އަންނަ އޮގަސްޓް މަހުގެ 7 އާ ހަމައަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރުކުރައްވައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިތުރުކުރީ 24 ދުވަހަށްކަމަށެވެ.
އެންމެ ފަހުން އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު މިރޭ މިނިސްޓަރު އަމީން ސޮއިކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާކަމަށެވެ.