ﷲ ގެ ކުޅަދުންވަންތަކަން! 4 އަހަރުގަ އިންޑިއާއިން ގެއްލުނު ސާރޫ، 25 އަހަރުފަހުން އޮސްޓްރޭލިއާއިން ގޮސް މަންމައާ ބައްދަލުވުން!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 46ސ
ﷲ ގެ ކުޅަދުންވަންތަކަން! 4 އަހަރުގަ އިންޑިއާއިން ގެއްލުނު ސާރޫ، 25 އަހަރުފަހުން އޮސްޓްރޭލިއާއިން ގޮސް މަންމައާ ބައްދަލުވުން!

އުމުރުން 4 އަހަރުގެ ސަރޫ ނިޞްބަތްވަނީ އިންޑިއާގެ ފަޤީރު އަވަށަކަށެވެ. މަންމަ ކުރާ ބުރަ މަސައްކަތުން ލިބޭ މަދުފައިސާކޮޅުން ދެކޮޅު ނުޖެހޭތީ ސަރޫގެ ބޭބެމެން ރޭލްވޭ ސްޓޭޝަނަށް ގޮސް ސާފުކުރުމުގެ މަސައްކަތްކުރެއެވެ. 

އެގޮތުން ބޭބެ ރޭގަނޑު ޑިޔުޓީގައި މަސައްކަތުދާން އުޅުނު ރެއަކު ބޭބެއަށް އާދޭސްކޮށްގެން ސަރޫ ރޭލްވޭސްޓޭޝަނަށް ދިއައެވެ. ނަަމވެސް ކަންތައް ދިމާވީ ހީވެސް ނުކުރެވޭ ފަދަ ގޮތަކަށެވެ. ރޭލްތެރޭގައި އުޅުމުގެތެރޭގައި ސަރޫއަށް ނިދުނީއެވެ. ބޭބެއަށް ސަރޫ ނުފެނުނީއެވެ. ސަރޫއަށް ހޭލެވުނީ ރޭލް ދުއްވާލި ވަގުތުއެވެ. 

ސަރޫއަށް ޖެހުނީ 2 ދުވަސްފަހުން ރޭލު ކަލްކަތާއަށް މަޑުކުރަންދެން ރޭލުގައި ހުންނާށެވެ! މަޑުކުރުމުން ރޭލުން ފޭބި ނަމަވެސް ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ކުޑކުޑަ ސަރޫ މަގުމަތީގައި ސަލާންޖަހަން އުޅޭތާ ދުވަސްތަކެއްވީފަހުން އެކުވެރިންތަކެއް ލިބުނެވެ. އޭނާފަދަ ސަލާންޖަހައިގެން މަގުމަތީގަ އުޅޭ ކުދިންނެވެ. 

މިކުދިންތަކާއިއެކު އެއްރޭ މަގުމަތީގައި ނިދާފައި ތިއްބައި ކާރުތަކެއްގައި އައި ބައަކު ކުދިންތައް ޖަހައިގަނެގެން ގެންދިއައިރު ފިލުމުގެ ފުރުޞަތު ސަރޫއަށް ލިބުނެވެ. ދެންވެސް އެހެން ގޮތެއް ނެތުމުން މަގުމަތީގައި އުޅެމުން ދަނިކޮށް ރެސްޓޯރަންޓެއްގައި ކާން އިންމީހަކަށް ސަރޫ ފެނިގެން ގެންގޮސް ކުޑަކުދިން ބަލަހައްޓާ ތަނަކާއި ހަވާލުކުރިއެވެ. 

އެތަނުގައި ހުއްޓާ ދަރިން ުލިބޭ އޮސްޓްރޭލިއާ ދެމަފިރިއަކު ސަރޫ އޮސްޓްރޭލިއާއަށް ގެންދިއައެވެ. ކިޔަވައި މޮޅުވުމުގެ ފުރުޞަތު ލިބުނެވެ. ލޯބި ލިބުނެވެ. ނަމަވެސް ސަރޫ އޭނާގެ މަންމަ އާއި ޢާއިލާގެމަތިން ހަނދާން ނައްތައެއް ނުލައެވެ. 

