ޟަޢީފު ޙަދީޘުތަކުގައި ހިފައިގެން ޢާންމުންގެ ހިތްތަކުން ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑޭގޮތް ވިޔަދީގެން ނުވާނެއެވެ!: އަލްއުސްތާޛް ޙުސައިން ރަޝީދު އަޙްމަދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 19މ 41ސ
ޟަޢީފު ޙަދީޘުތަކުގައި ހިފައިގެން ޢާންމުންގެ ހިތްތަކުން ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑޭގޮތް ވިޔަދީގެން ނުވާނެއެވެ!: އަލްއުސްތާޛް ޙުސައިން ރަޝީދު އަޙްމަދު

މި ލިޔުމަކީ "ދީނަކީ ފިތުނަ ފަސާދައިގެ ސަބަބަކަށް ވިޔަ ނުދެމާ!  ޟަޢީފު ޙަދީޘުތަކުގައި ހިފައިގެން ޢާއްމުންގެ ހިތްތަކުން ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑޭގޮތް ވިޔަދީގެން ނުވާނެއެވެ.!" މި މަޢްޟޫއަށް އަލްއުސްތާޛް ޙުސައިން ރަޝިދު އަޙްމަދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ

ދެތިން ދުވަސް ކުރިން އަޅުގަނޑު މީސްމީޑިޔާގައި ލިއުމެއް ޝާއިޢުކޮށްފައި ވާނެއެވެ. ހުކުރު ދުވަހުގައި ޢީދުއަތުވެއްޖެނަމަ ދީނުގެ އިތުބާރު ހިފޭ ޢިލްމުވެރިންގެ އަރިހުގައި ކަންކުރާނެ ގޮތާ ބެހޭގޮތުންނެވެ. 

މިގޮތަށް ހުކުރާ ޢީދާ އެއްދުވަހެއްގައި ދިމާވެއްޖެނަމަ ކަންކުރަންވާ ގޮތާމެދު ދީނުގެ އިތުބާރު ހިފޭ ގިނަ ދަންނަބޭކަލުން ވިދާޅުވަނީ އެނަމާދެއްގެ ވަގުތުގައި އެނަމާދެއް ކުރުމަށެވެ. ހެނދުނު ސުއްނަތް ޢީދު ނަމާދު ކުރާނީއެވެ. މެންދުރު ފަރުޟު ހުކުރު ކުރާނީއެވެ. ހުކުރު ނުލިބެއްޖެ މީހާ ފަރުޟު މެންދުރު ނަމާދު ކުރާނީއެވެ. 

މިވާހަކައާމެދު ބައެއް ބޭފުޅުންގެ ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވާތީ ކުޑަކޮށް ތަފްޞީލުކޮށްލަން ޖެހުނީއެވެ. އެއީ ޙަންބަލީ މަޛްހަބުގައި އޮންނަ ބަލިކަށި ބަސްފުޅަކަށް ބުރަވެތިބެ ބައެއް ފަރާތްތަކުން ޢާއްމުންގެ ސިކުނޑި ފަސާދަ ކުރަން މަސައްކަތްކުރާތީއެވެ. 

މިއީ އެއްވެސް މުސްލިމަކަށް އޮޅިގެންވާނޭ ކަމެއް ނޫނެވެ. ވަރަށް ޞަރީޙަ ބަސްފުޅަކުން މާތް ﷲ މުސްލިމުންނާ މުޚާޠަބު ކުރަށްވައި ޖުމުޢަ ސޫރަތުގައި ވަޙީކުރަށްވާފައިވާ ބަސްފުޅެކެވެ. 

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿٩ فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّـهِ وَاذْكُرُوا اللَّـهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴿١٠ 

