ދެމަފިރިންގެ ތެރެއިންވެސް މަތީ ދަރަޖަ ބޭނުންނަމަ މާފަށް އެދުމަށާ މާފުކުރަން އަވަސްވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދެމަފިރިންގެ ތެރެއިންވެސް މަތީ ދަރަޖަ ބޭނުންނަމަ މާފަށް އެދުމަށާ މާފުކުރަން އަވަސްވެގަންނާށެވެ!

ދުނިޔޭގައި މިއަދު އުފެދިގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ އެކަކު އަނެކަކަށް މާފުކުރަން ބޭނުން ނުވުމުގެ މައްސަލައެވެ. ކުށެއް ކުރެވުނު ނަމަވެސް އެކަން ޤަބޫލުކުރަން ބޭނުން ނުވުމުގެ މައްސަލައެވެ. މާފަށް އެދެން ލަދުވެތިވުމުގެ މައްސަލައެވެ. މާފުކުރަން ޖެހޭ ކަންކަމުގައި މާފުނުކުރުމުގެ މައްސަލައެވެ! 

ބޮޑެތި ހަނގުރާމަތަކުން ފެށިގެން ތޭރެގޭގެ މައްސަލަތކަށް ބެލިނަމަވެސް ހުރިހާ މައްސަލަތަކެއްހެން ގުޅިފައިވަނީ މާފުނުކުރުމާއި ކުށް ޤަބޫލުނުކުރެވުމާއިއެވެ. މާފަށް އެދެން ލަދުވެތިވުމާއިއެވެ. 

މުސްލިމުންގެ ނަމުގައި ތިބޭއިރު މާފަސް އެދުމަށާއި މާފުކުރަން ފަސްޖެހުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަހަރެމެން ކިތަންމެ ގިނައިން ޢަފޫކޮށްދެއްވެވުމަށް އެދި ދެންނެވި ނަމަވެސް ﷲ ތަޢާލާ ޢަފޫކޮށްދެއްވަވަތެވެ! 

އަހަރެމެން ކޮންމެ މީހަކީވެސް ދުވާލަކު އެތައް ބައިވަރު ފާފަތަކެއް ކުރެވޭ މީހެކެވެ. ނަމަވެސް ކުށް ޤަބޫލުކޮށް ފާފަ ފުއްސަވައި ދެއްވެވުން އެދި ދަންނަވާއިރަށް ﷲ ތަޢާލާ ޢަފޫކުރައްވަވަތެވެ! ފާފަ ފުއްސަވައި ދެއްވަވަތެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނު ނަމަވެސް އެކަން ޙައްލުކުރުމުގެ އެންމެ ބޮޑުބާރަކީ އަވަހަށް މާފަށް އެދުމާއި މާފުކުރަން އަވަސްވެގަތުމެވެ. ކުރެވުނު ކުށް ޤަބޫލުކޮށް މާފަށް އެދެން އަވަސްވެގަތުމުން އަންގައިދެނީ އޭނާގެ ތެދުވެރިކަމެވެ. އިތުރަށް ކުށްކުރަން ބޭނުންނުވާކަމެވެ. ކުށްކުރެވުމުން ޖަދަލުކުރާނަމަ އަންގައިދެނީ ގޮތްދޫނުކުރާ ކަމާއި އިޞްލާޙްވާން ބޭނުންނުވާކަމެވެ! 

ވީމާ ދެމަފިރިންގެ ތެރެއިން ވެސް މަތީ ދަރަޖަ ބޭނުންނަމަ މާފަށް އެދެންޖެހޭ ޙާލަތުގަ މާފަށް އެދެން އަވަސްވެގަންނާށެވެ! އަދި މާފަށް އެދިއްޖެ ނަމަ މާފުކުރަން އަވަސްވެގަންނާށެވެ! މާފަށް އެދެން އަވަސްވެގަންނަންވީ ވެސް އަދި މާފުކުރަން އަވަސްވެގަންނަންވީވެސް އެކަންކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން