ޙައްޖު މަހުގެ ފުރަތަމަ ދިހައިގެ 44 ފައިދާ! (2): ޝައިޚް ޝާފިޢް

މިއަދު
ކިޔުމަށް ހޭދަވާނީ 12މ 13ސ
ޙައްޖު މަހުގެ ފުރަތަމަ ދިހައިގެ 44 ފައިދާ! (2): ޝައިޚް ޝާފިޢް

11- މި ދިހަ ދުވަހުގެ މާތްކަމުގެ ތެރެއިން ވެއެވެ. އެދުވަސްތަކުގެ ތެރޭގައި ޢަރަފާތު ދުވަސް ހިމެނިގެންވެއެވެ. އެދުވަހަކީ ﷲ ތަޢާލާ ދީން ފުރިހަމަކުރެއްވި ދުވަހެވެ. އެދުވަހަކީ ﷲ ތަޢާލާ މުސްލިމުންގެ މައްޗަށް އިސްލާމްދީނުގެ ނިޢުމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا (المائدة 3 )

މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 44 فائدة في عشر ذي الحجة (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ) ގެ ތަރުޖަމާ= 

12- ޙައްޖުގެ އެންމެ ބޮޑު ދުވަސް، ނަޙްރުގެ ދުވަސް (ކަތިލުމުގެ ދުވަސް) އެ ދުވަސްތަކުގެ ތެރޭގައި ހިމެނިގެންވުން މި ދިހަ ދުވަހުގެ މާތްކަމުގެ ތެރެއިން ވެއެވެ. އެއީ ﷲ ގެ ޙަޟްރަރުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދުވަހެވެ. ޙަދީޘްގައިވާ ފަދައިންނެވެ.
((
إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَومُ الْقَرِّ)) [رواه أبو داود 1765وصححه الألباني في صحيح أبي داود]
މާނައީ: “ހަމަކަށަވަރުން ﷲ ތަބާރަކަ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދުވަހަކީ ނަޙްރުގެ ދުވަހެވެ. އޭގެ ފަހުގައި ޤަރާރުވާ ދުވަހެވެ.”

(ޤައްރުގެ ދުވަސް ނުވަތަ ޤަރާރުވާ ދުވަހަކީ ނަޙްރުގެ ދުވަހުގެ ފަހުގައި އަންނަ ދުވަހެވެ. އެދުވަހަށް ޤަރާރުވާދުވަހޭ ކިޔުނީ އެދުވަހުގައި މީސްތަކުން މިނާގައި ޤަރާރުވާކަމަށްޓަކައެވެ. އެއީ ޠަވާފުލް އިފާޟާކުރުމާއި ހަދްޔު ކަތިލުމަށްފަހުގައެވެ. އޭގެ ފަހުގައި އެބައިމީހުން މިނާގައި ހަމަޖެހި އަރާމުކުރެއެވެ.) 

13- މިދިހަ ދުވަހުގައި ހެޔޮ ޢަމަލުކުރުން ޙައްޖުވެރިން ފިޔަވައި އެހެނިހެން މީސްތަކުންނަށް މާތްވެގެންވަނީ މި ހެޔޮޢަމަލުތައް ކުރުން ޝަރުޢުވެފައިވާ ޒަމާނުގެ(ވަގުތުގެ) މާތްކަމުގެ ސަބަބުންނެވެ. އަދި ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޙައްޖުވާ ޙައްޖުވެރީންނަށް މި ހެޔޮ ޢަމަލުތައްކުރުން ޝަރުޢުވެރިފައިވާ ވަޤުތާއި(ޒަމާނާއި) ތަން މިދެކަން ޖަމާވެގެންވެއެވެ. 

14- ސަލަފުއްޞާލިޙުން رحمهم الله އެކި އެކި ބާވަތްތަކުގެ ހެޔޮކަންތައްތަކުން މިދުވަސްތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް އެބޭކަލުން ވީހައިވެސް ބޮޑަށް ފަރުވާތެރިވާކަމުގައި ވިއެވެ. އަދި އެބޭކަލުން މި ދުވަސްތައް ނުހަނު ބޮޑަށް މަތިވެރިކުރައްވާކަމުގައި ވިއެވެ. ސަޢީދު ބިން ޖުބައިރު رحمه الله ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގައި ހެޔޮ ޢަމަލުތައް ކުރުމުގައި ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އޭނާއަށް ކުޅަދާނަވެގެންނުވާ ވަރު ވެއްޖައުމަށް ދަންދެނެވެ. އަދި އެދިހަ ރޭގައި އަޅުކަންކުރުމުގެ މައްޗަށް އޭނާ ބާރުއެޅުއްވިއެވެ. ވިދާޅުވާކަމުގައިވެއެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަރޭގައި ތިޔަބައިމީހުންގެ ބައްތިތައް ނިއްވާނުލާށެވެ.”

އަބޫ އުޘްމާނު އައްނަހްދީ ވިދާޅުވިއެވެ.

އެބޭކަލުން ތިން ދިހައެއް މަތިވެރިކުރައްވާކަމުގައިވެއެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައަކާއި ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައަކާއި މުޙައްރަމް މަހުގެ ފުރަތަމަ ދިހައެކެވެ." 

15- މުސްލިމު އަޅާގެ މައްޗަށްވަނީ މި ދިހަދުވަސް ލިބިގަތުމަށްޓަކައި ރެއާއި ދުވާލު އަޅުކަމުގަޔާއި ހެޔޮ ޢަމަލުގައި ﷲ އަށް ކުއްތަންވުމުގައި އޭނާގެ ވަޤުތުތައް ހޭދަކުރުމެވެ. ރަމަޟާންމަހުގައި ﷲ އަށް ކިޔަމަންގަތުމާއި ހެޔޮ ޢަމަލުކުރުމުގައި ގަދައަޅާ މަސައްކަތްކުރުމުގެ ޝަޢުޤުވެރިކަމާއި ފޯރި ހުރެފައި މި ދުވަސްތަކުގައި އަހަރެމެން ކަންނެތްވެ ފަރުވާކުޑަކުރެވޭކަމީ ޢަޖާއިބުވާންޖެހޭ ކަމެކެވެ. އެހެނީ މި ދުވަސްތަކަކީ މިދުވަސްތަކުގައި ހެޔޮޢަމަލު ކުރުން ﷲ ގެ ޙަޟްރަތުގައި ރަމަޟާންމަހުގެ ދުވަސްތަކަށްވުރެ ބޮޑަށް މާތް ދުވަސްތަކެކެވެ. 

16- މި ދިހަ ދުވަހުގައި، ނިދުމާއި، ބޭކާރުވާހަކަ ދެއްކުމާއި، ފިލްމުތަކާއި ޗެނަލްތައް ބެލުމާއި، ސޯޝަލް މީޑިޔާގައި ވަގުތު ހޭދަކޮށް، ބޭކާރު ކުރުމާމެދު ފަރުވާތެރިވާށެވެ. ހަމަކަށަވަރުން މި މޫސުމަކީ މީ އަނބުރާ ނުލިބޭނެ އަގުބޮޑު ފުރުޞަތެކެވެ. 

17- މި ދުވަސްތަކުގައި ކުރުން އެންމެ މާތްވެގެންވާ ޢަމަލަކީ މަބްރޫރު ޙައްޖެއްކުރުމެވެ.
((
وَالحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّةُ)) [متفق عليه]

މާނައީ: “އަދި މަބްރޫރު ޙައްޖެއް ވެއްޖެމީހަކަށް ސުވަރުގެ ފިޔަވާ އެހެން ޖަޒާއެއް ނުވެއެވެ.”
ޚާއްޞަ ގޮތެއްގައި ޙައްޖަކީ ފަރުޟު ޙައްޖަކަށްވާނަމައެވެ. މަބްރޫރު ޙައްޖަކީ އެއީ އެންމެ ފުރިހަމަ ގޮތުގައި ވެވޭ ޙައްޖެވެ. ޙައްޖުގެ ވާޖިބުތައް އަދާކުރުމާއެކު އެންމެހާ ޙަރާމްކަންތައްތަކުން ދުރުހެލިވެ ހުރެ ކުރާ ޙައްޖެވެ. މީސްތަކުންނަށް އިޙްސާންތެރިވުމާ، ސަލާމް ފެތުރުމާ، ފަޤީރުންނަށް ކާންދިނުމާއި، ގިނަގިނައިން ޛިކުރުކުރުމާއި އަޑުހަރުކޮށް ތަލްބިޔާ ގިނަގިނައިން ކިޔުމާއި ހަދްޔުކަތިލުންވެސް މީގެ ތެރޭގައި ހިމެނެއެވެ. (ލަޠާއިފުލް މަޢާރިފު – އިބްނު ރަޖަބު ޞ 264 އަދި ފަތުޙުލް ބާރީ – އިބްނު ރަޖަބު 9/14) 

18- މި ދިހަ ދުވަހުގައި ހުރިހާ ވަޤުތެއްގައި ހުރިހާ ޙާލަތެއްގައި، ކޮޅަށް ހުންނައިރުގައްޔާއި އިށީނދެ އިނދެގެންނާއި އޮށޯވެ އޮވެގެންނާއި، ސަވާރީގައި ދަތުރުކުރާ އިރުގައާއި ހިނގާފައި އުޅޭއިރު ވެސް، ގިނަގިނައިން ﷲ މަތިން ހަނދުމަކުރުން (ﷲ އަށް ޛިކްރުކުރުން) ސުންނަތްވެގެންވެއެވެ. 

