން ގުޑައިނުލެވޭނެ އެއް ސުވާލެވެ! ވީމާ ޒުވާން އުމުރުގައި ނަމާދުނުކޮށް އެ ސުވާލުގ ޖަވާބު ފުރިހަމަކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ އެންމެ ޒުވާން އުމުރުގައިވެސް ކޮންމެހެންވެސް ފަރުޟު 5 ނަމާދު އަދާކުރަން ފަށާށެވެ! ނަމާދެއް ނާޅާށެވެ!

އަދި ކީއްހެއްޔެވެ؟ އޮތް އެންމެ ބޮޑު ބިރަކީ ނަމާދުކުރަން ފަށަން ހުއްޓައި މަރުވެއްޖެ ނަމަ ދެން ކުރިމަތިވާނެ ޙާލަތެވެ! ފަހުން ނަމާދުކުރަން ފަށަން ހުއްޓައި މަރުވެއްޖެނަމަ ނަމާދުކުރަން ފަށަން ނިޔަތް ގަނެގެން ހުރުމަކީ ނުކޮށް ދޫކޮށްލި ނަމާދުތައް ނުކުރިކަމަށް ދެއްކޭނެ ޢުޒުރެއް ނޫނެވެ!  

ނަމާދު ވަގުތު ޖެހުމުން ވީ އެންމެ އަވަހަކަށް ނަމާދުކުރާށެވެ! ފިރިހެނަކު ނަމަ ޖަމާޢަތުގައި ނަމާދުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ޚާއްޞަކޮށް ޒުވާން އުމުރުގައި އެކަމަށް އިތުރަށް މަސައްކަތްކުރަންވާނެއެވެ! ޒުވާން އުމުރުގައި އެކަންކޮށްފިނަމަ އުމުރުން ދުވަސްވާއިއރު ހުންނާނީ އެކަމަށް ހޭނިފައެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން