މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތިރީސްތިން ވަނަ ޙައްޖު! - އަރިހު ޙައްޖަތުލް ވަދާޢުގައި އެންމެހައި ނަބީބޭކަލުންގެ ޢަދަދަށް ޙާޖިން ބައިވެރިވި! - 1

މިއަދު
ކިޔުމަށް ހޭދަވާނީ 21މ 3ސ
މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތިރީސްތިން ވަނަ ޙައްޖު! - އަރިހު ޙައްޖަތުލް ވަދާޢުގައި އެންމެހައި ނަބީބޭކަލުންގެ ޢަދަދަށް ޙާޖިން ބައިވެރިވި! - 1

ޙުސައިން ރަޝީދު އަޙްމަދު

 

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

ޙައްޖަކީ ކޮބާ؟ 

ޙައްޖަކީ މުސްލިމުންގެ ބައިނަލް އަޤްވާމީ އަހަރީ އެންމެ ބޮޑު ކޮންފްރެންސެވެ. މިކޮންފަރެންސުގައި މުޅިދުނިޔެއިން މުސްލިމުން ބައިވެރިވެއެވެ.  

އިސްލާމީ ނަޒަރަކުން ބަލާއިރު މުސްލިމުންގެ ޙައްޖަކީ އަހަރަކު އެއްފަހަރު ކަނޑައެޅިފައިވާ ދުވަސްތަކުގައި ކަނޑައެޅިފައިވާ މަނާސިކުތަކަކާއި ޝިޢާރުތައް އުފުލުމަށްޓަކައި މުސްލިމުން މައްކާއަށް ޖަމަޢަވެ ކިޔާ ކިއުންތަކަކާއި ކުރާ ކަންތައްތަކެކެވެ. މިއީ ކުޅަދާނަކަން ލިބިގެންވާ ބާލިޣު ކޮންމެ މުސްލިމަކަށް ޢުމުރުން އެއްފަހަރު ކުރުމަށް ވާޖިބުވެފައިވާ އަޅުކަމެކެވެ. އެއީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މާތް ﷲ ވަޙީ ކުރަށްވާފައިވާ ފަދައިންނެވެ. ﴿وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ﴿٩٧ މާނައީ: މުސްލިމުންގެ މައްޗަށް މިއަދުން ފެށިގެން ﷲގެ ނަންފުޅުގައި ގެފުޅަށް ގޮސް ޙައްޖުވުމީ ފަރުޟެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ. އެއީ އެކަމަށް ކުޅަދާނަކަން ލިބިއްޖެ މީހަކަށެވެ.  

ޙައްޖު ފަރުޟުވިގޮތް: 

އިމާމު އިބްނި ޙަޖަރު ފަތުޙުލްބާރީގައި ވިދާޅުވެފައި ވެއެވެ. ޙައްޖު ފަރުޟުވެވުނީ ހިޖުރީ ސަނަތުން ފަހެއްގައެވެ. ވަކި މުހިއްމު ސަބަބެއް ނެތި رَسُولُ اللَّهِ ވަނީ ޙައްޖު އަދާކުރުން ފަސް ކުރަށްވާފައެވެ. އިތުރު އެކަލޭގެފާނު ޤަޟާ ޢުމުރާއަށް ވަޑައިގަތީ ހިޖުރައިން ހަތެއްގައެވެ. އެފަހަރަކުވެސް ޙައްޖުވެވަޑައި ނުގަންނަވައެވެ. އެހެންނާ އެއީ ޙައްޖު މޫސުމެވެ. މައްކާ ފަތަޙަ ކުރެއްވީ ހިޖުރައިން އަށެއްގައެވެ. އޭރަކުވެސް ޙައްޖުވެ ވަޑައި ނުގަންނަވައެވެ. އެއީވެސް ޙައްޖު މޫސުމެވެ. އެއަށްފަހު ކީރިތި ރަސޫލާ ސައްޔިދުނާ އަބޫ ބަކުރުއް ޞިއްދީޤު ޙައްޖުގެ އަމީރަކަށް ލައްވަވާފައި ހިޖުރައިން ނުވަވަނައަހަރު (ތިންހާސް މީހުންނާއެކު) ޙައްޖަށް ފޮނުއްވިއެވެ. ދެނރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައލަމަ އިސްވެ ހުންނަވައިގެން ޙައްޖުވެ ވަޑައިގަތީ ހިޖުރީ ސަނަތުން ދިހައެއްގައެވެ. ޙައްޖަށްފަހު ކީރިތި ރަސޫލާ ދުނިޔޭގައި އުޅުއްވީ އަށްޑި ދުވަހުއެވެ. (އެއަށްފަހު ހިޖުރީ ސަނަތުން އެގާރަވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ބާރަވަނަ ދުވަހު ހެނދުނު ސުވަރުގެ ވަޑައިގެންފިއެވެ.) ބަޔާންވެދިޔަ އެންމެހައި ކަންކަމަކީ ސިޔަރަތުގެ ޢިލްމުވެރިން އެއްބަސްވެ ވަޑައިގެންފައިވާ ކަންކަމެވެ. ޙައްޖު ފަރުޟުވީ އަހަރުފިޔައެވެ. އެކަމާމެދު ޢިލްމުވެރިންގެ މެދު ބޮޑުވެގެންވާ އިޚްތިލާފެއް އުފެދިފައި ވެއެވެ.  