19- އަދި ތަކުބީރު ކިޔުމާއި ތަހުލީލު ކިޔުމާއި ތަޙްމީދު ކިޔުން އިތުރު ކުރުން ހިމެނެއެވެ.
((
فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيْلِ وَالتَّكْبِيْرِ وَالتَّحْمِيْدِ)) [رواه الإمام أحمد 5446 وصححه محققو المسند]

މާނައީ: “އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލު ކިޔުމާއި ތަކުބީރު ކިޔުމާއި ތަޙްމީދު ކިޔުން ގިނަކުރާށެވެ.”

ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ޙުރުމަތްތެރިވެގެންވާ ގެގުޅަށް ޙައްޖުވުމަށް އަންނަ ޙައްޖުވެރިންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ) (ސޫރަތުލް ޙައްޖު: 28)

މާނައީ: “އެއީ އެބައިމީހުންނަށް ހުރި(ދީނާއި، ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުޅުމަށެވެ. ނަޢަމުސޫފީގެ ނިޢުމަތް އެބައިމީހުންނަށް ދެއްވިކަމަށްޓަކައެވެ. 

20- ތަކުބީރު، ތަސްބީޙަ، ތަޙްމީދު އަދި ތަހުލީލަކީ ދެމި ހުންނަނިވި ހެޔޮ ޢަމަލުތަކެވެ. އަދި އެއީ ސުވަރުގޭގެ ހުސްތަނުގައި އިންދޭ ބަގީޗާ (ގަސް) ތަކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތަކެވެ. އަދި އެއީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އިރު އޭގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތަކެކެވެ. އަދި މި ދުވަސްތަކުގައި ޛިކްރު ކުރާއިރު އަޑުހަރުކުރުން އައުލާވެގެންވެއެވެ. އެއީ ކޮޅަށް ހުރެގެންނާއި އިށިއިނދެ ތިބެގެން، ސަވާރީގަޔާއި ހިނގާފައި އުޅޭ އިރު، ގެތަކުގަޔާއި މަގުތަކުގައި އަދި މިސްކިތްތަކުގަޔާއި މަގުތަކުގައި އަދި ބާޒާރުތަކުގަޔާއި މަސައްކަތްކުރާ މައިދާންތަކުގައިވެސް ޛިކްރުކުރާ އިރުވެސް މެއެވެ. 

21- މުސްލިމުންގެ ތެރެއިން ކަމުވޮށިގެންވާމީހުންނާއި ޢާއްމުންވެސް، މީހުން އެއްވެއުޅޭ ތަންތަނުގަޔާއި ޙަފްލާތަކުގައި އަދި ގެތަކުގައި ތަކްބީރު ކިޔުން އެދެވިގެންވެއެވެ. އަދި އެކިއެކި ތަންތަނަށް އަޑުފޯރުކޮށްދޭ އެކިއެކި ވަސީލަތްތައް ބޭނުންކުރުން (ބްރޯޑްކާސްޓުކުރުން) ވެސް އެއީ އެއްވެސް މައްސަލައެއް އޭގައި އޮތްކަމެއް ނޫނެވެ. 

22- އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުއާއި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހުގައި، ބާޒާރު މައްޗަށް ނުކުމެވަޑައިގެން ތަކްބީރުވިދާޅުވެއެވެ. އަދި މީސްތަކުންވެސް އެދެބޭކަލުން ތަކުބީރު ކިޔާ އަޑު އިވުމުން ތަކުބީރު ކިޔައެވެ. ތާބިޢީންގެ ތެރެއިން މައިމޫން ބިން މަހްރާން ވިދާޅުވިއެވެ.

ޙައްޖުމަހުގެ ދިހަ ދުވަހުގައި މީސްތަކުން ތަކުބީރު ކިޔަނިކޮށް އަހުރެން ދުށީމެވެ. އެމީހުން ތަކުބީރު ކިޔާލެއް ގިނަކަމުން އަހުރެން އެކަންތައް އެއްގޮތްކުރީ (މިސާލުޖެހީ) ރާޅުންނެވެ. (އެބަހީ ގިނަކަމުގައި ކަނޑުގެ ރާޅުތައް ފަދައެވެ.)” 

