ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށް ހެދޭނެ ފަސޭހަ މަގު ވަރަށް ފަސޭހަ!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށް ހެދޭނެ ފަސޭހަ މަގު ވަރަށް ފަސޭހަ!: މުފްތީ މެންކް

ކީރިތި ޤުރްއާނުގައި "ޖިންނީންނާއި އިންސާނުން އުފެއްދެވީ ހަމައެކަނި ތިމަން ﷲ އަށް އަޅުކަން ކުރުމަށެވެ!" އޮތުމުން ކުޑައިރު އަހަރެންގެ ހިތުގަވެސް ސުވާލުތައް އުފެދުނެވެ. ކުޅިވަރުކުޅުމާއި ވަޒީފާ އަދާކުރުމާއި އެހެންކަންކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ ހަމައެކަނި އަޅުކަންކޮށްގެން ދުނިޔޭގައި އުޅެވިދާނެހެއްޔެވެ؟

އެސުވާލުތަކުގެ ޖަވާބު މިހާރު ވަނީ ލިބިފައެވެ. އެ އާޔަތުގައި އެވާ ވަޙީ ބަސްފުޅުގެ މާނައަކީ ކޮންމެ ދުވަހަކު ރޯދަ ހިފައި އަބަދު އަޅުކަންކުރުމުގައި ހުރުމެއް ނޫނެވެ. އެ ބަސްފުޅުގެ މާނައަކީ ފަރުޟުކުރެއްވެވި އަޅުކަން ކުރުމާއި އަދި ސުންނަތް އަޅުކަންވެސް ކުރުމާއި އަދި އެއްވެސް ކަމެއް ﷲ ތަޢާލާ ރުހިވޮޑިގަންނަވާގޮތަށް ނޫނީ ނުކުރުމެވެ. ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމެވެ. ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ!  

ﷲ ތަޢާލާ މީސްތަކުން އުފެއްދެވި ސަބަބު މުލްކް ސޫރަތުގައިވެސް ވަނީ ވަހީކުރައްވަވައިފައެވެ. 

"އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒް ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ." (އަލް މުލްކް: 2)

ވީމާ އަހަރެމެން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ އެމީހާ ކުރާ ކޮންމެ ޢަމަލަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ޢަމަލަކަށް ހެދުމަށެވެ. ހަމައެއާއިއެކު ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. އެއިރުން އެމީހަކަށް އެހުރެވެނީ ﷲ ތަޢާލާއަށް އަޅުކަންކުރުންމަތީގައެވެ. އެއިރުން އެމީހާ ކުރާ ކޮންމެ ޢަމަލެއް ވެގެންދާނީ އެމީހަކަށް ޘަވާބު ދެއްވަވާ ހެޔޮ ޢަމަލަކަށެވެ! 

އަދި ކީއްހެޔެވެ؟ މީހަކަށް ފާފައެއް ކުރެވުނުކަމުގައިވީނަމަވެސް އަވަހަށް ތައުބާވުމަކީވެސް އަޅުކަމެކެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ފާފައެއް ކުރެވުނު ނަމަވެސް ވީހައި އަވަހަކަށް ތައުބާވެ އިސްތިޣްފާރުކުރުންމަތީގައި ދެމިހުރުމަށެވެ. ގިނަގިނައިން ތައުބާވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާ ޢަމަލެކެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެެވެ". (އައްޒުމަރް: 53)

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން