ޤައުމުގެ އިޤްޠިޞާދު ސަލާމަތް ކުރުމަށްޓަކާ ދިވެހިން މަސައްކަތު ނުކުންނަން ރައީސް ޞާލިޙް އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ޤައުމުގެ އިޤްޠިޞާދު ސަލާމަތް ކުރުމަށްޓަކާ ދިވެހިން މަސައްކަތު ނުކުންނަން ރައީސް ޞާލިޙް އިލްތިމާސްކުރައްވައިފި

ޤައުމުގެ އިޤްޠިޞާދު މިހާރު ވެއްޓިފައިވާ ފުންވަޅުގަނޑުން ސަލާމަތް ކުރުމަށްޓަކައި ދިވެހިން މަސައްކަތު ނުކުންނަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. 

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙަވާލުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން 

ރާއްޖޭގެ ޙަޔާތުގައިވެސް، އަޅުގަނޑުމެންނާ މިއަދު އަރާ ހަމަކޮށްފައި މިވަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޮރޯނާ ވައިރަހުގެ ނުރައްކަލުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް އަނަރޫފަވެފައިވާ ދުވަސްވަރެއް.

ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަސްދުވަހަށްފަހު، އަލުން ހުޅުވައިލެވުނީ މިދިޔަ ބުދަ ދުވަހު. މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، މި ޞިނާޢަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރު. މިކަމުގެ ސަބަބުން، އިޤްތިޞާދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައި.

އެހެންކަމުން، މިއީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތު. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތަކާއި، ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވާ ދިވެހިންގެ ޢަދަދު، މިހާރަށްވުރެ އިތުރުކޮށްގެން. ޚާއްޞަކޮށް ތިޔަފަދަ، ދިވެހި ޒުވާނުންގެ ތާޒާ ލޭގެ ހޫނުން، ޤައުމުގެ އިޤްތިޞާދަށް ދިރުން ލިބިގެން.

އެހެންކަމުން އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރަނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް. މިއީ، ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން، ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާގެ މިންވަރު މަދުކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް. ހަމައެފަދައިން، ޒުވާނުން ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވުމަކީ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކެއްގެވެސް ޙައްލެއް.

އެހެންވީމާ، ތިޔަ ދަރިވަރުންވެސް މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމަށް ބޭނުންތެރި، ޤައުމަށް ބޭނުންހިފޭފަދަ ޝަޚްޞިއްޔަތެއް، ތިޔައިން ކޮންމެ ދަރިވަރެއްގެ ކިބައިގައި އުފެއްދުމަށް. ތިޔަ ދަރިވަރުން ވިސްނަންވީ، ޤައުމު ތިޔަ ދަރިވަރުންގެ ކިބައިން އެދެނީ ކޮން ކަމަކަށްތޯ؟ ޤައުމަށްޓަކައި، ތިމާގެ ކިބައިގައި ތަރައްޤީ ކުރަންވީ، ކޮން ދާއިރާއަކުން، ކޮންކަހަލަ ހުނަރެއްތޯ؟

އަޅުގަނޑު އުންމީދުކުރަނީ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާއި، ހުރިހާ ޒުވާނުންނަކީވެސް، ޤައުމާމެދު ފިކުރު ހިންގައި، ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙުގައި ޢިލްމު އުނގެނި، މަސައްކަތާއި ހުނަރު ދަސްކޮށްގެން، ޤައުމު ތަރައްޤީ ކުރުމުގެ ޒިންމާއާ ޙަވާލުވާނެ ބަޔަކަށްވާނެކަމަށް. މާތް ﷲ ތިޔަ ދަރިވަރުންނަށް އެކަމުގައި ހެޔޮ ތައުފީޤު ދެއްވައި މަގު ފަހިކޮށްދެއްވުން އެދި ދުޢާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ޢިލްމުވެރި އަދި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމު ބިނާކޮށް އާރާސްތު ކުރުމުގެ ލޯބި އަޅުގަނޑުމެންގެ ހިތްތަކުގައި ދަމަހައްޓަވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އޮންލައިން