މާނައީ: އޭ އީމާންވި މީސްތަކުންނޭވެ! ހުކުރު ދުވަހު ހުކުރު ނަމާދަށް ބަންގިގޮވޭހިނދު ޚުޠުބާއަޑު އެހުމަށާއި ހުކުރު ކުރުމަށް ތިޔަބައިމީހުން މިސްކިތަށް ދާން އަވަސްވެގަންނާށެވެ. އަދި ތިމާމެން ކުރަމުންއައި ވިޔަފާރިއާއި އެހެނިހެން މަސައްކަތް ހުއްޓައިލާށެވެ. ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ ތިޔަބައިމީހުންނަށް އެންމެ ހެއުކަންބޮޑުގޮތަކީ މިއީއެވެ. ދެންފަހެ ނަމާދުންނިމި އަވަދިވުމުން ތިމާމެން ކުރަމުންއައި މަސައްކަތާއިގެން ކުރިއަށް ދާށެވެ. އަދި މަސައްކަތުގެ ތެރޭގައި ﷲގެ ޙަޟުރަތުން ރޯދިބަރަކާތަށް އެދޭށެވެ. އަދި ދިރިއުޅުމުގެ ކަންތައްތަކުގައި މަޝްޣޫލުވެ ތިބޭހިނދު ގިނަގިނައިން މަތިވެރި މާތް ﷲ ހަނދުމަކޮށް އުޅޭށެވެ. ދަންނާށެވެ! ދެދުނިޔެއިން ކާމިޔާބީ ލިބޭހުށީ މިގޮތް އިޚްތިޔާރު ކުރުމުންނެވެ. 

ޙަދީޘަކީ ބަލިކަށި ޙަދީޘެކެވެ. 

މިމައްސަލައާމެދު ކުރީގެ ލިއުމުގައިވެސް އަޅުގަނޑު ބުނި ފަދައިން އިމާމު އަޙްމަދުގެ އެއް ބަސްފުޅަކީ ޢީދު ދުވަހު ޢީދު ކޮށްފައި ދެން ހުކުރު ނުކުރިއަސް މައްސަލައެއް ނެތް ކަމަށެވެ. އެކަލޭގެފާނު ދަލީލު ނަންގަވަނީ رَسُولُ اللَّهِ Hގެ އަރިހުން ވާރިދުވެފައިވާ ޟަޢީފު ޙަދީޘަކުންނެވެ. 