ޙައްޖު ފަރުޟުވީ އަހަރު: 

ކުރީން ބުނިފަދައިން އިމާމު އިބްނި ޙަޖަރު ވިދާޅުވެފައިވާ ފަދައިން ޙައްޖު ފަރުޟުވީ ހިޖުރައިން ފަހެއްގައެވެ. އިމާމު ބުޚާރީއާއި އިމާމު ނަވަވީ ވިދާޅުވަނީ ހިޖުރައިން ހައެއްގައި ކަމަށެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އަށެއްގައި ކަމަށެވެ. ގިނަ ބޭކަލުން ބުރަވެ ވަޑައިގަންނަވަނީ ނުވައެއްގައި ކަމަށެވެ. ބައެއް ބޭކަލުން ދިހައެކޭވެސް ވިދާޅުވެފައި ވެއެވެ. އެހެނަސް މިއީ ބަލިކަށި ބަސްފުޅެކެވެ. މިހުރިހާ ބަސްފުޅުތަކަށް ތަޙްޤީޤީ ނަޒަރަކުން ބަލައިލާރު ބޮޑަށް ބުރަވެވެނީ ޙައްޖު ފަރުޟުވީ ހިޖުރީ ސަނަތުން އަށެއްގައި ކަމަށެވެ. އެއީ ޙައްޖާބެހޭ އާޔަތް ހިޖުރައިން ފަހެއްގެ ފަހުކޮޅުގައި ނުވަތަ ހައެއްގެ ކުރީކޮޅުގައި ބާވައިލެއްވުނު ކަމުގައި ވިއަސް މައްކާ ފަތަޙަވެ މަގު އަމާންވީ ހިޖުރައިން އަށެއްގައި ކަމަށްވާތީއެވެ.  

މުސްލިމުންގެ ފުރަތަމަ ޙައްޖު:

މިއުއްމަތަށް މާތް ﷲ ޙައްޖު ފަރުޟު ކުރެއްވުމުން އެންމެ ފުރަތަމަ މުސްލިމުން ރަސްމީގޮތެއްގައި ޙައްޖުވީ ހިޖުރައިން ނުވަވަނަ އަހަރުއެވެ. އެއީ އަބޫ ބަކުރުގެފާނުންގެ އަމީރުކަމުގެ ދަށުންނެވެ. އޭރު އަބޫ ބަކުރުގެފާނުންގެ އަރިހު ބައިވެރިވީ ތިން ސަތޭކަ މީހުންނެވެ.

މިދަތުރަށް މުސްލިމުން ނިކުތްތަނާހެން މާތް ﷲ ބަރާއަތު ސޫރަތް ބާވައިލެއްވެވިއެވެ. މިޚަބަރާއިގެން މުސްލިމުންގެގާތަށް ކީރިތި ރަސޫލާ މާތް ﷲ ރުއްސުންލެއްވި ޢަލިއްޔު އިބްނި އަބީޠާލިބު ފޮނުއްވެވިއެވެ. އެދަތުފުޅުގައި މުސްލިމުންނަށް މިނާގައި ބައެއްކަންކަން އަންގަވައި އިޢުލާން ކުރެވުނެވެ. އެއީ ކާފަރަކު ސުވަރުގެ ނުވަންނާނެ ވާހަކައާއި އެއަހަރަށްފަހުން މުޝްރިކުންނަށް ޙައްޖުގައި ބައިވެރި ނުވެވޭނެ ވާހަކައާއި އެއްވެސް މީހަކަށް ދެނެއް ބަރަހަނާހުރެގެން ޠަވާފު ނުވެވޭނެ ވާހަކައެވެ.  

މިއީ މުސްލިމުން ހައްޖުވަމުން އަންނަތާ 1433 ވަނަ އަހަރެވެ.

މިއަހަރަކީ މުސްލިމުން ޙައްޖުވަމުން އަންނަތާ ސާދަސަތޭކަ ތެެއްތިރީސްވަނަ އަހަރެވެ. ހިޖުރައިން ނުވަވަނަ އަހަރުން ފެށިގެން މިއަދާހަމައަށް މުސްލިމުން އަންނަނީ ޙައްޖު ވަމުންނެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރޭންވަނީ ޙައްޖުގެ އަޅުކަން މެދުކެނޑިފައެވެ. ބުނެވޭ ގޮތުން ދިމާވާ ބޮޑެތި ކާރިޘާތަކާއި ވަބާތަކާއި ސިޔާސީ ހަމަނުޖެހުންތަކާއި މަގުފޭރޭ މީހުންނާހުރެ މަގުމަތި ނާމާންވުމާއި މިފަދަ އެކި އެކި ސަބަބުތަކާހުރެ އެކިއެކި އަހަރުމަތިން ވިއްސަކަށް އަހަރު ޙައްޖު ނުވެވޭގޮތް ދިމާވެފައި ވެއެވެ. މިއަހަރަކީ ވެސް އެފަދަ އަހަރެކެވެ. ނަމަވެސް މަދުމީސްކޮޅަކާއެކު ނަމަވެސް ސަޢޫދީ ސަރުކާރުން މިއަހަރުގެ ޙައްޖުގެ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި އިންތިޒާމު އެބަކުރަށްވައެވެ. ޚަބަރު ލިބޭ ގޮތުން ސަޢޫދީ ސަރުކާރުން މިއަހަރު ހައްޖުވުމަށް ހުއްދަ ދެއްވަނީ ސަޢޫދީގައި ދިރިއުޅޭ ބޭރުމީހުންގެ ތެރެއިންނާއި ސަޢޫދީ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ޖުމްލަ ދިހަހާސް މީހުންނަށެވެ. ކޮވިޑް 19 ގެ ބިރުވެރިކަން ބޮޑުކަމުން ޢުމުރާގެ އަޅުކަމަށްވަނީ ހުއްޓުމެއް އައިސްފައެވެ. 2019 ވަނަ އަހަރަށް ބަލާއިރު ޙައްޖު ވެފައިވަނީ 2.6 މިލިޔަން މީހުންނެވެ. އަދި މުޅި އަހަރު ޢުމުރާވެފައި ވަނީ 30 މިލިޔަން މީހުންނެވެ.

