އަނބިމީހާ އެހެން ފިރިހެނަކަށް ބަލިވެއިނދެއްޖެ ނަމަ ވަރިވާންޖެހޭނެ! ޒިނޭ ސާބިތުވުމުން ވަރިކުރަންވެސް ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަނބިމީހާ އެހެން ފިރިހެނަކަށް ބަލިވެއިނދެއްޖެ ނަމަ ވަރިވާންޖެހޭނެ! ޒިނޭ ސާބިތުވުމުން ވަރިކުރަންވެސް ޖެހޭނެ!

އަނބިމީހާއަށް ޒިނޭކުރެވި އެހެން ފިރިހެނަކަށް ބަލިވެ އިނދެއްޖެ ނަމަ ފިރިމީހާ ގާތުން ވަރިވާން ޖެހޭނެއެވެ. ކުރެވުނު ފާފައަށް ތައުބާވާންޖެހޭނެއެވެ. ބަނޑު ޠޯހިރުކުރުމަށްފަހު ދެމީހުން ރުހޭނަމަ އަލުން ކައިވެނި ކުރެވިދާނެއެވެ. 

ފިރިމީހާ ގާތު ބުނުމާއި ނުބުނުމުގެ އިޚްތިޔާރު އަނބިމީހާއަށް ލިބިގެންވެއެވެ. ނަމަވެސް ސިއްރުކޮށް ދަރީގެ އަސްލު އޮޅުވައިލުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެމީހަކަށް އެކަމުގެ ޢަޛާބު ދެއްވަވާނެތެވެ. 

ހަމައެފަދައިން އަނބިމީހާގެ ކިބައިން އެފަދަ ކަމެއް ސާބިތުވެއްޖެ ނަމަ، އަނބިމީޙާ ދެކެ ކިތަންވަރަކަށް ލޯބިވީ ނަމަވެސް ވަރިކުރަންވެސް ޖެހޭނެއެވެ. ބަނޑު ޠޯހިރުކުރަން ފުރުޞަތުދޭންޖެހޭނެއެވެ! އެކަން ކުރުވަންްވާނެއެވެ. ވަރިނުކޮށް ދަރި ބަލައިގަނެ ދަރިފުޅުގެ އަޞްލު އޮޅުވައިލުމަކީ ފިރިމީހާ ވެސް ފާފަވެރިވާނެ ކަމެކެވެ. 

ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ފާފައެކެވެ. ފިރިމީހާ ވެސް އަނބިމީހާވެސް އަދި އެއްވެސް މީހަކު ޒިނޭކޮށްގެން ނުވާނެއެވެ. ޒިނޭކުރެވިއްޖެނަމަ ފުރިހަމަ ތައުބާއަކުން ތައުބާވާން ޖެހޭނެއެވެ! 

ފުރިހަމަ ތައުބާވުމުގެ ޝަރުޠުތަކުގެ ތެރޭގައި ކުރެވުނު ފާފައާއިމެދު ހތާމަކުރުން، ފާފަފުއްސެވުން އެދި ދެންނެވުން އަދި އިތުރަށް ފާފަ ނުކުރުމަށް ޢަޒުމް ކަނޑައެޅުން ފަދަ ކަންކަން ހިމެނިގެންވެއެވެ. ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! ތައުބާ ނުވެވި ހއްޓައި މަރުވެއްޖެ ނަމަ އެފުރުޞަތު ދާނީ ގެއްލިގެންނެވެ. 

(މިއީ އަންހެނަކު ހިލޭ ފިރިހެނަކަށް ބައިލެއިނދެ ވިހައި އަދި އެކަން ފިރިމީހާއަށް އެނގޭއިއރުވެސް ވަރިނުކޮށް ދަރިފުޅާއި ވެސް ޙަވާލުވެ އެކުގައި ދިރިއުޅޭކަމުގެ ތުހުމަތުގައި އެކަމުގެ ޙުކުމް އޮޅުން ފިލުވަން ކިޔުންތެރިއަކު ފޮނުވި ސުވާލަކަށް ޝައިޚް އިބްރާހީމް ފަރީދު އަހްމަދު ދެއްވި ޖަވާބެވެ!)

މިއަދު އޮންލައިން