ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކް އަޅަނީ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށެވެ. އެކަމަކީ ހަމަ ކުރަންޖެހޭ ކަމެކެވެ. ހުރިހާ ޑޮކްޓަރުންވެސް އެކަން ޤަބޫލުކުރެއެވެ.
ފެނިގެންދާ ކަންކަމުގެ ތެރޭގައި މާސްކް އެޅިނަމަވެސް، ފޭސް ޝީލްޑް އެޅި ނަމަވެސް އަދި ޕްރޮޓެކްޓިވް ހެދުން އެޅިނަމަވެސް ކޮރޯނާ ވައިރަސް ޖެހެން ﷲ އިރާދަކުރައްވާފައިވާ މީހަކަށް ޖެހެއެވެ. ހުރިހާ އެއްޗެއް އަޅައިގެން އުޅުނު އެތައް ޑޮކްޓަރުންނަކަށާއި ނަރުހުންނަށްވެސް ވަނީ ބަލި ޖެހިފައެވެ. އަދި ބައެއް ޞިއްހީ ޚިދުމަތްތެރިން ވަނި ނިޔާވެސްވެފައެވެ. މިފަދަ ކޮންމެ ކަމަކުން އެނގިގެން މިދަނީ އަޅާ މާސްކަކުން، ފޭސްޝީލްޑަކުން އަދި ލާ ހެދުމަކުން އެއްވެސް ޔަޤީންކަމެއް ނެތްކަމެވެ.
ޔަޤީންކަން އޮތީ ހަމަ އެންމެ ގޮތަކުންނެވެ. އެއީ ﷲ އެމީހަކު، އެބައަކު ސަލާމަތްކުރައްވަވައި ދެއްވެވުމެވެ. އެހެންކަމާއިއެކު ވެސް ފެނިގެން މިދަނީ މާސްކް ނޭޅުމުން 1000 ރުފިޔާއިން ޖުރުމަނާކުރަން ފެށިތަނާއި ﷲ އަށް ގޮންޖަހައި، ﷲ ގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ވަކާލާތުކުރާ، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކުރާ ﷲ ގެ ޢަދާވާތްތެރިންނަށް ނަޞޭޙަތްދީފައި މައްސަލަ ހިންދައިލާތަނެވެ.
ކޮންމެ މުސްލިމަކުވެސް ޠަޤީންކުރާނެ ކަމަކީ ބަލިޖެހުމުން ސަލާމަތްކަން ލިބުމާއި ޤައުމުން ބަލިފިލައިދިއުންވެސްވަނީ ﷲ އެކަމަށް މިންވަރުކުރެއްވެވުމުން ކަމެވެ. މީސްތަކުންނަށް އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުން ކަމެވެ. މަތިމައްޗަށް މާސްކްއަޅައިގެން ތިބެގެންވެސް އޮތީ ﷲ އަށް ދުޢާކުރުން ކަމެވެ.
ވީމާ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ﷲ ގެ ޙައްޤުފުޅުތަކަށް އަރައިގަތުމަކީ ބަލިން ސަލާމަތްވާން ހިފަހައްޓަންޖެހޭ ސަބަބެއް ނުހިފެހެއްޓުމަށްވުރެ މާކުޑަކުޑަ ކަމަކަށް ހެދުމަކީ ﷲ އަށް ބިރުވެތިވާ ކޮންމެ މުސްލިމެއްގެ ހިތުގައިވެސް ބިރުވެރިކަން އުފެދޭނެ ކަމެކެވެ.
ކޮރޯނާއިން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާސްކާއި ޝިލްޑްވެސް އަޅާށެވެ! ހެދުންވެސް ލާށެވެ! ދެންވެސް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާށެވެ! ޑޮކްޓަރުންދޭ އިރުޝާދުތަކަށް ޢަމަލުކުރަން ޖެހޭނެއެވެ. އެއީ ހަމަ ކުރަންޖެހޭ ކަންކަމެވެ. ނަމަވެސް ހުރިހާ ކަންކަމުގެ ކުރިއަށް ﷲ ގެ ޙައްޤުތައް ނެރެންޖެހޭކަން ޤަބޫލުކުރަންޖެހެއެވެ! ކޮރޯނާ އުތުރިއެރުން ހުއްޓުވޭނީ އުތެމަތައް އުތުރިއެރުން ހުއްޓުވައިގެންނެވެ.