ސަރުކާރުގެ އެހީ އާ ޚަރަދުގަ ބޭރު ޤައުމުތަކުގަ ސޯޅަ ސަތޭކައަސްވުރެ ގިނަ ދަރިވަރުން ގެންދަނީ ކިޔަވަމުން!: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ސަރުކާރުގެ އެހީ އާ ޚަރަދުގަ ބޭރު ޤައުމުތަކުގަ ސޯޅަ ސަތޭކައަސްވުރެ ގިނަ ދަރިވަރުން ގެންދަނީ ކިޔަވަމުން!: ރައީސް

ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރަން ދޫކުރާ ލޯނު އެހީގެ ދަށުން، މިހާރުވެސް ތަފާތު 24 ޤައުމެއްގައި 1480 ދިވެހި ދަރިވަރަކު، މަތީ ތަޢުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަ ގެންދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި 54 ދަރިވަރަކު ތަފާތު ޕްރޮގްރާމްތައް އެބަ ފުރިހަމަކުރާ ކަމަށާއި އަދި ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި މިހާރުވެސް 117 ދަރިވަރަކު ކިޔަވަމުން އެބަގެންދާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙަވާލުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

އަޅުގަނޑުމެން މި ތަނުގައި އެއްވެ މިތިބީ ވަރަށް އުފާވެރި އިޙްސާސްތަކަކާއެކު. ދެންމެ މިތަނުން، ސްކޮލަރޝިޕާ ޙަވާލުވި 7 ދަރިވަރުންނަކީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މަތީ ސާނަވީ އިމްތިޙާނުތަކުން، އެންމެ މަތީ ދަރަޖައިގައި ފާސްވި ކުދިން. މިއީ، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ 5 ދަރިވަރަކާއި، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 2 ދަރިވަރެއް.

އާދެ! މިއީ މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުތަކުން ފުރާނާލައިގެން ނެގުނު އަރަގުކޮޅު. ތިޔަ ކުދިންގެ ޙަޔާތުން 12 އަހަރުގެ ބުރަ މަސައްކަތަށްފަހު، ތިޔަ ހޯދި ފުރިހަމަ ކާމިޔާބީއަށްޓަކައި، ވަރަށް ހޫނު މަރުޙަބާއެއް ރައްދުކުރަން. އަދި ތިޔަ ކުދިން މިއަދު ތިޔަ ޙާޞިލުކުރި ކާމިޔާބީއާ ހަމައަށް ކުރި ދިގު ދަތުރުގެ ތެރޭ އެޅި ކޮންމެ ފިޔަވަޅެއްގައި، ތިޔަ ކުދިންނަށް ހިތްވަރު ދެއްވައި އެހީތެރިވެދެއްވި މައިންބަފައިންނާއި ބެލެނިވެރިންނަށްވެސް މަރުޙަބާ ދަންނަވަން. ތިޔަ ކުދިންނަށް ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނަށް ޝުކުރު ދަންނަވަން.

ޢިލްމީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން، ދުނިޔެ އަޅަމުން އަންނަ ހަލުވި ފިޔަވަޅުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމުމަކީ، އުނގެނުމާއި ޢިލްމު ހޯދުމުގެ ޙަޤީޤީ ފެށުން. މިއަދު ތިޔަ ދަރިވަރުންނަށް ލިބުނު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއެކު، ދެން ތިޔަ ކުދިން ކުރިމަތިލާނީ މަތީ ތަޢުލީމުގެ މަރުޙަލާތަކާ.

ތަޢުލީމީ ގޮތުން މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް މިފަދަ ސްކޮލަރޝިޕްތައް ދެނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އެއީ ޒިންމާދާރުކަމާއެކު ޤައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވާނެ، އުފެއްދުންތެރި ޢިލްމީ ދަރިންތަކެއް ބިނާކުރުން. އެކަމަށްޓަކައި ދައުލަތުގެ ފަރާތުން މިހާރުވެސް ވަރަށް ބޮޑެތި ހޭދަތަކެއް އެބަ ކުރެވޭ.

ރާއްޖޭގައި ހުރި މަތީ ތަޢުލީމް ދޭ މުއައްސަސާތަކުން، ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ދައުލަތުގެ ޚަރަދުގައި އެކަން ކުރެވޭނެގޮތް ސަރުކާރުން ހަމަޖެއްސީ މިދިޔަ އަހަރު. އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް، މިހާތަނަށް 6250 ދަރިވަރަކަށް، 130 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ.

މީގެ އިތުރުންވެސް، ދިވެހި އެތައް ހާސް ދަރިވަރުންނެއް، ދުނިޔޭގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަ ގެންދޭ. އެ ހުރިހާ ދަރިވަރުންވެސް، ކިޔަވަމުން އެދަނީ ރާއްޖެއަށް ބޭނުންތެރި، ވަރަށް މުހިންމު ދާއިރާތަކަކުން. އިރާދަކުރެއްވިއްޔާ އެ ހުރިހާ ދަރިވަރުންނަކީވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ޙިއްޞާއެއް ވާނޭ ދަރިވަރުންތަކެއް ކަމުގައި އަޅުގަނޑު އުންމީދުކުރަން.

ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން. އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫން. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް، ދިވެހި ދަރިންނަށް ޢިލްމު ހޯދައިދޭން.

ތިޔަ ދަރިވަރުންވެސް، މަތީ ތަޢުލީމް ޙާޞިލުކުރަން ތިޔަ ނުކުންނަނީ، ތިޔަ ދަރިވަރުންގެވެސް އުންމީދުތަކަކާއި، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދެއް އޮތީމަ. ހަމައެފަދައިން، ތިޔަ ދަރިވަރުންގެ މައިމީހާ، އާދެ މި ލޮބުވެތި ވަޠަން، ތިޔަ ދަރިވަރުންގެ ފަރާތުން ކުރާ އުންމީދުތަކެއްވެސް އެބަހުރި. އެއީ ޤައުމަށް ވަފާތެރި، ތެދުވެރި އަދި އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރާނެ ދަރިންތަކެއް ކަމުގައިވުން.

މިއަދު އޮންލައިން