23- މި ދުވަސްތަކުގައި ކިޔާ ތަކުބީރާއެކު އަހަރެމެންގެ ހިތަށް ގެނެސްގަންނަނީ ﷲ ގެ ނަޞްރު ކައިރިވެފައިވާކަމުގެ އުފާވެރި ޚަބަރެވެ. ޚައިބަރު ފަތަޙަވެގެންދިޔައީ ތަކުބީރުންނެވެ. އަދި އެހެނިހެން ތަންތަންވެސް ތަކުބީރުން ފަތަޙަވެގެން ދެއެވެ. ﷲ ގެ އިޛުނަފުޅާއެކު ތަކުބީރުން ޢަދުއްވުން ބަލިވެގެން ދެއެވެ.

24- މިދުވަސްވަރުގައި ކިޔުމަށް ޝަރުޢުވެފައިވާ ތަކުބީރުގެ ދެވައްތަރެއް ވެއެވެ. އެއީ މުޠްލަޤުގޮތެއްގައި ކިޔުމަށްވާރިދުވެފައިވާ ތަކުބީރާއި މުޤައްޔަދުކުރެއްވިފައިވާ ތަކުބީރެވެ. މުޠުލަޤު ތަކުބީރަކީ ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ ތެރޭގައި ކިޔުމަށް ވާރިދުވެފައިވާ ތަކުބީރެވެ. އެތަކުބީރު ނެމޭނީ އައްޔާމުއްތަޝަރީޤުގެ ފަހު ދުވަސް ނިމުމާ އެކުގައެވެ. އަދި މި ތަކުބީރަކީ ހުރިހާ ވަޤުތެއްގައި ހުރިހާ ޙާލަތެއްގައި ހުރިހާ ތަނެއްގައި، ޛިކްރު ކުރުން ހުއްދަ ކޮންމެ ތަނެއްގައި ކިޔުމަށް އައިސްފައިވާ ތަކުބީރެކެވެ. އަދި މި ތަކުބީރު ސުންނަތްވެގެންވަނީ އަޑުއަހަރުކޮށް ކިޔުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ (ސޫރަތުލް ޙައްޖު:28) މާނައީ: އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުޅުމަށެވެ. ނަޢަމުސޫފީގެ ނިޢުމަތް އެބައިމީހުންނަށް ދެއްވިކަމަށްޓަކައެވެ."

25- މުޤައްޔަދު ތަކްބީރަކީ ހަމައެކަނި ފަރުޟު ނަމާދުތަކުގެ ފަހުގައި ކިޔުމަށް ވާރިދުވެފައިވާ ތަކްބީރެވެ. މި ތަކުބީރު ޙައްޖުވެރިން ނޫން މީހުންނަށް ފެށެނީ ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ (ޢަރަފާތު ދުވަހުގެ) ފަތިހުން ފެށިގެންނެވެ. އަދި ޙައްޖުވެރިޔާއަށް ޢީދު ދުވަހުގެ މެންދުރުން ފެށިގެންނެވެ. ދެމީހުންނަށްވެސް މި ތަކުބީރު ނިމޭނީ އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރަށް ފަހުގައެވެ.

26- މުޠްލަޤު އަދި މުޤައްޔަދު ތަކްބީރުގެ ވަޤުތު ބަޔާންކުރުމުގައި އޭގެ އަސްލަކަށް ބަލަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނާއި ސަލަފުންގެ ކިބައިން ވާރިދުވެފައިވާ އެކއެކި އަޘަރުތަކެވެ. މިދެންނެވި އަޘަރުތަކުގައި ތަކުބީރުކިޔުމަށް ވާރިދުވެފައިވާ ސީޣާތަކުގެ ތެރެއިން އެންމެ މަޝްހޫރު ސީޣާ އަކީ،
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَهَ إِلَّا اللهُ، وَ اللهُ أَكْبَرُ، اللهُ أَكْبَرُ، وَللهِ الْـحَمْدُ
އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އަދި ހުރިހާ ޙަމްދު ތަޢުރީފާ ޘަނާ މިލްކުވެގެންވަނީ ހަމައެކަނި ﷲ އަށެވެ.”
ވާރިދުވެފައިވާ ސީޣާއިން ނޫން އެހެން ސީޣާއަކުން ތަކުބީރު ކީ ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިކަން ތަނަވަސްވެގެންވެއެވެ.

(ނުނިމޭ)

މިއަދު އޮންލައިން