ކީރިތި ރަސޫލާ ޙައްޖަށް ނިކުމެ ވަޑައިގަތުން: 

ހިޖުރައިން ދިހަވަނަ އަހަރު ޛުލްޤަޢިދާމަހުގެ ފަސްވަނަ ދުވަހު ޙައްޖަށް ވަޑައިގަތުމަށް ޤަޞްދު ކުރަށްވާކަމަށް ލޮބުވެތި رَسُولُ اللَّهِ  އިޢްލާން ކުރެއްވިއެވެ. އޭރު އެކަލޭގެފާނުންގެ އަރިހުގައި އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް ނުވަދިހަވަރަކަށް ހާސް މީހުން މަދީނާއިން ޙައްޖަށްދާން ނިކުތެވެ. މަދީނާގެ ވެރިއަކަށް ކީރިތި ރަސޫލާ ކަނޑައެޅުއްވީ އަންޞާރިއްޔަ ބޭކަލަކު ކަމުގައިވާ މާތް ﷲ ރުއްސުންލެއްވި އަބޫ ދުޖާނާ އައްސާޢިދީއެވެ. އިތުރު އެކަލޭގެފާނުންގެ އަރިހުގައި މަދީނާއިން ޙައްޖަށް ނިކުތް މީހުންގެ އިތުރުން ޢަރަބި ކަރައިގެ އެތަންމިތަނުން ވެސް ކީރިތި ރަސޫލާގެ އަރިހު ޙައްޖުގައި ބައިވެރިވުމަށް މީސްތަކުން ނިކުތެވެ. ބުނެވޭ ގޮތުގައި ޖުމްލަ ޙައްޖަތުލް ވަދާޢުގައި ބައިވެރިވީ 124000 ޙާޖީންނެވެ. އިއްތިފާޤުން މިޢަދަދަކީ ދުނިޔެއަށް ފޮނުއްވުނު ޖުމްލަ ނަބީބޭކަލުންގެ ޢަދަދެވެ.

ކީރިތި ރަސޫލާ ޙައްޖަށް ފެއްޓެވުން: 

ކީރިތި ރަސޫލާ ޙައްޖަށް އިޙުރާމް ބެންނެވީ ޛުލްޙުލައިފާއޭ ކިއުނު މީޤާތުންނެވެ. ޛުލް ޙުލައިފާގައި އިޙްރާމުގެ ދެރަކްޢަތް ނަމާދު ކުރެއްވުމަށްފަހު އެކަލޭގެފާނުންގެ ޖަމަލުކޮޅަށް އަރައިވަޑައިގެން ނިޔަތް ގަންނަވައި ތަލްބިޔާ ވިދާޅުވާން ފެއްޓެވިއެވެ. މައްކާއަށް ވެދެވަޑައިގެންނެވެންދެން އިތުރު އެކަލޭގެފާނު ވަޑައިގަތީ ތަލްބިޔާ ވިދާޅުވަމުންނެވެ. ފަހަތްޕުޅުން އަޞްޙާބު ބޭކަލުންވެސް ތަލްބިޔާ ވިދާޅުވަމުން ގެންދެވިއެވެ. މިގޮތުން މައްކާއަށް ވެދެވަޑައިގެންނެވެންދެން އެކަލޭގެފާނު ގެންދެވީ ތަލްބިޔާ ވިދާޅުވަމުންނެވެ.

ކީރިތި ރަސޫލާ ޙައްޖުވެ ވަޑައިގަތްގޮތް:

