މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރު ކުރިއަށްގެންދަނީ އޮންލައިކޮށް ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ކަމަށް މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވައިފިއެވެ.
ރިހެބިލިޓޭޝަން ފްރޭމްވޯރކްގެ ތެރެއިން އެކި މަރުހަލާތަކުގައި ޤައިދީންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ޚިދުމަތް ޤައިދީންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލުމަށްފަހު މި ގޮތަށް ކުރިޔަށް ގެންދަން ފެށީ، 05 ޖުލައި 2020 އިން ފެށިގެންނެވެ.
ރިހެބިލިޓޭޝަންގެ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިދިނުމުގެ 12 ޕްރޮގްރާމެއް ގެންގޮސްފައިވާކަމަށް މިނިސްޓްރީގެ ފަރާތުން މަޢުލޫމާތުދެއްވައެވެ. ހަމައެހެންމެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން 11:00 އަށް ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޤައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަންގަވައި ދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡުންނެވެ. މިގޮތަށް ކުރިއަށް ގެންދާ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ ޢަޤީދާ އާއި ފިޤްހާއި މުޢާމަލާތާއި އަޚްލާޤުގެ ބައިތަށް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކުރައްވައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕުރޮގުރާމަކީ ދިވެހިރާއްޖޭގެ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ހިންގުމަށް ލާޒިމްކުރާ ޙަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޕުރޮގުރާމެކެވެ.
މި ޕުރޮގްރާމު ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ޙުކުމް ތަންފީޛު ކުރުމަށް ޖަލުގައި ބަންދުކުރެވޭ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމުގެ ކުރިން އެ މީހުންނަކީ މުޖުތަމަޢު ބަލައިގަންނަ، ބޭނުންތެރި ބަޔަކަށް ހެދުމާއި، އެމީހުން މުޖުތަމަޢުއަށް ނިކުތުމަށްފަހުގައި އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާނެ ޢިލްމާއި ފަންނާއި ހުނަރު ދަސްކޮށްދިނުމެވެ.