މިޙާދިޘާއާމެދު ތިން ރިވާޔަތެއް އައިސްފައި ވެއެވެ. އެއީ މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި ޒައިދު އިބްނި އަރްޤަމްގެ ރިވާޔަތަކާއި އަބޫހުރައިރާގެ ރިވާޔަތަކާއި ޢަބްދުﷲ އިބްނި ޢުމަރުގެ ރިވާޔަތެކެވެ. އަދި އަބޫ ހުރައިރާގެ ރިވާޔަތް ޢަބްދު ﷲ އިބްނި ޢައްބާސްގެ ކިބައިން އައިސްފައިވާ ކަމަށްވެސް ބުނެވެއެވެ. މިރިވާޔަތްތައް ނެރުއްވާފައިވަނީ އިމާމު އަބޫ ދާއޫދާއި އިބްނި މާޖާއާއި ނަސާއީއެވެ. އޭގެ އިތުރުން އިމާމު ޙާކިމާއި އިބްނި ޚުޒައިމާއާއި ޠަބަރާނީއާއި އިމާމު އަޙްމަދެވެ. މީގެ އެއް ރިވާޔަތުގައި އަންނަނީ: ﴿عَنْ إِيَاسِ بْنِ أَبِي رَمْلَةَ الشَّامِيِّ قَالَ شَهِدْتُ مُعَاوِيَةَ بْنَ أَبِي سُفْيَانَ وَهُوَ يَسْأَلُ زَيْدَ بْنَ أَرْقَمَ قَالَ أَشَهِدتَّ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدَيْنِ اجْتَمَعَا فِي يَوْمٍ قَالَ نَعَمْ قَالَ فَكَيْفَ صَنَعَ قَالَ صَلَّى الْعِيدَ ثُمَّ رَخَّصَ فِي الْجُمُعَةِ فَقَالَ مَنْ شَاءَ أَنْ يُصَلِّيَ فَلْيُصَلِّ﴾  މާނައީ: އިޔާސްގެ ކިބައިން ރިވާވެގެން ވެއެވެ. އެއްދުވަހަކު އަމީރު މުޢާވިޔާގެ އަރިހުގައި ތިމަން އިނީމެވެ. އަދި އެތާގައި މާތް ﷲ ރުއްސުންެލެއްވި ޒައިދު އިބްނި އަރްޤަމްވެސް އިންނެވިއެވެ. އެހިނދު ޒައިދުގެ އަރިހުން އަމީރު މުޢާވިޔާ އެއްސެވިއެވެ. އެއްދުވަހެއްގައި ދެޢީދު ޖަމަޢަވީ ދުވަހަކު ކަލޭގެފާނު رَسُولُ اللَّهِ Hގެ އަރިހު ނަމާދު ކުރެއްވީމުތޯއެވެ؟ އެކަލޭގެފާނު އާދޭހޭ، ދެންނެވުމުން ދެން ސުވާލުކުރެއްވިއެވެ. އިތުރު އެކަލޭގެފާނު ކަންކުރެއްވި ގޮތަކީ ކޮބައިތޯއެވެ؟ ޒައިދުގެފާނު ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ޢީދު ނަމާދު ކުރެއްވިއެވެ. ދެން ހުކުރު ނަމާދު މީސްތަކުންގެ އިޚްތިޔާރަށް ދޫކޮށްލެއްވިއެވެ. އަދި ޙަދީޘު ކުރެއްވިއެެވެ. ހުކުރު ނަމާދު ކުރަން ބޭނުން މީހަކު ތިމަންމެންނާއެކު ނަމާދު ކުރާށެވެ. މިއެވެ. އަބޫ ހުރައިރާގެ ރިވާޔަތުގައި އިތުރަށް އަންނަނީ: ﴿فَمَنْ شَاءَ أَجْزَأَهُ مِنَ الْجُمُعَةِ وَإِنَّا مُجَمِّعُونَ إِنْ شَاءَ اللَّهُ﴾ މާނައީ: ބޭނުން މީހަކު ހުކުރު ދޫކޮށްލިއަސް އެންމެ ރަނގަޅެވެ. ތިމަންމެން ﷲ އިރާދަ ކުރެއްވިއްޔާ ހުކުރު ކުރާނަމެވެ. މިއެވެ. އިބްނި ޢުމަރުގެ ރިވާޔަތުގައި އިތުރަށް އަންނަނީ: ﴿مَنْ شَاءَ أَنْ يَأْتِيَ الْجُمُعَةَ فَلْيَأْتِهَا وَمَنْ شَاءَ أَنْ يَتَخَلَّفَ فَلْيَتَخَلَّفْ﴾ މާނައީ: ތިމަންމެންނާއެކު ހުކުރަށް އަންނަން ބޭނުން މީހަކު ބައިވެރިވިއަސް މައްސަލައެއް ނެތެވެ. އަދި ބޭނުން ނޫންމީހަކު ނަޔަސް މައްސަލައެއް  ނެތެވެ. މިއެވެ. މިތިން ރިވާޔަތުން ވެސް ވަރަށް ސާފު އެނގޭ އެއްކަމަކީ ކީރިތި ރަސޫލާއާއި އަޞްޙާބު ބޭކަލުންނާއި މަދީނާގެ އަހުލުވެރިން އެދުވަހުގެ ހުކުުރުނަމާދުވެސް ކުރެއްވި ކަމެވެ. 

ބަޔާންވެދިޔަ ތިން ޙަދީޘަކީވެސް ޟަޢީފު ޙަދީޘެވެ. 

ތިރީގައި އެޙަދީޘުތަކުގެ ތަފްޞީލު ބަޔާންކޮށްލާނަމެވެ. 

(ހ) ޒައިދު އިބްނި އަރްޤަމްގެ ރިވާޔަތަށް ބަލާއިރު އެރިވާޔަތުގެ އަސްލު ރާވީއަކީ އިޔާސް އިބްނި އަބީ ރަމްލާއެވެ. އޭނާއަކީ ޟަޢީފު ރާވީއެވެ. ޖަރަޙަ ތަޢުދީލާއި ވަނަވަރު ބަޔާންކުރަށްވާ އިމާމުންގެ ތެރެއިން އިމާމު އަބުލް ޙަސަން އިބްނި ޤައްޠާން އަލްފާސީއާއި އިބްނި ޙަޖަރާއި ޛަހަބީއާއި އިބްނުލް މަދީނީއާއި އިބްނުލް މުންޛަރާއި އިމާމު އަޙްމަދާއި އެނޫންވެސް ވަނަވަރުގެ އިމާމުވެރި ބޭކަލުން ވިދާޅުވަނީ އިޔާސް އަކީ މަޖްހޫލު ރާވީއެއް ކަމަށެވެ. އެބަހީ ކާކުކަން ނޭގޭ މީހެކެވެ. 

