ކުރިއަށް އޮތް ބޮޑުއީދު ޗުއްޓީގައި ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫނީ ނުކުރުމަށް ހެލްތް މިނިސްޓަރ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ އަމީން މިހެންވިދާޅުވީ ތިން ރަށެއްގެ ކޮވިޑް މެނޭޖްމެންޓު ފެސިލިތީ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިނިސްޓަރ ވިދާޅުވީ އީދު ޗުއްޓީގައި ކޮންމެހެން ކުރަންޖެހޭ ތަންތަނަށް ނޫނީ ދަތުރު ނުކުރުމަށާއި މިފަހަރުގެ އީދު ޗުއްޓީ އަކީ، ޗުއްޓީ އެއް ކަމަށް ނުނަންގަވައި މިފަހަރުގެ އީދު ޗުއްޓީ އަކީ އެއް ބަޔަކު އަނެއް ބަޔަކު ބަލިން ރައްކާތެރިކުރުމަށްޓަކާ ކުރެވެން އޮތް މަސައްކަތްތައް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ބެލުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މީގެއިތުރުން އަމީން ވިދާޅުވީ މި އީދުގައި މާލެ އިން އަތޮޅުތެރެއަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށާއި، އަދި އީދުގެ ކުޅިވަރުތައް ވެސް އެހެން އަހަރުތަކުގައި ބާއްވާ ގޮތަށް ގިނަ ބަޔަކު އެއްވެ ކުޅިވަރު ކުޅުން ފަދަ ކަންކަމާއި ވީހާވެސް ބޮޑަށް ދުރުވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.