މާތް ﷲ އެދުވަސްތައް އެންމެ މާތް ކުރެއްވެވި ޙައްޖު މަހުން މިއަދަކީ 6 ވަނަ ދުވަހެވެ. މާނައަކީ 5 ފާއިތުވެ ފުރަތަމަ 10ގެ މެދު ފަހަނައަޅައި ކުރިއެރީއެވެ. މިއީ މިހައިތަނަށް ހީވާގި ނުވެ ތިބެވުނު މީހުންވެސް ހޭލުންތެރިވެ ހީވާގިވާންވީ ވަގުތެވެ!
"މިދުވަސްތަކުގައި (ހައުޖުމަހުގެ) 1 ން 9 އަށް ސީދާ 9 ރޯދަ ނުހިފުނުކަމުގައިވިޔަސް އެމީހަކަށް ވީވަރަކުން ރޯދަތައް ހިފޭތޯ ބައްލަވާށެވެ! އެންމެ ރޯދައަކީވެސް ވަރަށް ޘަވާބު ބޮޑުއަޅުކަމެކެވެ. އެންމެ ކުޑަމިމުން ހަމައެކަނި ޢަރަފާތުދުވަހުގެ ރޯދަ ހިފޭތޯ ބައްލަވާށެވެ!"
- ޝައޚް މުޙައްމަދު ޝާފިޢް
މީގެ އިތުރުން ޙައްޖުމަސް ފެށިގެން އައިއިރު ވެސް ޝައިޚް ވަނީ ވަރަށް ޚާއްޞަ މެސެޖެއް ދެއްވައިފައެވެ. "ތިއަވަދެވެނީ ބިންގަނޑު ރަނގަޅު ފެން ރަނގަޅު ދަނޑަކަށެވެ! މާދަމާ މޭވާ ކަނޑަން ލިބޭނީ މިއަދު ގަސްހެއްދިވަރަކުންނެވެ."
ޝައިޚް އިލްތިމާސްކުރައްވާފައިވާ އަޅުކަމުގެ މޫސުން ދެބައިވެ ދިއައީއެވެ! މިއަދަކީ 6 ވަނަ ދުވަހެވެ. ވަދެވުނު "ބިންގަނޑު ރަނގަޅު ފެން ރަނގަޅު ދަނޑު"ގައި ކިހާ ގޮވާމެއް ކުރެވިއްޖެ ހެއްޔެވެ؟ އަޅުގަނޑޫމެންނާއި ބައްދަލުކޮށް ވަކިވެގެން މިދަނީ ކިހައި މުހިންމު ދުވަސްތަކެއްކަން އެންމެންނަށްވެސް އެނގެއެވެ.
ނަރަކައަށް ވަންނަން ބޭނުންވާ ހަމައެކަކުވެސް ނެތެވެ. އެންމެންވެސް ބޭނުންވަނީ ހަމަ ސުވަރުގެ ވަންނާށެވެ. ނަމަވެސް ހިތާމައަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން މަސައްކަތްކުރުމުގައި ކަންނެތްވެވިފައިވާ ކަމެވެ!