(ށ) އަބޫ ހުރައިރާއާއި އިބްނި ޢައްބާސާއި ދެބޭކަލުންގެ އަރިހުން ރިވާވެފައިވާ ކަމަށް ބުނެވޭ ރިވާޔަތުގެ ސަނަދުގައި މައްސަލަ ޖެހިފައިވާ ދެރާވީން އެބަތިއްބެވެ. އެއީ ބަޤިއްޔާ އިބްނިލް ވަލީދުއާއި މުޣީރާ އައްޟައްބީއެވެ. (1)ބަޤިއްޔާއާ ބެހޭ ގޮތުން މުޙައްދިޘުން ވިދާޅުވަނީ ކަޘީރުއް ތަދްލީސް ޢަނިއް ޟުޢަފާއިއެވެ. އެބަހީ އަޑުނާހާ ބޭކަލުންގެ ކިބައިން އަޑު އެހިކަމަށް ބުނާކަމަށާއި ބަލިކަށި ރާވީންގެ ކިބައިން ވަރަށްގިނައިން ރިވާކުރާ މީހެއް ކަމަށެވެ. އިމާމު ބައިހަޤީ ވިދާޅުވެފައި ވަނީ ބަޤިއްޔާއަކީ މުޙައްދިޘުން އިޖްމާވާ ގޮތުގައި ހުއްޖަތެއް ނޫންކަމަށެވެ. (2) މުޣީރާ އައްޟައްބީއަށް ބަލާއިރު މުޣީރާއަކީ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި މުދައްލިސެކެވެ. އެބަހީ އަސްލުމީހާ ބަދަލުކޮށްލައިގެން ރިވާކުރާ މީހެކެވެ. 

(ނ) ދެންއޮތީ އިބްނި ޢުމަރުގެ ރިވާޔަތެވެ. މިރިވާޔަތް ނެރުއްވާފައިވަނީ އިމާމު އިބްނި މާޖާއެވެ. މީގެ ސަނަދުގައި ވަރަށް ބަލިކަށި ދެރާވީން އެބަތިއްބެވެ. (1)އެކަކީ މުންޛިރު އިބްނި ޢަލީއެވެ. މީނާއާ ބެހޭގޮތުން ވަނަވަރު ބަޔާންކުރަށްވާ އެންމެހައި މުޙައްދިޘުން ވިދާޅުވަނީ މަތުރޫކުލް ޙަދީޘި ކަމަށެވެ. އެބަހީ އޭނާގެ އެއްވެސް ޙަދީޘެއް ޤަބޫލު ނުކުރެވޭނެއެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ ކައްޛާބެއް ކަމަށެވެ. އެބަހީ ދޮގުވެރިއެކެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ މުއްތަހިމުލްވަޟްޢި ކަމަށެވެ. އެބަހީ ދޮގުޙަދީޘު ބަޔާންކުރުމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. (2) މިރިވާޔަތުގައި އޮތް އަނެއް ރާވީއަކީ ޖަބާރާ އިބްނިލް މުޣްލިސްއެވެ. މީނާއާ ބެހޭގޮތުންވެސް އިމާމުވެރި ބޭކަލުން ވިދާޅުވަނީ ކައްޛާބެއް ކަމަށެވެ. އެބަހީ ދޮގުވެރިއެކެވެ. އަނެއް ބައިބޭކަލުން ވިދާޅުވަނީ މުއްތަހިމުލްވަޟްޢި ކަމަށެވެ. އެބަހީ ދޮގުޙަދީޘު ބަޔާންކުރުމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އަޞްޙާބު ބޭކަލެއްގެ ޢަމަލުފުޅަކީ ދީނުގެ ޙުއްޖަތެއް ނޫނެވެ. 

ދެން އޮތީ ޢަބްދު ﷲ އިބްނި ޒުބައިރުގެ ޢަމަލުފުޅުކަމަށް ބުނެވޭ ރިވާޔަތެވެ. ރިވާކުރެްވީ އިމާމު އަބޫ ދާއޫދާއި ނަސާއީއެވެ. އެރިވާޔަތުގައި އަންނަނީ ހުކުރަކާއި ޢީދަކާ ދިމާވުމުން މައްކާގައި ޢަބްދު ﷲގެފާނު ޢީދު ނަމާދު ކުރެއްވި ކަމަށާއި އޭގެފާނުން އެދުވަހު ޢަޞުރު ނަމާދަށް ނޫނީ ޙަރަމްފުޅަށް ވަޑައިނުގަންނަވާ ކަމަށެވެ. ދެން ރާވީ ވިދާޅުވަނީ އެބޭކަލުން އަމިއްލަފުޅަށް ނަމާދު ކުރެއްވީ ކަމަށެވެ. މިއީ ސަނަދުގެ ގޮތުން ޞައްޙަ ރިވާޔަތެއް ކަމުގައި ވިއަސް އެއީއަކީ ޙަދީޘެއް ނޫނެވެ. ހަމައެކަނި ޢަބްދު ﷲގެފާނުންގެ ޢަމަލުފުޅެކެވެ. ޞަޙާބީއެއްގެ ޢަމަލުފުޅަކީ ޝަރުޢީ ޙުއްޖަތެއް ކަމަކަށް އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައި ނެތެވެ. އެހެންކަމުން އަޞްޙާބު ބޭކަލުންގެ ޢަަމަލު ސުއްނަތާ ޚިލާފަށް ހުރެއްޖެނަމަ ދީނުގައި އޮންނަނީ އެކަން ޤަބޫލު ނުކޮށް ދޫކޮށްލުމެވެ. އެކަހަލަ ކިތަންމެ މިސާލެއް ފެންނާން އެބަހުއްޓެވެ. ކުރުކޮށްލުމުގެ ގޮތުން އެއްމިސާލު ހާމަކޮށްލާނަމެވެ. އަމީރު މުޢާވިޔަތުގެފާނާއި އަމީރު މަރުވާނާއި ދެބޭކަލުން ޢީދު ނަމާދުގައި ޚުޠުބާ ދެއްވައި ހެއްދެވީ ނަމާދުގެ ކުރިންނެވެ. ޢުމަރުގެފާނާއި ޢުޘްމާނުގެފާނުންގެ ކިބައިންވެސް މަދުފަހަރެއްގައި ނަމަވެސް އެގޮތަށްއެކަން ކުރެއްވިކަމަށް އައިސްފައިވެއެވެ. އެކަމަކު އުއްމަތް މިބޭކަލުންގެ ޢަމަލު ޤަބޫލެއް ނުކުރިއެވެ. ކަނޑައެޅިގެން ކީރިތި ރަސޫލާގެ ޢަމަލުފުޅާ ޚިލާފަށް އޮތްކަމަކަށް ވާތީއެެވެ. މިއުޞޫލުގެ ދަށުން ޢީދުނަމާދު ކުރެއްވުމަށްފަހު ޢަބްދު ﷲ އިބްނި ޒުބައިރު ހުކުރަށް ވަޑައިނުގަންނަވާކަމަށް އޮތްއޮތުން ސާބިތުވި ކަމުގައި ވިއަސް އެއީ އޭގެ ސަބަބުން ޤުރުއާނުގެ ނައްޞުން ޞަރީޙަބަހުން ފެންނާންއޮތް ޙުކުމްފުޅާއި އުއްމަތުގައި ހިނގަމުންއައި ތަވާތުރު ޢަމަލު ދޫކޮށްލަންޖެހޭ ކަމެއްނޫނެވެ. އަދި ޢަބްދު ﷲގެފާނު ހުކުރަށް ވަޑަައިނުގަތުމުގައި ޝަރުޢީ ޢުޛުރެއްވެސް އޮވެދާނެއެވެ. އެކަން ރާވީއަށް އެނގިވަޑައިގެންފައި ނެތީއެވެ. މިއާޚިލާފަށް ކީރިތި ރަސޫލާއާއި އެންމެހައި އަޞްޙާބު ބޭކަލުން މަދީނާގައި ޢީދު ކުރެއްވުމަށްފަހު ހުކުރު ނަމާދުވެސް ކުރެއްވިކަން ބަޔާންވެދިޔަ ޟަޢީފު ޙަދީޘުތަކުންވެސް އެއޮތީ ފެންނާށެވެ. 

