ދަރިންނަކީ ހިތުދަސްކުރަން ފަސޭހަ ތޫނުފިލި ކުދިންކަމުގަ ހަދަން ކާންދޭންވީ ތަކެތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދަރިންނަކީ ހިތުދަސްކުރަން ފަސޭހަ ތޫނުފިލި ކުދިންކަމުގަ ހަދަން ކާންދޭންވީ ތަކެތި!

ކޮންމެ ދެމަފިރިއެއްގެ ވެސް އެންމެ ބޮޑު އެއް ބޭނުމަކަށްވާނީ ތިމާމެންގެ ދަރިފުޅަކީ ހިތް އަލި، ހިތުދަސްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ތޫނުފިލި ކުއްޖަކަށް ހެދުމެވެ. އެހެންކަމުން އެކަމަށް ކުރަން ޖެހޭ މަސައްކަތް ފަށައިގަންނަންވީ އެކުދިންނަށް ކާންދެވޭ ކާނާ އާއި ހަމައިންނެވެ. 

ދަރިންނަށް ކާންދިނުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަމަށް ނަޒަރުހިންގައިލަމާހެއްޔެވެ؟ 

އަހަރެންގެ ނަޒަރުގައި ފުރަތަމަ ކަމަކީ ދަރިފުޅަށް ކާންދޭ ތަކެއްޗަކީ އެތަކެތީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާފައިވާ ތަކެތި ކަމުގައި ހެދުމެވެ. އެކަމަށްޓަކައި ދަރިފުޅަށް ކާންދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ތަކެތި ކަމުގައި ހަދަންޖެހޭނެއެވެ. ޙަލާލު މަސައްކަތުން ހޯދާ ފައިސާއިން ގަންނަ ތަކެތިކަމުގައި ހަދަން ޖެހޭނެއެވެ. ނޫންނަމަ ކިތަންމެ ފައިދާހުރި ތަކެތި ކާންދިން ނަމަވެސް އެތަކެތިން ލިބެންވާ ފައިދާ ނުލިބޭނެތީއެވެ! 

ކުދިންގެ ހިތްއަލިކުރުމަށް އެހީތެރިވެދޭ ބައެއް ތަކެތި:

ޠަބީޢީ ޢިލްމުގެ ދަންނަބޭކަލެއްކަމަށްވާ އަލްއިމާމް އައްޒުހުރީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. "ޙަދީޘް ހިތުދަސްކުރަން ބޭނުން މީހަކު ނަމަ ޒަބީބް (ހިކިމޭބިސްކަދުރު) ކާށެވެ!"

އިމާމް އިބުނުލްޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. "އިނގުރަކީ ހިތުދަސްކުރުމުގެ ބާރުގަދަކޮށްދޭ އެއްޗެކެވެ!" 

މީގެ އިތުރުން މާމުއި، ކަދުރު، ކަޅުދިރި ފަދަ ތަކެއްޗަކީވެސް ހިތް އަލިކޮށްދޭ ތަކެއްޗެވެ! ވީމާ ދަރިންނަށް ތައްޔާރީ ކާނާ ދިނުމުގެ ބަދަލުގައި މިފަދަ ޤުދްރަތީ ކުއްޖާއަށް ފައިދާކުރާނެ ތަކެތި ކާންދޭށެވެ! 

ހަމައެއާއިއެކު ވީހައި ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކާންދޭށެވެ! އަދި ކުއްޖާއަށް ބޭނުންވާ މިންވަރަށް ގަޑިން ގަޑިއަށް ކާންދޭށެވެ! އެއީ އެކަމުގެ ސަބަބުން ކުއްޖާގެ ޞިއްހަތަށް ފައިދާކުރާނެތީއެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ހިތަށްވެސް ތާޒާކަން ލިބޭނެތީއެވެ. އެއިރުން ކުއްޖާގެ ތޫނުފިލިކަންވެސް އިތުރުވާނެއެވެ!

މިއަދު އޮންލައިން