ކީރިތި ރަސޫލާ މައްކާއަށް ވަޑައިގެން ކަޢުބަތު ﷲ ގެފުޅުގައި ހަތްބުރު ޖައްސަވައި ޠަވާފު ފުރިހަމަ ކުރެއްވިއެވެ. އަދި ޠަވާފުގެ ބުރުތަކުގައި ޙަޖަރުލް އަސްވަދަށް އިސްތިލާމު ކުރެއްވިއެވެ. އެއަށްފަހު މަޤާމް އިބްރާހީމުގައި ދެރަކްޢަތް ނަމާދު ކުރެއްވިއެވެ. އަދި ޒަމްޒަމް ފެންފޮދު ހިއްޕެވުމަށްފަހު ޞަފާ މަރުވާއަށް ވަޑައިގެން ސަޢުޔު ކުރެއްވިއެވެ. ދެން ޙައްޖުމަހުގެ އަށްވަނަ ދުވަހު މިނާއަށް ވަޑައިގަތެވެ. އެރޭ ރޭކުރެއްވީ މިނާގައެވެ. ނުވަ ވަނަދުވަހު ވަޑައިގަތީ ޢަރަފާތަށެވެ. އިރުމެދުން ފިލުމުން ޢަރަފާތަށް ވެދެވަޑައިގެން ނަމިރާގައި މެންދުރު ނަމާދާއި ޢަޞުރު ނަމާދު ކުރުކޮށް، އިސްކޮށް ޖަމާޢަކުރެއްވިއެވެ. އެއަށްފަހު އިސްލާމީ އުއްމަތާ މުޚާޠަބުވެ ވަޑައިގެން ވަރަށްފުރިހަމަ ޚުޠްބާއެއް ދެއްވެވިއެވެ. މިޚުޠުބާއަށް ކިޔަނީ ޚުޠުބަތުލް ވަދާޢުއެވެ. ޢަފަރާތްދުވަހު އިރުއެއްސުމުން އިތުރުއެކަލޭގެފާނު ޙައްޖުވެރިންނާއިގެން ޢަރަފާތުން ނިކުމެވަޑައިގެން މުޒްދަލިފާއާ ދިމާއަށް ކުރިމަތިލެއްވެވިއެވެ. މުުޒްދަލިފާއަށް ވަޑައިގެން މަޣުރިބުނަމާދާއި ޢިޝާނަމާދު ކުރުކޮށް ފަސްކޮށް ޖަމާ ކުރެއްވިއެވެ. ދެން ދިހަވަނަ ދުވަހުގެ ފަތިސްނަމާދު ކުރަށްވައިގެން މިނާއަށް ވަޑައިގަތެވެ. މިނާގައި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރެއްވިއެވެ. ތިންނަވަ ޖަމްރާއަށް ހިލަކޮޅު އުއްކަވައި ހަދިޔާއި ޤުރުބާނީ ކަތިލައްވަވައި އިސްތަށިފުޅު ބޭލުއްވެވިއެވެ. އަދި ހަމައެދުވަހު ޙަރަމްފުޅަށް ވަޑައިގެން ޙައްޖުގެ ފަރުޟު ޠަވާފު ކަމުގައިވާ ޠަވާފުލް އިފާޟާ ކުރަށްވައި ޙައްޖު ނިންމަވާލެއްވިއެވެ. މިނާއަށް އެނބުރިވަޑައިގެން މިނާގައި މަޑުކުރަށްވައި ތިންދުވަހު ތިން ޖަމުރާއަށް ހިލަ އުއްކެވިއެވެ. މިގޮތުން މައްކާގެ އެކިތަންތާގައި ދިހަދުވަސް ވެއަތު ކުރެއްވުމަށްފަހު ދެން މަދީނާއަށް އެނބުރި ވަޑައިގަތެވެ.  

ކީރިތި ރަސޫލާގެ ޙައްޖާބެހޭ ތަފްޞީލީ ޙަދީޘެއް:  

އިމާމު ޝާފިޢީއާއި އަޙްމަދާއި ބުޚާރީއާއި މުސްލިމާއި އެނޫންވެސް އެތަކެއް އިމާމުން މާތް ﷲ ރަޙްމަތްލެއްވި އިމާމު ޖަޢުފަރު އައްޞާދިޤު އެކަލޭގެފާނުންގެ ބައްޕާފުޅު އިމާމު ބާޤިރު (މުޙައްމަދު އިބްނިލް ޙުސައިން)ގެކިބައިން ރިވާކުރަށްވާފައިވެއެވެ. އިމާމު ބާޤިރު ވިދާޅުވިއެވެ. އެއްފަހަރަކު ތިމަންމެން ޖަމާޢަތެއްގެ މީހުން، މާތް ﷲ ރުއްސުންލެއްވި ޖާބިރުއިބްނި ޢަބްދުﷲގެއަރިހަށް ދިޔައިމެވެ. ތިމަންމެން އެކަލޭގެފާނުންގެ އަރިހަށް ޙާޟިރުވުމުން، ޖާބިރުގެފާނު ތިމަންމެންގެ ތެރެއިން ކޮންމެމީހަކާ ވަކިވަކިން ސުވާލުކުރަށްވައި ޙާލުއަޙްވާލު އައްސަވަމުން ގެންދެވިއެވެ. ދެން ތިމަންނާއާ ޖެހުމުން ތިމަންދެންނެވީމެވެ. ތިމަންނާއަކީ ޢަލީގެފާނުންގެދަރިކަލުން ޙުސައިންގެފާނުންގެ ކާފަދަރިކަލުން މުޙައްމަދު އިބްނިޢަލީއީމެވެ. މިއަޑު އައްސަވާފައި އެކަލޭގެފާނުންގެ އަރިހަށް ތިމަން ގެންދަވައި ތިމަންގެ ބޮލުގައި އަތްޕުޅު ފިރުމާލެއްވިއެވެ. ދެން ތިމަންގެ އިޙްރާމުގެ މަތީފޮށާގެ ދެކަންގަނޑު ނަންގަވައި މޭމަތިހާމަވުމުން ތިމަންގެ މޭމަތީގައި އަތްޕުޅު ފިރުމާލެއްވިއެވެ. އޭރު ތިމަންނާއަކީ ޅަކުއްޖަކީމެވެ. އަދި އޭރު އެކަލޭގެފާނަކީ ލޯފަން ބޭކަލެކެވެ. އެހިނދު ވިދާޅުވިއެވެ. އޭ ކޮއްކޮގެ ދަރިފުޅާއެވެ. ބޭނުން ކަމަކާމެދު ސުވާލުކުރާށެވެ. މިހެން ވިދާޅުވުމުން ތިމަން ބައެއް ސުވާލުތައް ދެންނެވީމެވެ. ތިމަންމެން އެތާ ތިއްބާ ނަމާދުގެ ވަގުތު ވަނުމުން، އެކަލޭގެފާނު އޮޅުއްވައިގެން ހުންނެވި ސާލުކޮޅާއެކު އަވަހަށް ތެދުވެވަޑައިގަތެވެ. އެކަލޭގެފާނުހުންނެވީ އެސާލުކޮޅުކޮނޑުފުޅު މަތީ އަޅުއްވައިގެންނެވެ. ސާލުކޮޅުގެ ކުޑަކަމާހުރެ އެއްކޮނޑުފުޅުގައި ބޭއްވެވޭއިރަށް އަނެއް ކޮނޑުފުޅު ހާމަވެދެއެވެ. އެހެންނާ އެކަލޭގެފާނުންގެ އަޞްލު ފޮށާކޮޅު އަރިހުގައިހުރި ހެދުންކޮޅުތައް ލައްވަވާ ކޮތަޅުކޮޅުގައި ފެންނާން އޮތެވެ. އެކަން އެކަލޭގެފާނު ހަނދުމަފުޅުނެތުނީކަން ނޭގެއެވެ. ދެން ވަޑައިގެން ތިމަންމެންނާއިގެން އިސްވެ ނަމާދު ކުރެއްވިއެވެ.  

ނަމާދުން ނިމިވަޑައިގަތުމުން ތިމަން ދެންނެވީމެވެ. رَسُولُ اللَّهِ  ޙައްޖު ވެވަޑައިގަތީ ކިހިނަކުންކަން ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ އެހިނދު އަތްޕުޅުން ނުވައެއްގެ ސޫރަ ދައްކަވާލެއްވިއެވެ. އެބަހީ رَسُولُ اللَّهِ  ޙައްޖަށް ވަޑައިނުގަންނަވާ ހިޖުރައިގެ ނުވަ އަހަރު ވަންދެން މަދީނާގައި މަޑު ކުރެއްވި ވާހަކައެވެ. ދެން ވިދާޅުވިއެވެ. رَسُولُ اللَّهِ  ޙައްޖަށް ވަޑައިނުގަންނަވާ ހިޖުރައިގެ ފަހުން ނުވަ އަހަރު ވަންދެން މަދީނާގައި މަޑު ކުރެއްވެވިއެވެ. ދެން ދިހަ ވަނަ އަހަރު އިތުރު އެކަލޭގެފާނު ޙައްޖަށް ވަޑައިގަންނަވާ ވާހަކަ މީސްތަކުންނަށް އަންގަވައި އިޢުލާން ކުރެއްވިއެވެ.

މި އުފާވެރި ޚަބަރު މީސްތަކުންނަށް ލިބިގެން رَسُولُ اللَّهِ ގެ އަރިހު، އެކަލޭގެފާނާއި އެއްގޮތަށް ޙައްޖުވުމުގެ އެދުމުގައި ގިނަބަޔަކު މަދީނާއަށް ޖަމާވެއްޖެއެވެ. މިގޮތުން ތިމަންމެން އެންމެން އެކަލޭގެފާނުންގެ އަރިހު މަދީނާއިން ދަތުރު ފަށައިގެން ޛުލްޙުލައިފާއަށް ދިޔައިމެވެ. ހަމަ އެދުވަހުން އަބޫ ބަކުރުގެފާނުންގެ އަނބިކަނބަލުން އަސްމާ ބިންތި ޢުމައިސް، މުޙައްމަދު އިބްނި އަބީ ބަކްރަށް ރައްކާވެ އިންނެވިއެވެ. ދެން އެކަމަނާ ޙައްޖުގެ ކަންކަން ކުރަށްވާނެ ގޮތާމެދު ސުވާލު ދެންނެވުމަށް رَسُولُ اللَّهِ  ގެ އަރިހަށް މީހަކު ފޮނުއްވެވިއެވެ. އެހިނދު އިތުރުއެކަލޭގެފާނު ޙަދީޘުކުރެއްވީ، އެކަމަނާ ނާނާފުޅު ފިއްލަވައިގެން ފޮތިގަނޑަކުން ރަނގަޅަށް ލޭބަންދު ކުރަށްވައިގެން އިޙްރާމް ބެންނެވުމަށެވެ. ދެން رَسُولُ اللَّهِ  ޛުލްޙުލައިފާ މިސްކިތުގައި ނަމާދު ކުރަށްވައިގެން، ސަވާރީއަށް އަރައި ވަޑައިގެން އިޙްރާމް ބެންނެވުމަށްފަހު، ސާވާރީ ތެދުކުރަށްވައި، ބައިދާއާދިމާއަށް ދަތުރު ފައްޓަވައިފިއެވެ. އޭރު ތިމަން ކަލޭގެފާނު އެކަލޭގެފާނާ ދިމާއަށް ކަޅި ހިންގަވާލީމެވެ. ހިނގާފައިދާ މީހުންނާއި ސަވާރީގައި ދާމީހުން ތިބީ އެކަލޭގެފާނު ވަށާލައިގެންނެވެ. ކަނާތްޕުޅު ފަރާތާއި ވާތްޕުޅު ފަރާތާއި ކުރިފުޅާއި ފަހަތްޕުޅުގައިވެސް ވަރަށްގިނަމީހުން ތިއްބެވެ. އިތުރު އެކަލޭގެފާނު ތިމަންމެނާއެކު އެހެރަ ހުންނެވީއެވެ. އެކަލޭގެފާނުންގެ މައްޗަށް އިރުއިރުކޮޅާ ޤުރުއާން ބާވައިލެއްވެނީއެވެ. އެއާޔަތްތަކުގެ މުރާދަކީ ކޮބައިކަން އެނގިވަޑައި ގަންނަވަނީ ވެސް ހަމަ އެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނު ޚުދް ވަޑައިގަތީ އެއާޔަތްތަކުން ނެރެވޭ ޙުކުމްފުޅުތަކަށް ޢަމަލު ކުރަށްވަމުން، އެކަންކަން ތިމަންމެނަށް އުނގަންނަވައި ދެއްވަމުންނެވެ. އެކަލޭގެފާނު ޢަމަލުކުރަށްވާ ކޮންމެ ކަމެއް ބަލައިގެން ތިމަންމެން ދިޔައީ އެގޮތަކަށް ޢަމަލު ކުރަމުންނެވެ. 

(ސަވާރީއަށް އަރައިވަޑައިގެން) އިތުރު އެކަލޭގެފާނު އިޙްރާމް ބަންނަވައި }لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ{ މިފަދައިން ތަލްބިޔާ ވިދާޅުވިއެވެ. މިއަޑުފުޅުގެ ދަށުން މީސްތަކުން ތަލްބިޔާ ކިޔަންފެށިއެވެ. ކީރިތިރަސޫލާ މީސްތަކުންނަށް އެކަން މަނައެއް ނުރަށްވަތެވެ. އަދި ތަލްބިޔާ ވިދާޅުވުމުގައި އިތުރު އެކަލޭގެފާނުވެސް ދެމި ހުންނެވިއެވެ. ޖާބިރުގެފާނު ވިދާޅުވެފައި ވެއެވެ. ތިމަންމެން ނިޔަތްގަތީ ހަމައެކަނި ސީދާ ޙައްޖަށެވެ. އޭރަކު ޙައްޖާއެކު ޢުމްރާ އޮންނަ ކަމެއް ތިމަންމެން ނުދަންނަމެވެ. ދެން ތިމަންމެން އިތުރު އެކަލޭގެފާނުގެ އަރިހުގައި ގެފުޅު ދޮށަށް އައިމެވެ. ޙަޖަރުލް އަސްވަދުގައި އަތްލައި ޠަވާފަށް ފެށީމެވެ. ފުރަތަމަ ތިން ބުރުގައި ކުޑަކޮށް ބާރަށްހިނގާފައި ރަމްލު ކުރަމުން ދިޔައިމެވެ. ފަހު ހަތަރުބުރުގައި ދިޔައީ އާދައިގެގޮތުގައި ހިނގާލާފައެވެ. އެއަށްފަހު އިތުރު އެކަލޭގެފާނު ސަލާމް ލެއްވި އިބްރާހީމުގެ ފާނުންގެ މަޤާމުދޮށަށް ކައިރިވެވަޑައިގެން }وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى{ މިފަދައިން ވިދާޅުވުމަށްފަހު، އެތާ ދެރަކްޢަތް ނަމާދުކުރެއްވިއެވެ. (މާނައީ: މާތް ﷲ މީސްތަކުންނަށް އަންގަވާފައި ވަނީ، އިބްރާހީމުގެފާނު އަޅުކަންކޮށް އުޅުއްވި ތަނުގައި ނަމާދު ކޮށް އަޅުކަން ކުރުމަށެވެ.) އޭރު މަޤާމު އިބްރާހީމުވީ އެކަލޭގެފާނާއި ގެފުޅާ ދެމެދުގައެވެ. އިމާމު ޖަޢުފަރު އައްޞާދިޤު ވިދާޅުވެފައި ވެއެވެ. ތިމަންގެ ބައްޕާފުޅު ވިދާޅުވެފައިވަނީ، އެކަލޭގެފާނަށް ޚުދް رَسُولُ اللَّهِ ގެ އަރިހުން ޚަބަރު ލިބިވަޑައިގެންފައިވަނީ، އިތުރު އެކަލޭގެފާނު މިނަމާދުގައި ކިޔަވާ ވިދާޅުވިކަމަށް ވަނީ، އަލްޙަމްދާއެކު ކާފިރޫނަ ސޫރަތާއި އިޚްލާޞް ސޫރަތް ކަމަށެވެ. އަނަސްގެފާނު ވިދާޅުވެފައިވެއެވެ. އެއަށްފަހު ޙަޖަރުލްއަސްވަދު ދޮށަށް ވަޑައިގެން އިސްތިލާމް ކުރެއްވުމަށްފަހު ދެން ވަޑައިގަތީ ޞަފާއާ ދިމާއަށެވެ. ޞަފާ ދޮށަށް ވަޑައިގެންނެވުމުން ޤިބުލައަށް ކުރިމަތިފުޅު ލައްވަވައިގެން ހުންނަވާ އަންނަނިވި އާޔަތް }إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ{ ވިދާޅުވިއެވެ. (މާނައީ: ހަމަކަމަށަވަރުން ޞަފާއާއި މަރުވާއަކީ މާތް ﷲ ޙުރުމަތްތެރި ކުރަށްވާފައިވާ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެވެ.) ދެން }أَبْدَأُ بِمَا بَدَأَ اللَّهُ بِهِ{ މިފަދައިން ވިދާޅުވިއެވެ. (މާނައީ: މާތް ﷲ އެއިލާހުގެ ވަޙީ ބަސްފުޅުގައި