ޤުރުއާނުގެ ޞަރީޙަ ޙުކުމްފުޅަކީ ޤަޠްޢިއްޔުއް ޘުބޫތި ޤަޠްޢިއްޔުއް ދަލަލާއެކެވެ. 

ޤުރުއާނުން ސާފު ބަހުން ޙުކުމެއް އަތުވެއްޖެއްޔާ އެއީ ޔަޤީނީ ދަލީލެކެވެ. އަދި ޔަޤީން ކަމާއެކު ސާބިތުވާކަމެކެެވެ. އެއަކާ އެކަކަށްވެސް އިދިކޮޅެއް ނުހެދޭނެެއެވެ. މިމަޤާމު ޞައްޙަ ޙަދީޘަށްވެސް ދެވިފައެއް ނޯވެއެވެ. އަދި ކީރިިތި ރަސޫލާ ޤުރުއާނުގެ މިފަދަ ޙުކުމްފުޅަކާ ޚިލާފު ވެވަޑައިގެންފައި ނުވެސް ނެތެވެ. އެހެނީ އެފަދަ ޙުކުމެއް އަތުވެއްޖެނަމަ އެންމެ ފުރަތަމަ އެއަށް ޢަމަލު ކުރެއްވުމަކީ ކީރިތި ރަސޫލާގެ މައްޗަށް ވާޖިބު ވެގެންވާ ކަމަކަށް ވާތީއެވެ. 

އެހެންކަމުން ޙަދީޘެކޭ ކިޔައިގެން އެއްވެސް ސާބިތުވުމެއްނެތް ޟަޢީފު ރިވާޔަތަކުން ދޮގުހެދުމަށް ޝައްކުވެވިފައިތިބި ބައެއް ބަލިކަށި ރާވީންގެ ރިވާޔަތަކަށް ބަރޯސާކޮށްގެން މިފަދަ ނުބައިކަމެއް ޞައްޙަކުރަން އުޅުމަކީ ދީނުގެ ނަމުގައި ހެދޭ ބޮޑުވެގެންވާ ފިތުނައެކެވެ. އަދި ޢިލްމީ ޚިޔާނާތެކެވެ. އަދި މިއީ ބުއްދީގެ ގޮތުން ވިސްނާލި ކޮންމެ މީހަކަށްވެސް ވިސްނޭނެ މައްސަލައެކެވެ. ފިނި ސިކުނޑިއަކުން ނިކަން ވިސްނައި ބަލަމާ ހިނގާށެވެ. ޢީދު ނަމާދަކީ އުއްމަތަށް ކުރުން ސުއްނަތް ވެގެންވާ އެނަމާދު ނުކުރުމަކުން މީހާ ފާފަވެރިވެސް ނުވާ އަޅުކަމެކެވެ. އެއާޚިލާފަށް މެންދުރު ނަމާދާއި ހުކުރު ނަމާދު ފަރުޟު ކުރަށްވައިގެން އެކަން ކުރަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެ ފަހުން ސުއްނަތެއްގެ ގޮތުގައި ޝަރުޢު ކުރެވުނު ޢީދު ނަމާދުގެ ސަބަބުން ފަރުޟު މެންދުރު ނަމާދާއި ފަރުޟު ހުކުރު ނަމާދު ކުރުމެއް ނޯންނަ ވާހަކަ ބުނުމަކީ ހަމަބުއްދި ހުރެގެން ބުނަން ހެއުވާ ވަރުގެ ކަމެއް ނޫނެވެ. 