ސަރޫއަކަށް އޭނާ ނިޞްބަތްވާ އަވަށަށް ކިޔާ ނަމެއް ނުއެނގެއެވެ. އެހެންކަމުން އޭނާ ކޮންމެ ދުވަހަކު 10 ގަޑިއިރު، ބައެއް ދުވަސް އެކުގައި ހޭދަކުރީ ގޫގްލްސްއިން އިންޑިއާގެ ތަންތަން ބެލުމަށެވެ. އަހަރަކަށްވުރެ ގިނަ ދުވަހު މަސައްކަތްކުރިފަހުން އޭނާއަށް ރޭލްވޭ ސްޓޭޝަނާއި މަންމަ މަސައްކަތްކުރަންދާ ކާރުޚާނާވެސް ފާހަގަކުރެވުނެވެ. އަދި ގެވެސް ފާހަގަކުރެވުނެވެ. 

ސަރޫ އިންޑިއާށްގޮސް ގެ ހޯދައިގެން ގެއަށް ގޮސް ކުރިމަތީގައި ހުއްޓިހުރިއިރު ހިތުގައި ސުވާލުތަކެއް އުފެދުނެވެ. މަންމަ ދުނިޔޭގައި އެބަހުރިބާވައެވެ! ބޭބެމެންނަށް އޭނާ އެނގޭނެބާވައެވެ! މިފަދަ ޚިޔާލުތަކުގައި ހުއްޓިހުއްޓައި ސިހުންވީ ފަހަތުން މުސްކުޅި އަންހެނަކު އައިސް ގައިގައި ބެއްދުމުންނެވެ. އެއީ މަންމައެވެ. 25 އަހަރުފަހުންވެސް މަންމައަށް މަންމަގެ ދަރިފުޅު ފެނުމުން އެނގުނީއެވެ. 

ސަރޫ އެންމެ ދެރަވީ އެކްސިޑެންޓެއްގައި 2 ބޭބެ މަރުވެފައިވާތީއެވެ. 

ސަރޫ އަދިވެސް ދިރިއުޅެނީ އޭނާ ގެންގުޅެ ބޮޑުކުރި މައިންބަފައިންނާއިއެކުގައި އޮސްޓްރޭލިއާގައެވެ. މަހުންމަހަށް މަންމައަށް ފައިސާ ފޮނުވައެވެ. އަހަރަކު އެއްފަހަރު ގޮސް ބައްދަލުކުރެއެވެ. 

ވިސްނައިލާށެވެ! ﷲ ގެ ކުޅަދުންވަންތަކަމާއިމެދުގައެވެ. މީހަކަށް ތަނަވަސްކަމާއި ތަޢްލީމާއި އެހެންވެސް ފުރުޞަތުތައް ދެއްވަވަން އިރާދަކުރައްވަވައިފިނަމަ އެކަން މެދުވެރިކުރައްވަވާ ގޮތަށެވެ! ދަރިން ގެއްލެނި ނުކުރައްވަވައި މައިންނަށް އަލުން ދެއްވަވާ ގޮތަށެވެ! 

އުމުރުން 4 އަހަރުގަ އޮސްޓްރޭލިއާއަށް ދެވުނު ގޮތާއި 29 އަހަރުގައި އެނބުރި މަންމަ އާއި ބައްދަލުވިގޮތް ޢިބްރަތަކަށް ނުވޭހެއްޔެވެ؟ ދަރިއަކު މައިމީހާ އާއި ބައްދަލުކުރަން ބޭނުންވެގެން އެކުރި ބުރަ މަސައްކަތްވެސް މެއެވެ! މިހިރަމިހިރަ ކަންކަމަކީ ހަމަ ޢިބްރަތުން ފުރިގެންވާ ކަންކަން ނޫންހެއްޔެވެ؟ 

ސަރޫގެ ޙަޔާތުގެ މައްޗަށް މިހާރުވަނީ ޑޮކިޔުމެންޓަރީ ފިލްމެއްވެސް ހަދައިފައެވެ.

މިއަދު އޮންލައިން