ފަށްޓަވާފައި އޮތް ގޮތަށް ތިމަންވެސް ފަށްޓަވަމެވެ.) އެއަށްފަހު ޞަފާއަށް އަރާވަޑައިގެން ޤިބުލައަށް ކުރިމަތިފުޅު ލައްވަވައިގެން ހުންނަވާ ﷲގެ އެއްކައުވަންތަކަން ބަޔާން ކުރަށްވަމުން، ތަކްބީރު ވިދާޅުވެ، މިފަދައިން ވިދާޅުވިއެވެ. }لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ اْلأَحْزَابَ وَحْدَهُ{ (މާނައީ: އެއްކައުވަންތަ ﷲ ފިޔަވައި ޙައްޤު އެހެން އިލާހަކު ނުވެއެވެއެއިލާހަށް ޝަރީކަކު ނުވެއެވެހުރިހާ ތަކެއްޗެއް މިލްކުވެ ވޮޑިގެންވަނީ އެއިލާހަށެވެ. އެންމެހައި ޙަމްދުޘަނާ ޙައްޤުވެގެންވަނީ ހަމަ އެއިލާހަށެވެއެއިލާހުވަނީ ހުރިހާތަކެއްޗެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންނެވެ. އެއްކައުވަންތަ ﷲ ފިޔަވައި އެހެން ޙައްޤު އިލާހަކު ނުވެއެވެއެއިލާހުގެ ވަޢުދުބަސްފުޅަކީ ތެދުބަސްފުޅުކަން ސާބިތު ވެއްޖެއެވެއަދި އެއިލާހުގެ އަޅާއަށް ނަޞްރު ލިބިއްޖެއެވެއިދިކޮޅު އެންމެހައި ޖަމާޢަތްތައް ބަލިކުރެވިއްޖެއެވެ.) ދެން އެކަލޭގެފާނު މިދުޢާފުޅު ތިން ފަހަރުމަތިން ވިދާޅުވިއެވެ. ޞަފާ އިން ފައިބައި ވަޑައިގެން، ހާމަ ބިމަށް ވަޑައި ގެންނެވުމުން، ދެފަރުދަ ދޭތެރޭ ސަޢީ ކުރެއްވިއެވެ. އެބަހީ ބާރަށް ވަޑައިގަތެވެ. މަރްވާއަށް ވަޑައިގެންވެސް އެތަނަށް އަރައިވަޑައިގެން، ޞަފާގައި ޢަމަލުކުރެއްވިފަދައިން ކަންތައްތައްކުރެއްވިއެވެ. މިގޮތަށް ހަތްބުރު ޖެއްސެވިއެވެ. ފަހުބުރުން ނިމިވަޑައިގަތީ މަރުވާއަށެވެ. ދެން ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނު ޙައްޖުގައި ޢަމަލު ކުރަށްވާފައި މިއޮތް ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ކުރަށްވަން އޮތްނަމަ ތިމަން ކަލޭގެފާނު ހަދްޔު ނުގެންނެވީހެވެ. އަދި ނިޔަތް ގެންނެވީހީ ޢުމްރާއަކަށެވެ. ތިޔައިގެ ތެރެއިން ތިމާއާއެކު ކަތިލާނެ ހަދްޔު ނުގެންނަ މީހާ، ތަޙައްލުލު ވެލައިގެން އިޙްރާމް ކަނޑާލާށެވެ. އަދި ތިމާގެ ޙައްޖު ޢުމްރާއަކަށް ބަދަލުކޮށްލާށެވެ. މިއަޑުފުޅު އައްސަވާފައި ސުރާޤާ އިބްނި މާލިކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! މިގޮތަށް މިކަން އޮންނަނީ ހަމައެކަނި މިއަހަރަށް ތޯއެވެ؟ ނުވަތަ ދާއިމަށްތޯއެވެ؟ އެހިނދު رَسُولُ اللَّهِ  އެކަލޭގެފާނުންގެ ދެއަތްޕުޅުގެ އިނގިލިފުޅުތައް މަހާލެއްވުމަށްފަހު ޙަދީޘު ކުރެއްވިއެވެ. ނޫނެކެވެ. އެއީ ތާއަބަދަށް ކަނޑައެޅިފައި އޮތް ގޮތެވެ. އަދި އެގޮތަށް ކުރެވޭ ޙައްޖުގައި، ޢުމްރާއާއި ޙައްޖާއި ދެއަޅުކަން އެބަކުރެވެއެވެ.  