މިމައްސަލައިގެ ޙަޤީޤަތަކީ ކޮބާ؟ 

މިމައްސަލައިގެ ޙަޤީޤަތަކީ ކުރީ މަޟްމޫނުގައި ވެސް އަޅުގަނޑު ދެންނެވި ފަދައިން ބާދިޔާތަކާއި ވިލެޖްތަކުގެ މީހުންނަށް ހުކުރާއި ޢީދު ނޯންނާތީ މަދީނާގެ ކައިރި ކައިރީގައި ތިބޭ ވިލެޖްތަކުގެ މީހުން ޢީދުގެ އުފަލުގައި ބައިވެރިވުމަށްޓަކައި މަދީނާއަށް އައުމުން އެމީހުން އަނބިދަރިންގެ ގާތަށް އަވަހަށް ރަށަށް ފޮނުއްވާލުމުގެ ގޮތުން ބުނެވުނު ބަހެކެވެ. މިވާހަކަ ވަރަށް ސާފުކޮށް ތިންވަނަ ޚަލީފާ ޢުޘްމާނުންގެފާނުންގެ ބަސްފުޅުން ސާބިތުވެެގެންވެއެވެ. އިމާމު ބުޚާރީއާއިނަސާއީ ނެރުއްވި ރިވާޔަތެެއްގައިވެއެވެ. އެކަލޭގެފާނުންގެ ދައުރުގައި ހުކުރާއި ޢީދާ އެއްދުވަހަކަށް ވުމުން ޢީދު ކުރަށްވައިގެން ޢީދު ޚުޠުބާގައި އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ﴿فَقَالَ يَا أَيُّهَا النَّاسُ إِنَّ هَذَا يَوْمٌ قَدْ اجْتَمَعَ لَكُمْ فِيهِ عِيدَانِ فَمَنْ أَحَبَّ أَنْ يَنْتَظِرَ الْجُمُعَةَ مِنْ أَهْلِ الْعَوَالِي فَلْيَنْتَظِرْ وَمَنْ أَحَبَّ أَنْ يَرْجِعَ فَقَدْ أَذِنْتُ لَهُ﴾ މާނައީ: އޭ މީސްތަކުންނޭވެ! މިއަދަކީ ތިޔަބައިމީހުންނަށް ދެޢީދު އެއްދުވަހަކު އެއްތަންވީ ދުވަހެކެވެ. ވުމާއެކު ވިލެޖުތަކާއި ބާދިޔާތަކުން އައި މީހުންގެ ތެެރެއިން ހުކުރު ކުރަން ބޭނުން މީހަކު މަޑުކޮށްލާށެވެ. އަދި އެނބުރިދާން ބޭނުން މީހަކު ދިއުމުގައި ތިމަން ކަލޭގެފާނުންގެ އިޢުތިރާޟެއް ނެތެވެ. މިއެވެ. މިވާހައިގެ ޙަޤީޤަތަކީ މިއީއެވެ. ފަހަރެއްގައިވެސް ހުކުރު ވާޖިބުވާ މީހަކަށް ޢީދު ކުރުމުން ހުކުރު މާފުވާ ވާހަކައެއް އަންގަވަނީއެއް ނޫނެވެ. 

ކީރިތި ރަސޫލާއިން ފެށިގެން މުސްލިމުންގެ ތެރޭގައި ޢަމަލީގޮތުން ދެމިގެން އަންނަ ތަވާތުރު ޢަމަލުތައް ނަތްތައިލުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ.    

ދީނުގައި ހުންނަ އަޅުކަމުގެ ކަންތައްތަކަކީ ޢަމަލީގޮތުން ސިލްސިލާ މަގުން މެދުކެނޑުމެއްނެތި ތަވާތުރު ގޮތަކަށް ކުރަމުން އަންނަ ކަންކަމެކެވެ. ޚާއްޞަކޮށް ނަމާދާއި ޙައްޖުގެ އަޅުކަންތަކެވެ. މިގޮތުން ޢީދާއި ހުކުރު ދިމާވުމުން އުއްމަތުގެ މުސްލިމުން އައީ ދެނަމާދުވެސް ކުރަމުންނެވެ. އެއް ނަމާދު ކުރަނީ ސުއްނަތެއްގެ ގޮތުގައެވެ. އަނެއްނަމާދު ކުރަނީ ފަރުޟެއްގެ ގޮތުގައެވެ. މަޛްހަބެއްގައިއޮތް ޟަޢީފު ބަލިކަށި ބަހަކަށް ބަރޯސާކޮށްގެން ހަރުކަށިވެތިބެ، ގޮތްދޫނުކުރުމާއެކު ދީނުގެ ކަންކަން ހިތުހުރި ގޮތަކަށް ގެންދާން މަސައްކަތް ކުރުމީ ދީން އޮޅުވާލަން އުޅޭ އުޅުމެކެވެ. ވަކިން ޚާއްޞަކޮށް ކީރިތި ރަސޫލާއިން ފެށިގެން މުސްލިމުންގެ މެދުގައި ޢަމަލީގޮތުން ދެމިގެން އަންނަ ތަވާތުރު ޢަމަލުތައް ނަތްތައިލާން އުޅުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ ދީން ނައްތައިލުމުގެފެށުމެކެވެ. މިގޮތުން ޤުރުއާނުގައިހުރި ޤަޠްޢީ ޙުކުމްތައް ނެތިކުރުމާއި މުސްލިމު އުއްމަތް އެކަންކަމަށް ޢާދަކޮށްގެން ސިލްސިލާކޮށް މެދުކެނޑުމެއްނެތި ޢަމަލުކުރަމުން އަންނަ ކަންކަމަށް ޝައްކު އުފެއްދުމަކީ ސީދާ ޤުރުއާނަށް ޝައްކު އުފައްދަން ކުރެވޭ މަސައްކަތެވެ. މިހެނީ ޤުރުއާނަކީވެސް މިބުނެވުނު ތަވާތުރު ޢަމަލުން ސާބިތުވާން އޮތް އެއްޗެކަށް ވީހިނދު ތަވާތުރު ޢަމަލަށް ބަދުބަސްބުނެ އެޢަމަލުތައް ދޫކޮށްލުމުގެ ނަތީޖާއަކަށް އަންނާނީ ޤުރުއާނުގެ ޙުއްޖިއްޔަތު ގެއްލިގެން ދިއުމެވެ. މިކަން މިގޮތަށް ކުރަމުންދާނަމަ މިކަމަކީ ދީން އޮޅުވާލުމަށް ހުޅުވައިލެވޭ އައު މަގެކެވެ. 

އެހެންކަމުން ދީން ކިޔަވައި ވިދާޅުވެގެން ތިއްބެވި އަޅުގަނޑުގެ އެންމެހައި އަޚުންނާއި އުޚްތުންނަށް އަޅުގަނޑު ވެސް ޝާމިލުވާގޮތަށް ބުނެލަން ބޭނުންވަނީ ޢާއްމު ރައްޔިތުންނަށް ދީނުގެ ކަންކަން އޮޅުން ފިޅުވައިދިނުމުގައި ދީނުގެ ޢަދުއްވުންނަށް މިދީނުގެ ނަމުގައި ބަލިކަށި ހޮރުތައް ކޮނެ ނުދެއްކުމެވެ. ޢިލްމީގޮތުން ކުރިއަރާފައިވާ މިއަދުގެ ޒުވާން ޖީލުގެ ސިކުނޑިތަކަށް މިމާތް ފުރިހަަމަ ދީނުގައި ދެކޮޅުނުޖެހޭ އުނިކަންތައްތައް ހުރިކަން އަޅުގަނޑުމެންގެ ފަރާތުން ދައްކުވައިދިނުމަކީ އެބައިމީހުންނަށް ދީނާމެދު އިތުރު ޝައްކުތަކެއް އުފެދި އެޝައްކުގެ ތެރެއަށް އެމީހުން އިތުރަށް ގެނބިގެން ދާނޭ ކަމެކެވެ. އަދި މިއީ ދީނުގެ ޢަދުއްވުންނަށް އެކުދިންގެ ސިކުނޑިއާ ކުޅެލާން ކޮށައިދެވޭ ފަސޭހަމަގެކެވެ. ވުމާއެކު ފިތުނަފަސާދައިން އެއްކިބާވެތިބެ ސަލަފުއްޞާލިޙުން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށް ދެއްވައި މަގުކޮށްޓަވާފައި ފޮނުއްވި ނަބަވީ މާތް އިރްޝާދުތަކުގައި ވިސްނުންތެރިކަމާއި އިޚްލާޞްތެރި ކަމާއެކު ހިފަހައްޓައިގެން ތިމާމެންނަށް ވީމިންވަރަކުން ދީނަށް ޚިދުމަތް ކުރެވޭތޯ ބަލަމާހިނގާށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެއު ވިސްނުން ވިސްނުމުގެ ތައުފީޤު ދެއްވާށިއެވެ.

وَمَا عَلَيْنَا إِلاَّ الْبَلاَغُ الْمُبِينُ

اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ

 

وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

 

 

މިއަދު އޮންލައިން