ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއިގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ތިން މީހެއްގެ ހާލުބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައިގާއިމްކޮށްފައިވާ ކޮވިޑަށް ފަރުވާދޭ ސެންޓަރުން މި ތިންމީހުން ނަށް ފަރުވާދެމުން ދާއިރު މީގެތެރެއިން ދެ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1911 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 400 މީހުންނަށެވެ. އަދި މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2324 އަށް އަރައިފައެވެ.