ޙަޔާތަށް ބައިވެރިއަކު ހޯދާއިރު ލޯބީގެ ކުރިއަށް ނެރެން ޖެހޭ 2 ކަންތަކަށް ސަމާލުވާނަމަ ކައިވެނި ރޫޅުން މަދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޙަޔާތަށް ބައިވެރިއަކު ހޯދާއިރު ލޯބީގެ ކުރިއަށް ނެރެން ޖެހޭ 2 ކަންތަކަށް ސަމާލުވާނަމަ ކައިވެނި ރޫޅުން މަދުވާނެ!

ދަރިފުޅުގެ ކައިވެންޏަށް އެދިގެން އައުމުން އެމީހާގެ ކިބައިން ބަލަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ 2 ކަމެކެވެ. އެއީ އޭނާ އިސްލާމް ދީނަށް އަމަލުކުރާކަމާއި އޭނާގެ ޚުލްޤެވެ. ވީމާ މައިންބަފައިންގެ ފުރަތަމަ ސުވާލަކަށްވެސް ވާންޖެހޭނީ 5 ނަމާދު ބަރާބަރަށް އަދާކުރަމުތޯއެވެ! ނަމަވެސް މައިންބަފައިންގެ ލިސްޓުން މިހާރު ވަނީ އެ ސުވާލު އުނިވެފައެވެ. ނަމާދުކުރުމުގެ ވާހަކައިން ސުވާލުވެސް ނުކުރެއެވެ. 

އަތުގައި ފައިސާ މަދުވުމުން، ކައިވެންޏަށް އެދޭ ތަޤްވާވެރި، އަޚްލާޤް ރަނގަޅު މީހުންނަށް ނޫނެކޭ ބުނެ ރަތްކާޑު ދައްކާއިރު ނިކަންބުނެބަލާށެވެ! ތިއައުޅެނީ ދަރިންނަށް ފައިދާކުރާނެ ޒަވާޖީ ޙަޔާތެއް ހޯދަން ހެއްޔެވެ؟ ނޫނީ ފައިސާގަނޑެއް ލިބިގަންނަން ހެއްޔެވެ؟ 

ހަމައެފަދައިން 2 ވަނަ ޝަރުޠުކަމަށްވާ އަޚްލާޤަށް ވެސް ނުބަލައެވެ. ހުރިހާ ސަމާލުކަމެއް މިއަދު ދެވެނީ ފައިސާއަށެވެ. ފައިސާއަކީ އަތަށް އަރައި އަތުން ފައިބައިގެންދާނެ އެއްޗެކެވެ. ފައިސާއަށް ކައިވެނިކުރުވުމުން ނުވަތަ ކައިވެނިކުރުމުން ވަނީ ފައިސާއަށްވާގޮތެވެ. ކައިވެނިކުރެވޭނެއެވެ. އިސާހިތަކު ކައިވެނި ރޫޅެންވެސް ރޫޅޭނެއެވެ. 

ހަމަ އެއާއިއެކު ކައިވެނިކުރެވޭ އަންހެންމީހާގެ ވެސް މަސްއޫލިއްޔަތެއް އޮވެއެވެ. އެއީ މިޒަމާނުގައި ކައިވެނި ކުރެވެނީ ހަމައެކަނި މައިންބަފައިން ދައްކާ މީހަކާއެއް ނޫނެވެ. އަމިއްލައަށް ފިރިން ހޯދުންވެސް މިދަނީ އިތުރުވަމުންނެވެ. ވީމާ ބައިވެރިއަކު އިޚްތިޔާރުކުރާއިރު އެމީހާ އިސްލާމް ދީނަށް ޢަމަލުކުރާ މިންވަރު ބަލަންޖެހޭނެއެވެ. އެންމެކުޑަމިނުން ފަރުޟު 5 ަމާދު ވަގުތުން ވަގުތައް ކުރާކަން ކަށަވަރުކުރަންޖެހޭނެއެވެ. އަދި އެމީހާގެ ކިބައިގައި އަޚްލާޤް ހުރި މިންވަރުބަލަން ޖެހޭނެއެވެ! 

ލޯބިވުން ގެންނަންޖެހޭނީ އެދެކަންތަކުގެ ފަހަތުންނެވެ. އެދެކަންތަކުގެ ކުރިއަށް ލޯބިވުން ގެނެސްފިނަމަ ގިނަފަހަރު އޮންނާނީ ހިތާމަވެރި ގޮތްތައް މެދުވެރިވެފައެވެ. ލޯބި ކުރިއަށް ނެރުމުން މެދުވެރިވާ ގޮތަކީ މައިންބަފައިން ރަނގަޅު ގޮތް ބުނެދިން ނަމަވެސް އެކަންވެސް ޤަބޫލުނުކުރެވެނީއެވެ! ލޯބި އޮންނަނީ މައިންބަފައިންގެވެސް ކުރިއަށް އަރައިފައެވެ! މައިންބަފައިންނަށްވުރެ ކުރިއަށް ލޯބިނެރެގެން ބިކަހާލުގައި ޖެހުން ޢާންމުކަމަކަށްވެފައިވީނަމަވެސް އެކަންވެސް އެނގޭކަމަށް އޮންނަނީ ނުވެފައެވެ! 

ހުރިހާ ކަންކަމަށް ބަލަިގެން ކައިވެނިކުރުމުން ވެސް ސަލާމަތް ނުވެވިގެން އުޅޭއިރު ބަލަން ޖެހޭ ކަންކަމަށް ނުބަލައި ކައިވެނިކުރުމުން ދެންވާނެ ހިތަށް ގެންނާށެވެ! ކައިވެނި ދެމެހެއްޓުމުގެ ވާހަކަ މިވަރަށް ދައްކަން މިޖެހެނީ މުޖުތަމައު އާއި އުންމަތުގެ ކުރިއެރުން އެކަމާއި ގުޅިފައިވާތީއެވެ! ކައިވެނި ރޫޅުމުން ކުރިމަތިވާ މައްސަލަތަކުގައި ގެއްލުން ލިބެނީ އެމީހަކަށް އެކަންޏެއް ނޫނެވެ. މުޅި މުޖުތަމައުއަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން