މިއަހަރުގެ ޙައްޖު މޫސުން ފެށެންވާއިރަށް މައްކާއިން ވެސް ކޮރޯނާ ވައިރަސް ފިލާނެ ކަމަށް އުންމީދު ބޮޑުވާން ފަށައިފިއެވެ. ވެރިރަށް ރިޔާޒާއި ޖިއްދާ އަދި މައްކާގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު މިހާރުވަނީ ދުވާލަކު 200 ވަރަކަށް މީހުންނަށް މަދުވެފައެވެ.
ސައުދީގައި ކޮރޯނާ ވައިރަސް ފެތުރެއން ފެށުމުން މަސްޖިދުއްނަބަވީ އާއި މައްކާގެ ޙަރަމްފުޅު ބަންދުކުރިއެވެ. އަދި މަދީނާގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްވާން ފެށުމުން މަސްޖިދުއްނަބަބަވީ ޢާންމުންނަށް ހުޅުވައިލިއެވެ. އެއާއިއެކު ސައުދީ އިސްލާމިކް މިނިސްޓްރީން މިހާރު ބުނެފައިވަނީ މަދީނާ ސަރަހައްދުގައި މިވަގުތު ކޮރޯނާ ބަލި ނެތް ކަމަށެވެ.
ސައުދިޢަރަބިޔާގައި ހުކުރު ދުވަހުވެސް 4000 ވަރަކަށް މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. މައްކާގައި މިހާރު ފަރުވާ ހޯދަމުން ގެންދާ މީހުންގެ އަދަދު ވަނީ 12000 އަށް މަދުވެފައެވެ. މައްކާ ސަރަހައްދުގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 54000 އަށް އަރާއިރު މަރުވި މީހުންގެ އަދަދު ވަނީ 895 އަށް އަރައިފައެވެ.