(ރާވީ ވިދާޅުވެފައި ވެއެވެ.) އެދަތުރުފުޅުގައި ޢަލީގެފާނު ޔަމަނަށް ވަޑައިގެންފައި رَسُولُ اللَّهِ  އަށް ޓަކައި ޖަމަލުތަކެއް ގެންނެވިއެވެ. ވަކިން ޢުމްރާ ކުރަށްވައިގެން ތަޙައްލުލުވެ ވަޑައިގަތް ބޭކަލުންގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި ފާޠިމަތުގެފާނު ވެސް ހިމެނި ވަޑައިގެންނެވިއެވެ. އެކަމަނާވެސް ރީތި ހެދުންކޮޅު ތުރުކުރަށްވައިގެން ހުވަނދާއި އަނދުންކޮޅު ތުރުކުރެއްވެވިއެވެ. މިމަންޒަރު ދެކެވަޑައިގެން ޢަލީގެފާނު އެކަމާ ރުހިވަޑައިނުގެން، އެކަން އެގޮތަށް ނުކުރެއްވުމަށް އެންގެވިއެވެ. އެހިނދު އެކަމަނާ ވިދާޅުވީ، އެއީ އެކަމަނާއަށް ކަންކުރަން ބައްޕާފުޅު އެންގެވި ގޮތްކަމަށެވެ. ޖާބިރުގެފާނު ވިދާޅުވެފައި ވެއެވެ. ޢިރާޤުގައި ހުންނެވި ދުވަސްވަރު މިމައްސަލަ ނެގިގެން އެކަމާ ވާހަކަފުޅު ދައްކަވަމުން ޢަލީގެފާނު ވިދާޅުވެފައި ވެއެވެ. އެދުވަހު ފާޠިމުގެފާނުންގެ ޖަވާބުއައްސަވާފައި ހިތްޕުޅާ ހަމަނުކުރަށްވައި رَسُولُ اللَّهِ  ގެ އަރިހަށް ތިމަން ދިޔައިމެވެ. އެއީ އެކަމަނާގެ ކުށަށް ކޮންމެވެސް ވަރެއްގެ އަދަބެއް ދެއްވާތޯއާއި އެމައްސަލާގެ ޙުކުމަކީ ކޮބައިތޯ ބެއްލެވުމުގެ ގޮތުންނެވެ. އެހިނދު އެކަމަނާ ވިދާޅުވި ބަސްފުޅު ހަމަ އެވިދާޅުވި ގޮތަށް އިތުރު އެކަލޭގެފާނުންގެ އަރިހު ތިމަން ދެންނެވީމެވެ. އަދި އެއާމެދު ތިމަން ކަލޭގެފާނު އިންކާރު ކުރެއްވި ކަމަށްވެސް ދެންނެވީމެވެ. رَسُولُ اللَّهِ ޙަދީޘުކުރެއްވީ، ފާޠިމާ އެބުނީ ތެދެއް ކަމަށެވެ. ހަމަ ތެދެއްކަމަށެވެ. އަދިވެސް ޙަދީޘު ކުރެއްވިއެވެ. އޭ ޢަލީއެވެ! ނިކަން ޙައްޖަށް ނިޔަތް ގަތްގޮތް ބުނެދީބަލާއެވެ. ޢަލީގެފާނު ވިދާޅުވީ، ތިމަން ދެންނެވީމެވެ. ތިމަންމިގޮތަށް ނިޔަތްގަނެ، މިފައިން ކީމެވެ. }اللَّهُمَّ إِنِّي أُهِلُّ بِمَا أَهَلَّ بِهِ رَسُولُكَ{ (މާނައީ: އޭ ﷲ! ތިމަން ނިޔަތް މިގަންނަނީ ތިޔަ އިލާހުގެ ނަބިއްޔާ ނިޔަތް ގެންނެވި ގޮތަށެވެ.) އެހިނދު އިތުރު އެކަލޭގެފާނުން ޙަދީޘު ކުރެއްވިއެވެ. ޢަލީއަށްޓަކައިވެސް ތިމަން ކަލޭގެފާނު ހަދުޔު ކަނޑައެޅުއްވީމެވެ. ވުމާއެކު އިޙްރާމް ނުކަނޑާ އެކަމުގެ މަތީ ދެމިހުންނާށެވެ. ޖާބިރުގެފާނު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާއަށް ޓަކައި ހަދްޔުގެ ގޮތުގައި، ޢަލީގެފާނު ޔަމަނުން ގެންނެވި ޖަނަވާރުތަކާއި ކީރިތި ރަސޫލާ މަދީނާއިން ގެންނެވި ޖަނަވާރުތައް ލައިގެން، މުޅިއެކު ސަތޭކަ ޖަމަލު އިތުރު އެކަލޭގެފާނުންގެ އަތްޕުޅުގައި ހުރިކަމަށް ވެއެވެ. ކޮންމެއަކަސް ކީރިތި ރަސޫލާގެ އަމުރުފުޅަށް (ހަދުޔު ނުގެންނަ) އެންމެން އިޙްރާމު ކަނޑައި ތަޙައްލުލުވެ، ބޯ ކޮށާލައިފިއެވެ. އެހަނަސް رَسُولُ اللَّهِ  އާއިއެކު، ތިމާމެން ކަތިލާނެ ހަދްޔު ގެންނެވި އަޞްޙާބު ބޭކަލުން ތިއްބެވީ އިޙްރާމް މަތީގައެވެ.

(ނުނިމޭ)

މިއަދު އޮންލައިން